ކ. މާލެ
|
19 ޖޫން 2023 | ހޯމަ 18:04
ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމް
ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމް
ބިލިއާޑް އެސޯސިއޭޝަން
އިންޓަރ އޮފީސް ބިލިއާޑް މުބާރާތް
އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލް އަދި ރައީސް އޮފީހަށް
މި މުބާރާތުގައި ޖުމްލަ 18 ޓީމު ބައިވެރިވެފައިވޭ

އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ރައީސް އޮފީހުން ހޯދައިފިއެވެ.

ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދީ ފައިނަލުގައި 2-1 ގެ ނަތީޖާ އަކުން ކަސްޓަމްސް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ގޭމުގައި އެމްޕީއެލްގެ އަބްދުﷲ އަފީފް އާއި މުހައްމަދު ދުންޔާޒްގެ ޕެއާ އާ ބައްދަލުކޮށް ކަސްޓަމްސްގެ ހުސައިން ފަޔާޒު އާއި ޔޫސުފް ޒުބެއިރުގެ ޕެއާ ވަނީ 7-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ދެވަނަ ގޭމުގައި ބައްދަލުކުރީ އެމްޕީއެލްގެ މުންތަސިރު އާއި ސައްމާންގެ ޕެއާ އަދި ކަސްޓަމްސްގެ އާދަމް ސޮލާހު އާއި ހިޝާމް މަޖީދުގެ ޕެއާއެވެ. މި ގޭމު 7-1 ގެ ފްރޭމުން ކާމިޔާބުކުރީ އެމްޕީއެލްގެ ޕެއާއެވެ.

ފައިނަލުގެ ފަހު ގޭމުގައި އެމްޕީއެލްގެ އަލީ ޝާވިން އާއި އިސްމާއިލް ޖީހާންގެ ޕެއާ ވަނީ ކަސްޓަމްސްގެ އަހުސަން ހާޝިމް އާއި ހާމިދު ފައިސަލްގެ ޕެއާގެ މައްޗަށް 7-5 އިން ކުރިހޯދާފައެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ރައީސް އޮފީހުން ހޯދީ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން އެމްއޭސީއެލް ބަލިކުރުމަށްފަހުއެވެ. އަންހެން ޑިވިޝަނުގެ ޓީމު އިވެންޓުގައި ކުޅެފައިވަނީ ތިން ސިންގަލްސް ގޭމެވެ. ފުރަތަމަ ގޭމުގައި ރައީސް އޮފީހުގެ އާމިނަތު ނަދާ ވަނީ އެމްއޭސީއެލްގެ އައިޝަތު މަލީޝާގެ މައްޗަށް 6-4 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

ދެވަނަ ގޭމުގައި ބައްދަލުކުރީ ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް އާއި އެމްއޭސީއެލްގެ އާދިލާ އާދިލްއެވެ. މި ގޭމު 6-3 އިން ފަގީހާ ކާމިޔާބުކޮށް، ރައީސް އޮފީސް ވަނީ މެޗުން މޮޅުވެފައެވެ. އެހެންކަމުން ރައީސް އޮފީހުގެ ދީނާ އަހުމަދު ވަނީ އެންމެ ފަހު ގޭމު ދޫކޮށްލާފައެވެ.

10 ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ފިރިހެން ޑިވިޝަނުން 13 ޓީމު އަދި އަންހެން ޑިވިޝަނުން ފަސް ޓީމު ވަނީ ބައިވެރިވެފައެވެ.

- ކޮމެންޓް