ކ. މާލެ
|
2 ޖޫން 2023 | ހުކުރު 17:00
ޑޮކްޓަރެއް
ޑޮކްޓަރެއް
ގެޓީ އިމޭޖަސް
ޑޮކްޓަރަށް ދައްކަން ދިޔުން
ބައެއް ޑޮކްޓަރުން ކައިރިއަށް ދިޔުމުން ހިތްމަރާލަނީ
ބައްޔަށް ދެވޭ ފަރުވާ އާއި އެއްވަރަށް ޑޮކްޓަރުގެ ފަރާތުން އަޅާލުމާއި އޯގާތެރިކަން ވެސް ބޭނުންވޭ

ކޮންމެ މީހަކު ވެސް ޑޮކްޓަރަށް ދައްކަން ދަނީ ވަރަށް އުންމީދުތަކާއެކުގައެވެ. އެމީހެއްގެ ބައްޔަށް ނުވަތަ އެ އޮތް ކަންބޮޑުވުމަކަށް ހައްލެއް ލިބޭނެކަމަށް ދެކިގެންނެވެ. ބައްޔަކަށް ދެވޭ ފަރުވާ އާއި އެއްވަރަށް ޑޮކްޓަރުގެ ފަރާތުން އެމީހަކަށް އަޅާލުމާއި އޯގާތެރިކަން ވެސް ބޭނުންވެއެވެ. ހިތްހެޔޮކަމާއެކު އެ ބަލިމީހާއާ ޑޮކްޓަރު ވާހަކަ ދައްކާލުމުން ވެސް އެމީހަކަށް އެއީ ވަރަށް ބޮޑު ކަމަކަށްވެއެވެ. އެކަން ހިތުގެ އަޑިން ބަލައިގަނެވެ. ރާއްޖެއަށް ބަލާއިރު ނަންކިޔޭ މަޝްހޫރު ޑޮކްޓަރުން ގިނައެވެ. މީގެ ތެރޭގައި ދިވެހި ޑޮކްޓަރުންނާއި ބޭރު ޑޮކްޓަރުން ހިމެނެއެވެ. ޑޮކްޓަރަށް ދައްކަން ދިޔުމުން އެކި މީހުންނަށް ކުރެވެނީ އެކި ކަހަލަ ތަޖުރިބާއެވެ. ރަނގަޅާއި ހިތި ތަޖުރިބާއެވެ.

ޑޮކްޓަރަށް ދައްކަން ދިޔުމުން ހިތި ތަޖުރިބާތައް ކުރެވޭ މީހުން ދެވަނަ ފަހަރަކަށް އަނބުރާ އެ ޑޮކްޓަރެއް ކައިރިއަށްދާކަށް ބޭނުމެއް ނުވެއެވެ. އެހެން ދިމާވަނީ އެ ބަލިމީހަކާ ދޭތެރޭގައި އެ ޑޮކްޓަރެއް އަމަލުކުރާ ގޮތުންނެވެ. ނުވަތަ މުއާމަލާތް ކުރާ ގޮތަކުންނެވެ. ބައެއް މީހުން ބުނާގޮތުގައި ބައެއް ޑޮކްޓަރުން ވަރަށް ރުންކުރު ރަހުމްކުޑަގޮތަކަށް ވާހަކަ ދައްކައެވެ. އަދި އެމީހަކު ބަލިވެގެންދިޔުމުން ބަލީގެ ވާނުވާ ރަނގަޅަށް އޮޅުން ފިލުވައިނުދީ ގިނަފަހަރަށް ބޭސް ސިޓީ ލިޔުމަށްފަހު ފޮނުވާލުމަށް އަވަސްވެގަންނާނެއެވެ. އަދި ބައެއް ފަހަރު މާގިނަ ސުވާލުކުރުމުން ވެސް ޑޮކްޓަރު ހިތްހަމަނުޖެހޭ ތަން އާދައެވެ.

ރާއްޖޭގައި ވެސް ދަރިން ނުލިބެގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ގިނައެވެ. މިފަދަ ބައެއް މީހުން ފާހަގަކުރާ ގޮތުގައި ޑޮކްޓަރުންގެ ފަރާތުން މީހާ މުޅިން ހިތް މަރުވާ ކަހަލަ ބަސްތައް އިވެއެވެ. އެކަކު އޭނާގެ ތަޖުރިބާ ހިއްސާކުރިއެވެ. އެގޮތުން ދަރިއެއް ހޯދުމަށްޓަކައި އެތައް އަހަރެއްވަންދެން މަސައްކަތް ކުރަމުންދާ ދެމަފިރިން ޑޮކްޓަރަށް ދައްކަން ދިޔައެވެ. އަނބިމީހާގެ ހުރިހާ ޓެސްޓުތަކާއި ރިޕޯޓްތައް އެ އަންހެން ޑޮކްޓަރަށް ދެއްކިއެވެ. އެ ރިޕޯޓްތައް ބެލުމަށްފަހު އެންމެ ފުރަތަމަ ވެސް ޑޮކްޓަރު އަހާލީ "ދެން އަހަރެން ކޮން ކަމެއްތޯއޭ ކޮންދޭންވީ" އެހެން ބުނުމަށްފަހު އެ އަންހެންމީހާއާ ދިމާލަށް ބުނީ ހިކޭށެވެ. އެ އަންހެންމީހާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ޑޮކްޓަރަކު އެހެން އަމަލުކުރުމުންނެވެ. ދަރިއެއް ހޯދުމަށްޓަކައި އެ އަންހެންމީހާ ހިކެން ޖެހޭނަމަ އެ ޑޮކްޓަރަށް އެއަށްވުރެ ރީތިކޮށް، އޯގާތެރިކޮށް ވެސް ބުނެވޭނެއެވެ. ފަލަވުމުން ދަރިމައިވުމުގެ ނިޒާމަށް އައިސްދާނެ ބަދަލުތަކާ އެހެންވެސް އެފަދަ ކަންކަން ސާފުކޮށް ކިޔައިދެވިދާނެއެވެ. ވީ ފޫސެއްގެ ބޮޑުކަމުން އެއަށްފަހު މިއަދާ ހަމައަށްވެސް އެ އަންހެން މީހާ އެ ޑޮކްޓަރު ކައިރިއަކަށް ނުދެއެވެ.

އަނެއްކާ ދަރިން ނުލިބެނީ ހަމަ އެކަނި އަންހެން މީހާގެ ކިބައިގައި ހުންނަ ކަމަކުން ނޫންކަމަށްވެސް ވެދާނެއެވެ. ވުމާއެކު ހަމައެކަނި އަންހެން މީހާއަށް ފޯކަސް ކުރުމުގެ ބަދަލުގައި ކުއްޖަކު ހޯދަން އުޅޭ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާވެސް ކަންތައް ކުރަންޖެހޭ ގޮތަތްކެއް ހުރިނަމަ އެކަމެއްވެސް ކިޔައިދެވިދާނެއެވެ.

ޑޮކްޓަރުން ބަސް ބުނުމުގެ ކުރިން ވިސްނާލާފަ ބުނާއެއްޗެއް ބުނުން ވަރަށް ވެސް މުހިންމެވެ. ވަރަށް ގިނަފަހަރު އެދެމީހުންގެ އުންމީދުތައް ގުޅިފައި އޮންނަނީ ޑޮކްޓަރު ދޭ ލަފަޔާ ބުނާ ބުނުންތަކުގެ މައްޗަށެވެ. އެމީހަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި އެމީހާގެ ހިތް މަރުވާ ކަހަލަ އެއްޗެހި ބުނުމުން ޑޮކްޓަރުން ކައިރިއަށް ވެސް ދާން އެމީހުން ފަސް ޖެހޭނެއެވެ. މިއާ ޙިލާފަށް މަދުން ނަމަވެސް ރަނގަޅު ޑޮކްޓަރުންނާއި ވެސް ބައްދަލުވެއެވެ. ބަލިމީހާ ޑޮކްޓަރަށް ދައްކަން ދިޔުމުން ހާލު އަހާ، އެމީހެއްގެ ފަރާތުން ހޯދަން ޖެހޭ ހުރިހާ މައުލޫމާތެއް ހޯދައެވެ. އަދި ކަންތައްތައް ތަފްސީލުކޮށް ކިޔައިދެއެވެ. އެމީހަކު ޑޮކްޓަރު ކޮޓަރިއަށް ވަނުމުން އަވަހަށް ފޮނުވާލާކަށް ނޫޅެއެވެ. މިސާލަކަށް ފިރިހެން މީހާ އާންމުކޮށް ލާ އަންނައުނު ފަދަ ކަންކަމާބެހޭގޮތުން ސުވާލު ކުރެއެވެ. ފިރިހެންމީހާ ގިނަ ވަގުތު ތަކުގައި ބާރު ޖީންސް ލުމަކީވެސް ދަރިން ލިބުމަށް ހުރަސް އަޅާކަމެއްކަމަށް ވެއެވެ. އެހެން ކަމުން ގޭތެރޭގަ އުޅޭ ވަގުތު ތަކުގައި ދޫ ހަރުވާޅެއް މުންޑެއްފަދަ އެއްޗެއް ބޭނުް ކުރުމަށް ނަސޭހަތްތެރި ވެއެވެ. މިފަދަ މޭރުމުން ބަލިމީހާ އާ މުއާމަލާތުކުރާ ޑޮކްޓަރުންނަކީ ތައުރީފު ހައްޤު ބައެކެވެ. މަދުން ނަމަވެސް ސިއްހީ ދާއިރާގައި މިފަދަ ޑޮކްޓަރުން ތިބިކަން އެއީ ލިބޭ ހިތްހަމަޖެހުމެކެވެ. ހިތްމަރާލާ ޑޮކްޓަރަށްވުމުގެ ބަދަލުގައި އެމީހަކަށް ހިތްވަރު ދޭނެ ޑޮކްޓަރަކު ކޮންމެ މީހަކު ވެސް ބޭނުންވާނެކަން ޔަޤީނެވެ.

- ކޮމެންޓް