ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 06:34
ނިއުނިއު އޭނާގެ ބައްޕައާއެކު
ނިއުނިއު އޭނާގެ ބައްޕައާއެކު
ރޮއިޓާރސް
ނިއުނިއުގެ ދިރިއުޅުން
މަންމަނު ދެމަފިރިއެއްގެ ކުޑަކުޑަ ތަރުޖަމާނު: ހުވަފެނަކީ ޑޮކްޓަރަކަށް ވެ، ވާހަކަ ނުދެއްކޭ ބަލި މީހުންނަށް އެހީތެރިވުން!
7 އަހަރުގެ ނިއުނިއު އުފުލަމުންދާ ޒިންމާއަކީ، އަދުގެ ފުރާވަރު ޢުމުރުގެ ކުއްޖަކުވެސް އުފުލަން ފަސްޖެހޭނެ ވަރުގެ ޒިންމާއެއް
ނިއުނިއުއަކީ މަންމަނު މީހުން މަޢާމަލާތު ކުރަން ބޭނުން ކުރާ ސައިން ލޭންގުވިޖު ނުވަތަ އިޝާރާތުގެ ބަހުރުވައަށް ފަރިތަ ކުއްޖެއް

މައިންބަފައިންނަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުންނަ ދަރިއަކު ލިބުމަކީ ކޮންމެ މަންމައަކާއި ބައްޕައަކަށްވެސް ބަޔާންކޮށްދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިއްބައިދޭ ކަމެކެވެ. ދަރިފުޅުގެ ޢުމުރުން ކިތަންމެ ހަގު ކަމުގައި ވީ ނަމަވެސް، ހެޔޮ ލަފާ، އޯގާތެރި ދަރިއަކު ހުރުމަކީ ދިރިއުޅުމުގެ ހަލަބޮލި ކަމުގެ ތެރޭގައި ކޮންމެ މަންމައަކާއި ބައްޕައަކަށްވެސް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ބަދަލުވަމުން އަންނަ އާދަކާދައާއި ޘަޤާފަތުގެ ތެރެއިން، އަދުގެ ޖީލަކީ އެފަދަ ދަރިން ތަދު ޖީލެކޭ ދެންނެވިދާނެއެވެ. އެކަމުގެ އެންމެ ބޮޑު ހަތުރެއްގެ ދައުރު އަދާ ކުރަނީ ތަންމިނަށް ހުޅުވިފައި އޮތް އިންޓަރނެޓް ކަމަށް އެއް ބަޔަކު ވަކާލަތު ކުރާ އިރު، ކުރިން މި ބުނި ކަހަލަ ހެޔޮ ލަފާ ދަރިންގެ އެތައް މިސާލެއްވެސް ހަމަ އިންޓަރނެޓުން އެބަ ފެނެއެވެ.

ދައްކަން މި އުޅެނީ މި ފަހަކުން އިންޓަރނެޓް ފަތަޙަ ކުރި ޗައިނާ ކުއްޖެއްގެ ވާހަކައެވެ. ޢުމުރުން އެންމެ 7 އަހަރުގެ އެ އަންހެން ކުއްޖާ ނިސްބަތް ވަނީ ޗައިނާގެ ސީޝުއާން ޕްރޮވިންސްއަށެވެ. ނިއުނިއުގެ ވަނަމުން މުޚާތަބުކުރާ އެ ކުއްޖާއަށް އިންޓަރނެޓްގެ ވަޒަންވެރިންގެ ސަމާލުކަން ހުއްޓުނީ ސަބަބެއް ނެތިއެއް ނޫނެވެ. ނިއުނިއުއަކީ މަންމަނު މީހުން މަޢާމަލާތު ކުރަން ބޭނުން ކުރާ ސައިން ލޭންގުވިޖު ނުވަތަ އިޝާރާތުގެ ބަހުރުވައަށް ފަރިތަ ކުއްޖެކެވެ. އެތައް ބައެއްގެ ސަމާލުކަން ނިއުނިއުއަށް ހުއްޓުނީ، އަޑުއިވުމާއި ވާހަކަދެއްކުމުގެ ފުރުޞަތު ލިބިފައި ނެތް އޭނާގެ ބައްޕައަށް، އިޝާރާތުގެ ބަހުރުވައިން ތަރުޖަމާތައް ކޮށްދެމުން ދާ ގޮތް ފެނިފައެވެ. ނިއުނިއުގެ ބައްޕައަކީ ޕެޑިކިއޯރިސްޓެކެވެ. ނުވަތަ ޒީނަތްތެރިވުމުގެ ގޮތުންނާއި ޞިއްޙީ ގޮތުން ފައިތިލައިގެ އެކި ފަރުވާތަކަށް ޚާއްޞަ މީހެކެވެ.

ފައިތިލައިގެ މަސާޖުތަކަށް އަންނަ ކަސްޓަމަރުންނާއި ނިއުނިއުގެ ބައްޕައާއި ދެމެދު ކުރަން ޖެހޭ މުޢާމަލާތްތައް ތަރުޖަމާ ކޮށްދިނުމުގެ މޭސްތިރިއަކީ، ޚުދު ނިއުނިއުއެވެ.

ނިއުނިއުގެ މަންމައާއި ބައްޕައަކީވެސް މަންމަނު ދެ މީހުންނެވެ. އެ ދެމަފިރިންނަށްވެސް އެ ޙާލަތު މެދުވެރިވީ ކުޑަ އިރު ޖެހުނު ބައްޔެއްގެ ސަބަބުންނެވެ. ޢާއިލާ މެންބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކީ ދެމަފިރިން ވެގެން ވިޔަފާރިއެއް ފަށާ، ކޮޅަށްޖެހި ދިރިއުޅުން އެގޮތުގައި ކުރިއަށް ގެންދިއުމުގައި ޢުމުރުން އެންމެ 7 އަހަރުގެ ނިއުނިއު އުފުލަމުންދާ ޒިންމާއަކީ، އަދުގެ ފުރާވަރު ޢުމުރުގެ ކުއްޖަކުވެސް އުފުލަން ފަސްޖެހޭނެ ވަރުގެ ޒިންމާއެކެވެ.

އިޝާރާތުގެ ބަހުރުވަ ދަސްކުރަން ފެށީ އަހަރެންގެ ޢުމުރުން 2 އަހަރުގަ، ބައްޕައާ އެއްކޮށް. ބައެއް ފަހަރު ދޭހައެއް ނުވާނެ. އެ ކަހަލަ ކަންކަން ވީމަ، ބައްޕަ ޓައިޕްކުރާނީ ފޯނުގަ. އަހަރެންގެ ޢުމުރުން 4 އަހަރު ވީ އިރު، ތަރުޖަމާނު ކުރުމުގެ ކަންކަމުގަ ބައްޕައަށް އެހީވާން ފަށައިފިން. ފެށިއިރު ވަރަށް ހާސްވި. ބުނާނެ އެއްޗެއް މާ ބޮޑަށް ޔަޤީން ނުވާތީ. އެކަމަކު، މަޑުމަޑުން ކުރިއަށް ދަމުން ދަމުން ގޮސް، އެކަން ބަދަލުވީ
ނިއުނިއު؛ ޗައިނާ ކުއްޖެއް

ބައްޕައާއި ބައްޕަގެ ކަސްޓަމަރުންގެ މެދުގައި ތަރުޖަމާނެއްގެ ގޮތުގައި ނިއުނިއު ކުރަމުންދާ މަސައްކަތް ފެނި، އެތައް ބައެއްގެ ލޯބި އޭނާއަށް ލިބެއެވެ. ނިއުނިއުގެ ބައްޕަ ގާތުން ޚިދުމަތް ހޯދަން އަންނަ ކޮންމެ މީހަކުވެސް ހުންނަނީ އެހާ ޅަ ޢުމުރުގައި އިޝާރާތުގެ ބަހުރުވައަށް އެ ކުއްޖާ ފަރިތަވެފައި ވާ މިންވަރު ފެނި، ޝޯޚުވެފައެވެ.

ނިއުނިއުގެ ބައްޕައަށް އޭނާ ކުރާ ތަޢުރީފުގެ ކޮޅެއް ނެތެވެ. ބައްޕަގެ ފައިގެ މަސާޖުތަކަކީ 1 ވަނައިގެ މަސާޖުތަކެއް ކަމަށް ނިއުނިއު ބުނެއެވެ. ނިއުނިއުގެ ދުނިޔޭގައި، އޭނާގެ ސުޕަރހީރޯއަކީވެސް އޭނާގެ ބައްޕައެވެ.

ނިއުނިއުގެ މަންމައާއި ބައްޕަ އެ ދަރިފުޅު ބަލާ ބޮޑުކުރަމުން އެދަނީ، ހުރިހާ ޙިއްސެއް ފުރިހަމައަށް ލިބިފައި ތިބި މީހުންވެސް އެމީހުންގެ ދަރިން ބަލާ ވަރަށް ނުވަތަ އެއަށްވުރެވެސް ފުރިހަމައަށެވެ.

ނިއުނިއުއަކީ ހަމަ އެކަނި އޭނާގެ ބައްޕަގެ ތަރުޖަމާނެއް ނޫނެވެ. އެހެން މީހުންގެ ޖަޒުބާތުތައް ދެނެގަނެ، އެ ބައެއްގެ ހިތަށް ހަމަޖެހުން ގެނެސްދިނުމުގެ އާދަޔާ ޚިލާފު ހުނަރެއްވެސް ނިއުނިއުއަށް ލިބިފައިވެއެވެ. އަވަށްޓެރިންގެ ހިތްތަކުގައިވެސް ނިއުނިއުއަށްޓަކައި އޮތީ ލޯތްބެވެ.

ބަލިވެ މިހެން އުޅޭ އިރު ނިއުނިއުމެންގެ ފިހާރަ ކައިރީގަ އިންނަ އިރު، ނިއުނިއު އަބަދުވެސް އަންނާނެ އަހަރެންގެ ޙާލު ބަލާލަން. ދެން ފިހާރަ ތެރެއަށް ވައްދާފަ، ފައި ތެއްމާލަދީ ހަދާނެ. ފެން ގެނެސްދީފަ، އޭނަގެ ބައްޕައަށް ގޮވާ، ގެންނާނެ. މި ހިސާބުގަނޑު އެންމެންވެސް ނިއުނިއު ދެކެ ވަރަށް ލޯބިވާނެ. އެއީ އަހަރެމެން މީ އަވަށްޓެރިންނަށް ވީމަ، އެކަކު އަނެކަކު ފެނުނީމަ ގޮވާލާ ހަދަން. މިހާރު އެންމެންވެސް ނިއުނިއުއަށް ގޮވާނީ، ކުޑަކުޑަ ތަރުޖަމާނޭ ކިއާފަ
ޗެން ހަޔަން؛ ނިއުނިއުގެ އަވަށްޓެރިއެއް

އެލެމެންޓްރީ ސްކޫލު ނުވަތަ ރާއްޖޭގެ ގޮތަށް ބުނާނަމަ ޕްރައިމަރީ ސްކޫލަށް ނިއުނިއު ދާން ފެށީ މި އަހަރުއެވެ. ސްކޫލު ދަތުރުތަކުގައި ނިއުނިއުގެ ކެޕްޓަނަކީ އޭނާގެ ބައްޕައެވެ. ސްކޫލުގެ ފިލާވަޅުތައް ނިންމާލުމަށްފަހު ނިއުނިއުއަށް މިހާރު ބައްޕަގެ ވިޔަފާރީގައި އެހީވެދެވެނީ ހަފުތާ ބަންދުގައި އެކަންޏެވެ.

ބައްޕަވެސް ނިއުނިއުގެ ތަޢުލީމަށް ވުރެ އިސް ކުރާ އެހެން އެއްވެސް ކަމެއް ނެތެވެ. އެ ބައްޕަގެ ހުރިހާވެސް އުންމީދަކީ ޞިއްޙަތު ސަލާމަތުން ހުރި، އުފާވެރި ކުއްޖެއްގެ ގޮތުގައި ނިއުނިއު ބޮޑުވުމެވެ. އެ ޢުމުރުގެ އެހެން ކުދިންނަށް ލިބޭ އެއްޗަކުން އެންމެ މިންވަރެއްވެސް ނިއުނިއުއަށް އުނިވާކަށް ނޭދެއެވެ.

ބައްޕަ ބުނަނީ، ކޮންމެ ވަޒީފާއެއް އަދާ ކުރިއަސް، ހަމައެކަނި ބޭނުންވަނީ އަހަރެން ދުޅަހެޔޮކަމާއި އުފާވެރިކަމާއެކު ބޮޑުވެވޭ ވަރަށް ފައިސާ ހޯދަން ކަމަށް. އަހަރެންގެ ހުވަފެނަކީ ޑޮކްޓަރަކަށް ވެގެން، ވާހަކަ ނުދެއްކޭ ބަލި މީހުންނަށް އެހީތެރިވުން. އެގޮތަށް އެމީހުންނާ ވާހަކަދައްކާލުމަކީ އޭރުން އަހަންނަށް ނޭވާލުންހާ ފަސޭހަ ކަމަކަށް ވާނީ.
ނިއުނިއު؛ ޗައިނާ ކުއްޖެއް

ބައްޕައާއެކު ވިޔަފާރީގައި އެހީތެރިވުމަށް ނިއުނިއު ވަގުތު ހޭދަކުރާއިރު، ކުޅުމުގެ ތެރޭގައި ހޭދަ ކުރާ ވަގުތު، އެހެން ކުދިންނަށް ވުރެ މަދެވެ. ނަމަވެސް އެއީ ނިއުނިއުއަށް މައްސަލައަކަށް ނުވެއެވެ. ބައްޕައާއި ބައްޕަގެ ކަސްޓަމަރުންނަށް އެހީތެރިވުމަކީ، ނިއުނިއުއަށް ޚާއްސަ އުފަލެއް ލިއްބައިދޭ ކަމަކަށް އޮންނަނީ ވެފައެވެ.

ނިއުނިއުގެ ޢާއިލާއަކީ މާ މުއްސަނދި ޢާއިލާއެއް ނޫނެވެ. ނަމަވެސް ޢާއިލާގެ މެންބަރުން އެކަކު އަނެކަކަށް އެއްބާރުލުން ދިނުމާއި، ހިއްސާކުރަމުންދާ މިނެއް ނެތް ލޯބީގެ ނަތީޖާއަކަށް ވީ، މުސްތަޤުބަލަށްޓަކައި ޢާއިލާގެ ކޮންމެ މެންބަރެއްގެ ހިތުގައިވެސް ސާބިތުކަމެއް އުފެދިގެން ދިއުމެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރާ ބައެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް