ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 07:48
މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް ދީފައިވަނީ 7 ފަރާތަކަށް
މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް ދީފައިވަނީ 7 ފަރާތަކަށް
ގެޓީ އިމޭޖަސް
ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް
މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 2023ގެ ނަތީޖާ އިއުލާންކޮށްފި
ސްކޮލަރޝިޕްތަކަށް އެދި ޖުމްލަ 49 އެޕްލިކޭޝަން ލިބިފައިވޭ

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް މި ސަރުކާރުން ހުޅުވާލި "މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 2023 "ގެ ނަތީޖާ އިއުލާނުކޮށްފިއެވެ.

ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލަރޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ހުޅުވާލީ މި އަހަރުގެ އެޕްރީލް 20 ވަނަ ދުވަހުއެވެ.

Advertisement

މި ސްކޮލަޝިޕްތަކުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ.

ވަގުތީ ނަތީޖާ އިއުލާނުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީހުން ބިނާ ކުރުމުގެ ދާއިރާއަކީ މިސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ސްކޮލަޝިޕް ލިބުނު ޑޮކްޓަރުން ސްޕެޝަލައިޒްވުމަށްފަހު ގައުމަށް އެނބުރި އައިސް ރައްޔިތުންނަށް އެ ޑޮކްޓަރެއް މަސައްކަތް ކުރާ ސަރަހައްދުތަކުން ބޭނުންވާ ސިއްހީ ޚިދުމަތްތައް ފަސޭހައިން ލުއި ފަސޭހަކޮށް ލިބިގެން ދިއުމަކީ އުއްމީދު ކުރައްވާކަމެއް ކަމަށެވެ.

ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން ތައްޔާރު ކުރުމަކީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް. މިގޮތުން އަޅުގަނޑުމެންވާނީ ތަފާތު ސްކޮލަޝިޕް ސްކީމްތައް މިހާރުވެސް އިއުލާންކޮށްފައި. މިއަދު އަޅުގަނޑު އުފަލާއެކު މި ފާހަގަކޮށްލަނީ ޑޮކްޓަރުންނަށް ސްޕެޝަލައިޒްވުމަށްޓަކައި ސްކޮލަޝިޕްތަކެއް ދެވުނުކަން. އަޅުގަނޑުމެން ސްކޮލަޝިޕްތަކެއް މިދެނީ ޑޮކްޓަރުން ސްޕެޝަލައިޒްވެގެން އެނބުރި އައިސް މިނިސްޓްރީ އޮފް ހެލްތަށް ބޮންޑް ކުރެވޭގޮތަށް ކޮންޓްރެކްޗުއަލް އެގްރިމެންޓެއްގައި ސޮއިކުރެވޭގޮތަށް ސްކޮލަޝިޕް ކިޔަވަންދާގޮތަށް
ޑރ. އިބްރާހިމް ހަސަން / މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން

މިފަހަރުގެ ސްކޮލަރޝިޕްތަކަށް އެދި ޖުމްލަ 49 އެޕްލިކޭޝަން ލިބިފައިވެއެވެ. މިއަހަރު ހުޅުވާލީ 7 ފުރުސަތެވެ. އެއީ ކޮންމެ ދާއިރާއަކުން ވެސް އެއް ޑޮކްޓަރަކު ސްޕެޝަލައިޒްވުމަށް ހުޅުވާލި ފުރުސަތުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެނެސްތީސިއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާރޖަރީ، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނެކޮލޮޖީ، ޖެނެރަލް ސާރޖަރީ އަދި ޕީޑިއޭޓްރިކްސްއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ސްޕެޝަލައިޒްވުމަށް އިޚްތިޔާރުކޮށްފައިވާ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިނގާ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު) ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ.

ސްކޮލަރޝިޕްގައި ކެންޑިޑޭޓުން ފުރިހަމަކުރާ ޕްރޮގްރާމްގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅޭ ވަކި މުއްދަތަކަށް މިނިސްޓްރީ އޮފް ހެލްތަށް ޚިދުމަތް ކުރުމަށް ޝަރުތު ކުރެވޭނެއެވެ. އެހެންކަމުން، ޕްރޮގްރާމް ނިންމުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ޚިދުމަތްކުރުން ލާޒިމުވާނެއެވެ.

ވަގުތީ ނަތީޖާ އިޢުލާނުކުރެވުނު 7 ސްކޮލަރޝިޕްގެ ދާއިމީ ނަތީޖާ އިޢުލާނުކުރަން ހަމަޖެހިފައިވަނީ 10 އޯގަސްޓް 2023 ގައެވެ. ދާއިމީ ނަތީޖާއަށް ބިނާކޮށް ސްކޮލަރޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ހޮވިއްޖެކަން އަންގާ ތާރީޚުން ފެށިގެން ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި އަން-ކޮންޑިޝަނަލް ޕްލޭސްމަންޓް ހުށަހަޅަންވާނެއެވެ. އަދި ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 10 މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެއެވެ.

މީގެއިތުރުން ވަގުތީ ނަތީޖާ ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓްގައި ވަނީ ޝާއިޢުކޮށްފައެވެ. ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ވަގުތީ ނަތީޖާއާއިގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެ މިނިސްޓްރީގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅޭނެކަމަށާއި ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 8 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 12:00 ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ސްކޮލަޝިޕްތައް މި ސަރުކާރުން ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުން ފެށިގެންނެވެ. މިދިޔަ އަހަރު 8 ސްކޮލަރޝިޕްގެ ފުރުސަތު ދީފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް