ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 17:29
ތުރުކީ ސްކޮލަރޝިޕް ހާސިލުކޮއްފައިވާ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން މިނިސްޓަރު މާރިޔާ މީޑިއާތަކަށް މައުލޫމާތު ދެއްވަނީ
ތުރުކީ ސްކޮލަރޝިޕް ހާސިލުކޮއްފައިވާ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން މިނިސްޓަރު މާރިޔާ މީޑިއާތަކަށް މައުލޫމާތު ދެއްވަނީ
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ
އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުން
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
ދަރިވަރުންގެ އަސާސީ ޚަރަދުތަށް ބެލެހެއްޓުމަށްދޭ ސްޓައިޕެންޑްގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ
ލިބޭ އެއްޗަކާއި ނުބައްދަލު ޚަރަދުތަކުން ދުރުހެލިވާންޖެހޭ
ލިބޭ ހުސް ވަގުތުތަކުގައި އެގައުމުގެ އާދަކާދަތައް ބަލާލާ ދަސްކޮށް ތަޖުރިބާ ހޯދުމަކީ މުހިންމު ކަމެއް

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ތުރުކީ ސްކޮލަރޝިޕް ހާސިލުކޮއްފައިވާ ދަރިވަރުން ބޭރަށް ފުރުމުގެ ކުރިން އެ ދަރިވަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ތައުލީމީ ދާއިރާއިން ރަނގަޅު ނަތީޖާއެއް ހާސިލުކުރުމަށް މަސައްކަތްކުރުމާއެކުވެސް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށްވެސް ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި، ދަރިވަރުން ކިޔެވުމަށް އިސްކަން ދިނުމުގެ އިތުރުން އާމްދަނީ އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ދަރިވަރުންގެ އަސާސީ ޚަރަދުތަށް ބެލެހެއްޓުމަށްދޭ ސްޓައިޕެންޑްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް، ތަފްސީލީ ބަޖެތެއް އެކުލަވާލައި، ކެޔުން ބުޔުމާއި، ދަތުރު ފަތުރު ކުރުން ފަދަ އަސާސީ ކަންތައްތަށްކުރުމުގައި، ޚަރަދުކުޑަކުރުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި ލިބޭ އެއްޗަކާއި ނުބައްދަލު ޚަރަދުތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވިއެވެ.

ތައުލީމީ ދާއިރާއިން ރަނގަޅު ނަތީޖާ ޙާޞިލުކުރުމަށް މަސައްކަތްކުރުމާއެކުވެސް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށްވެސް ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް. ޕާޓްޓައިމް ވަޒީފާތަކުގައި ހަރަކާތްތެރިވުމާއި، ޓިއުޝަން ނަގައިދިނުމާއި، ފްރީލޭންސް މަސައްކަތްތައް ކުރުމާއި، އަދި ކިޔެވުމުގެ ވަގުތުތަކާ ފުށުނާރާ ގޮތަށް ހުންނަ އެހެނިހެން އަމިއްލަ މަސައްކަތްތަކުގެ ސަބަބުން މާލީ އެހީތެރިކަން ލިބުމުގެ އިތުރުން، މުސްތަގުބަލުގައި ކެރިއަރ ކުރިއެރުވުމަށް ބޭނުންތެރި ތަޖުރިބާތަކެއްވެސް ލިބިގެންދާނެކަމެއް.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

މިނިސްޓަރު މާރިޔާ ވިދާޅުވީ ލިބޭ ހުސް ވަގުތުތަކުގައި އެގައުމުގެ އާދަކާދަތައް ބަލާލާ ދަސްކޮށް ތަޖުރިބާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެގޮތަށް އުޅުމުގައި އަބަދުވެސް ދަރިވަރުންނަކީ ގައުމު ތަމްސީލްކުރާ ބައެއްކަން ހަނދާނުން ނައްތާލައިގެން ނުވާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. އަބަދުވެސް ދީނުގެ ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓާ ނަމޫނާ ދެއްކުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ ފުރިހަމަ ތައުލީމަކީ ހަމައެކަނި ފޮތުން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި، އުޅޭމާހައުލާއި، ކުރެވޭ އައު ތަޖްރިބާތަކުން ތިމާގެ ރޫހަށާއި ޖިސްމަށް ލިއްބައިދޭ ހަމަޖެހުން ޝާމިލްވެގެން ހޯދޭނެ އެއްޗެއްކަމަށެވެ. އެގޮތުން ހަމައެކަނި ފޮތްކިއުމުގެ އިތުރުން އިތުރު ހަރަކާތްތަކަށްވެސް ވަގުތު ހޭދަކުރަން ޖެހޭކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް