ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމަށް ތިބި ބައެއް ނޫން ކަމަށާއި، ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ބަޔަކަށްވާންޖެހޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމަށް ތިބި ބައެއް ނޫންކަމަށާއި ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ގާބިލު އަދި ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭކަމަށެވެ. އަދި އެކަން ކަށަވަރުކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ މުހިންމު ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ތަންފީޒުކުރަމުންދާ މަތީ ތައުލީމުގެ މަންހަޖުގެ ތެރެއަށް، ސައިބަރ ކުށްތަކާއި ޑިޖިޓަލް އަދި ފޮރެންސިކްގެ ދާއިރާ ފަދަ ދާއިރާތައް ހިމެނުމުގެ މަސައްކަތް މަތީ ތައުލީމާ ބެހޭ ވުޒާރާގެ ފަރާތުން ކުރަމުން ގެންދާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މި ތަމްރީނުތަކަކީ ޒަމާނީ ކުށްތަކާއި، ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު އޮފިސަރުންނަށް ލިބޭނެ ތަމްރީނުތަކެއް. އަދި މި ތަމްރީނުތައް ވެގެންދާނީ، މަތީ ތައުލީމުގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އެންމެ ޒަމާނީ އުކުޅުތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ވަސީލަތަކަށްހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
މިނިސްޓަރު މާރިޔާ ވިދާޅުވީ ހުރިހާ ފުލުހުންނަށް ވެސް ހަމަހަމަކަމާއެކު މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންހެން އޮފިސަރުންނަށާއި އަތޮޅު ތެރޭގެ ރަށްރަށުގައި ތިބި އޮފިސަރުންނަށް ވެސް މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ، އެކި ދާއިރާތަކުން ތަމްރީނު އުނގެނުމުގެ ފުރުސަތު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން މިހާރު ފަހިވެފައިވާ ކަމަށެވެ. އަދި ގްރޭޑު 10 ނިންމައި ފުލުހުންގެ ޚިދުމަތާ ގުޅުމަށްފަހު މާސްޓާސް ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކޮށްފައިވާ އެތައް އޮފިސަރުންނެއް މިހާރުވެސް ފުލުހުންގެ ޚިދުމަތުގައި ތިބިކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ހަތަރު ކޯހަކުން 297 ދަރިވަރުން ދަސްވެނިވެފައި ވެއެވެ. އެއީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ 208 ދަރިވަރުންނާއި، ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކު މެނޭޖްމަންޓް ކޯހުގެ 27 ދަރިވަރުންނާއި، މާސްޓާސް އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް (ޕޮލިސިންގ އެންޑް ސެކިއުރިޓީ) ކޯހުގެ 37 ދަރިވަރުންގެ އިތުރުން ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯހުގެ 25 ދަރިވަރުންނެވެ.