ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 08:30
ޕެރަލައިޒްވެފައިވާ ޕޭޝަންޓެއް ހިނގަން މަސައްކަތް ކުރަނީ
މިނާ އަޝްރަފް
މިނާ އަޝްރަފް: ޖީބަށް ލުއިކޮށް ހުވަފެންތަކުގައި ކުލަޖައްސައިދޭ، އީޖާދީ ޑޮކްޓަރު
މިއީ ޕެރަލައިޒްވެފައިވާ ޕޭޝަންޓުން އަލުން ހެލިފެލިވެ އުޅުމުގެ އުއްމީދު އާކޮށްދެނިވި ޑިވައިސްއެއް
ޑރ. މިނާގެ އީޖާދަކީ ބަރުދަނުގެ ގޮތުން ބަލާއިރު ލުއިވާ ފަދައިން، ޚަރަދުގެ ގޮތުން ބަލާއިރު ޖީބަށްވެސް ލުއި އެކްސޯސްކެލެޓަނެއް

ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އެކި ކަހަލަ ގޮންޖެހުންތަކާއި އިމްތިހާނުތަކާ ކުރިމަތިލާން މަޖުބޫރުވެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް ހިތަށް އެންމެ ދަތި ކުރަނިވި އެއް ކަމަކީ ޕެރާލިސިސް ނުވަތަ ހަށިގަނޑުގެ ކޮންމެވެސް ގުނަވަނެއް ނުވަތަ ގުނަވަންތަކަކުން ވާގި ދިއުމެވެ.

ޖިސްމާނީގޮތުން ކުރިމަތިވާ ނުކުޅެދުންތެރިކަމާއެކު އެތައް ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހެއެވެ. ހަޔާތުގެ މައިދާނުގައި ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތައް މަޑުޖެހި، އެކަހެރިކަމާއި އެކަނިވެރިކަމުގެ އަނދަވަޅަކަށް ވެއްޓޭ ގޮތްވެސްވެއެވެ. މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ އެކަށީގެންވާ ފަރުވާއެއް ނުލިބުމެވެ. އެކަމަށް އެޅިފައި އޮންނަ އެންމެ ބޮޑު ހުރަހަކީ މާލީގޮތުން ކުރިމަތިވެފައިވާ ދަތިކަމެވެ. މި ކަންކަމަށް އީޖާދީ ހައްލެއް ހޯދާދިން އެކަކީ މިސްރަށް އުފަން ޑރ. މިނާ އަޝްރަފެވެ.

ކޮސްމޯސްގަ އަހަރެމެން އުފެއްދި މި އެކްސޯސްކެލެޓަނަކީ މުޅި ދުނިޔެއަށް ބެލިއަސް، މިފަދަ ޑިވައިސްތަކުގެ ތެރޭން އެންމެ ލުއި ޑިވައިސްތަކުގެ ތެރޭގަ ގުނާލެވޭނެ އުފެއްދުމެއް. މީ އިންޓަރނެޓާ ގުޅާލެވޭ ގޮތަށް އުފައްދާފަވާ، އައިއޯޓީ އެކްސޯސްކެލެޓަންގެ ފުރަތަމަ ބެޗްގަ ގުނާލެވޭ ޑިވައިސްއެއް. މި ޑިވައިސްގެ ގިނަ އޮޕަރޭޝަންތައް ވާނީ ނެޓާ ގުޅިފަ. މީ ފަސޭހައިން ރޫޅާ، ރާވާ ހެދޭ ގޮތަށް، 5 ބައި ހިމެނޭހެން ދުނިޔޭގަ އުފެއްދި މިފަދަ ފުރަތަމަ ޑިވައިސް. އެ ހެޔޮ ޑޮކްޓަރަކަސް، ބަލި މީހަކަސް. އަދި ކޮބާ، މީ ޑިވައިސްއިން ހަކަތަ އުފައްދާ މިންވަރު، ޕޭޝަންޓަށް ޚާއްސަކޮށްގެން އެޖަސްޓްކުރެވޭ ގޮތަށް މުޅި ދުނިޔޭގަވެސް ފަރުމާކުރި ފުރަތަމަ ޑިވައިސް. ޕޭޝަންޓުގެ ހަރަކާތްތަކަށް ރިއާޔަތްކޮށް، ހަރަކާތް ފުރިހަމަ ކުރުމަށްޓަކާ ލާންޖެހޭ އިތުރު ބާރު ޑިވައިސްއިން ދެނެގަނެ، އެ ބާގަނޑު ފޫބައްދާނެ.
ޑރ. މިނާ އަޝްރަފް؛ ނިއުރޯ ރީހެބިލިޓޭޝަން ސްޕެޝަލިސްޓް

ޑރ. މިނާގެ އީޖާދަކީ ބަރުދަނުގެ ގޮތުން ބަލާއިރު ލުއިވާ ފަދައިން، ޚަރަދުގެ ގޮތުން ބަލާއިރު ޖީބަށްވެސް ލުއި އެކްސޯސްކެލެޓަނެކެވެ. އެކްސޯސްކެލެޓަނަކީ ހަރަކާތް ހުއްޓިފައިވާ ގުނަވަންތައް ހަރަކާތް ކުރުވުމަށް އެހީއެއްގެ ގޮތުގައި، އެ ގުނަވަނެއްގެ ބޭރުން އަޅުވާ، ހަރު ތޮށިގަނޑެއް ނޫނީ ފްރޭމެކެވެ. މިއީ ޕެރަލައިޒް ވެފައިވާ ޕޭޝަންޓުން އަލުން ހެލިފެލިވެއުޅުމުގެ އުއްމީދު އައުކޮށްދެނިވި ޑިވައިސްއެކެވެ.

މި ޑިވައިސްގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ. އަމިއްލައަށް ކޮޅަށް ތެދުވެ އުޅުމަކީ ކުރިން ދުށް ހުވަފެނަކަށް ވެއްޖެ. މި ޑިވައިސްގެ އެހީގަ ތެދުވެ އުޅެލާ ހެދެން ފެށީމަ، އުއްމީދު އާވެއްޖެ. ކޮންމެވެސް ދުވަހަކުން އަހަންނަށް އެ ހުވަފެން ހާސިލު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވެން ފެށުނު. ރަނގަޅުވެދާނެ ކަމުގެ އުއްމީދު އާވި. އަހަރެން ބޭނުންވާ ނަތީޖާ ހޯދަން، ކުރިއަށް ދެވިދާނެ ކަމުގެ އަޒުމު ވަރުގަދަވި. ހެލިފެލިވެ އުޅުމުގެ ނަސީބު ގެއްލިފަ އިން މީހަކަށް، އަމިއްލައަށް ތެދުވެލެވުމަކީ ހާދަހާ ބޮޑު ކާމިޔާބެކޭ.
ޖީހާން އަބްދުﷲ؛ ސްޕައިނަލް ކޯޑަށް އަނިޔާވެފައިވާ މީހެއް

ޑރ. މިނާ އަޝްރަފަކީ ނިއުރޯ-ރީހެބެލިޓޭޝަން ސްޕެޝަލިސްޓެއްގެ އިތުރުން ފިޒިއޯތެރަޕިސްޓެއްވެސްމެއެވެ. ހައްޓަށް ލުއި އަދި ޖީބަށް ލުއި އެކްސޯސްކެލެޓަން އުފެއްދި ކޮސްމޯސް ބަޔޮނިކްސްގެ ބާނީއެވެ. ކޮސްމޯސް ބަޔޮނިކްސްގެ އެކްސޯސްކެލެޓަން ފަރުމާކޮށްފައި ވަނީ ފަސޭހައިން ރާވައި ރޫޅައި ހެދޭ ގޮތަށެވެ.

މިނާގެ ކުންފުނިން އުފައްދާ އެކްސޯސްކެލެޓަން ޑިވައިސްތަކުގެ  ބަރުދަން އުޅެނީ 9.5 ކިލޯގްރާމާ 13.5 ކިލޯގްރާމާ ދެމެދުގެ މިންވަރެއްގައެވެ. ޑިވައިސް ފަރުމާކޮށްފައި ހުންނަނީ އެ ބޭނުންކުރާ މީހާއަށް އެންމެ އެކަށޭނެ ބައްޓަމަށެވެ. އަދި އެމީހަކު ބޭނުންވާ ދުވެއްޔަކަށް އެކްސޯސްކެލެޓަންގެ ހަރަކާތްތައް ހަމަކުރެވޭނެ ގޮތަށެވެ. އެކަން ކުރަނީ މިނާގެ ކުންފުނިން ތައާރަފުކުރި މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.

ޖީހާން އަބްދުﷲއަކީ 2017 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި ސްޕައިނަލް ކޯޑަށް އަނިޔާވި މީހެކެވެ. އޭނާ މިއަދު ކޮޅަށް ތެދުވެ އެ ހުރީ ކޮސްމޯސް ބަޔޮނިކްސްގެ އެކްސޯސްކެލެޓަންގެ އެހީގައެވެ. ޖީހާން ކިޔައިދިން ގޮތުގައި އެ ޑިވަސްއިގެ ސަބަބުން، އަމިއްލައަށް ތެދުވެ އުޅެލެވޭނެ ކަމުގެ އުއްމީދު އައުކޮށްދެއެވެ.

ކޮސްމޯސް ބަޔޮނިކްސްގެ އަމާޒަކީވެސް އެއީއެވެ. ކޮންމެ މީހަކީވެސް އަމިއްލައަށް ހެލިފެލިވެ އުޅުމުގެ ފުރުސަތު އޮތް މީހަކަށް ހަދައިދިނުމެވެ. މިސްރުގައި ފެށިއެއްކަމަކު، އެ ކުންފުނީގެ މިސްރާބު ހުރީ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށްވެސް އެ ޚިދުމަތް ފުޅާކުރުމާ ދިމާއަށެވެ. އަދުގެ ބާޒާރުގައި އެކްސޯސްކެލެޓަން ޑިވައިސްތައް ލިބެން ހުރި އަގުތަކަށްވުރެ އިންތިހާއަށް ހެޔޮ އަގެއްގައި އެ ޑިވައިސްތައް ވިއްކުމަކީ ކޮސްމޯސް ބަޔޮނިކްސްގެ އެންމެ ބޮޑު އެއް އަމާޒެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް