ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 14:08
ޙައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވާ މީހާގެ ކަށު ނަމާދު ކުރުން އޮންނަނީ މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދުލްޙަރަމް ނުވަތަ މަދީނާގައި ހުންނަ އަލްމަސްޖިދުލްނަބަވީގައި
ޙައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވާ މީހާގެ ކަށު ނަމާދު ކުރުން އޮންނަނީ މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދުލްޙަރަމް ނުވަތަ މަދީނާގައި ހުންނަ އަލްމަސްޖިދުލްނަބަވީގައި
އެކްސް / މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ
ޙައްޖު 1445
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ޢަރަބި ޑިޕްލޮމެޓަކާ ޙަވާލާދީ، އޭއެފްޕީ ނިއުސް އޭޖެންސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ޙައްޖުގެ އަޅުކަމަށް މިޞްރުން ދިޔަ 658 މީހެއްގެ ފުރާނަ ވަނީ ގެއްލިފަ. އިންޑޮނޭޝިއާގެ 200ށް ވުރެ ގިނަ މީހުން މަރުވި ކަމަށް އެ ޤައުމުން ބުނާ އިރު، އިންޑިއާއިން ޙައްޖަށް ދިޔަ 98 މީހަކު މި ދުނިޔެއާ ވަކިވި ކަމަށް އެ ޤައުމުންވެސް ވަނީ ބުނެފަ. ޕާކިސްތާން، މެލޭޝިއާ، ޢުރުދުން، އީރާން، ސެނެގޯލް، ތޫނިސް، ސޫދާން އަދި ޢިރާޤުގެ ކޮންޓްރޯލް ދަށުގައި އޮންނަ ކުރުދީސްތާނުންވެސް ޙައްޖުވެރިން މަރުވި ކަން ވަނީ ކަށަވަރު ކޮށްދީފަ.

ޙައްޖު ދުވަސްވަރަކީ ތަފާތު އެތައް ޚަބަރެއް އަޑު އަހަން ޖެހޭ ދުވަސްވަރަކަށް އޮންނަނީ ވެފައެވެ. ނިމިގެން މިދާ 1445 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދަތުރު ކުރި މީހުންގެ ޢަދަދު، ގާތްގަނޑަކަށް 1.8 މިލިއަނަށް އެރި އިރު، އޭގެ ތެރެއިން 1000 އަށް ވުރެ ގިނަ މީހުން ވަނީ މި ދުނިޔެއާ ވަކިވެ، ދެމި އޮތުމުގެ ޢާލަމަށް ދަތުރު ކޮށްފައެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރޭގައި މި ދުނިޔެ ދޫކުރި އަޚުންނާއި އުޚުތުންގެ ތެރޭގައި ގިނައީ އިންތިހާ ގަދަ ހޫނުގެ ސަބަބުން ފަހު ނޭވާ ދޫކޮށްލި މީހުންނެވެ. ސަޢުދީގެ ފިނިހޫނުމިން، 51 ޑިގްރީ ސެލްސިއަސްއަށްވެސް އުފުލިގެން ދިޔައެވެ.

ޢަރަބި ޑިޕްލޮމެޓަކާ ޙަވާލާދީ، އޭއެފްޕީ ނިއުސް އޭޖެންސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ޙައްޖުގެ އަޅުކަމަށް މިޞްރުން ދިޔަ 658 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އިންޑޮނޭޝިއާގެ 200 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް އެ ޤައުމުން ބުނާ އިރު، އިންޑިއާއިން ޙައްޖަށް ދިޔަ 98 މީހަކު މި ދުނިޔެއާ ވަކިވި ކަމަށް އެ ޤައުމުންވެސް ވަނީ ބުނެފައެވެ. ޕާކިސްތާން، މެލޭޝިއާ، ޢުރުދުން، އީރާން، ސެނެގޯލް، ތޫނިސް، ސޫދާން އަދި ޢިރާޤުގެ ކޮންޓްރޯލް ދަށުގައި އޮންނަ ކުރުދީސްތާނުންވެސް ޙައްޖުވެރިން މަރުވި ކަން ވަނީ ކަށަވަރު ކޮށްދީފައެވެ. ޙައްޖުގެ އަޅުކަމަށް ދިޔަ އެމެރިކާގެ ބައެއް މުސްލިމުންގެ ފުރާނަ ގެއްލިފައި ވާ ކަމަށް ބެލެވޭ ކަމަށް ވޯލް ސްޓްރީޓް ޖަރނަލްއިން ރިޕޯޓް ކޮށްފައި ވާ އިރު، ޙައްޖުގެ އަޅުކަމަށް ގޮސް، ވީ ނުވީއެއް ނޭނގި ގެއްލިފައި ވާ މީހުން ހޯދުމަށްޓަކައި އެ މީހުންގެ ޢާއިލާތަކުންވެސް ދަނީ އަތްފުނާ އަޅަމުންނެވެ. ހޮސްޕިޓަލުތައް ބަލާ ފާސް ކުރުމުގެ އިތުރުން، ސޯޝަލް މީޑިއާގައިވެސް މެސެޖުތައް ހިއްސާ ކުރަމުންނެވެ.

އޭއެފްޕީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ވަކިވެ ދިޔަ މީހުންގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަކީ ކަނޑައަޅާފައި އޮތް އުސޫލުގެ ތެރެއިން ދަފުތަރު ނުވެ، ޙައްޖުގެ އަޅުކަމަށް ދިޔަ މީހުންނެވެ. ނުވަތަ، ކަނޑައަޅާފައިވާ ރާސްތާއިން ބޭރުން ޙައްޖުގެ އަޅުކަން އަދާ ކުރަން ބައިވެރިވި، ރަޖިސްޓްރީ ނުވާ މީހުންނެވެ. އެހެން ކަމުން، ފިނި ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ މާލަންތަކާއި، ފޭލިގެތަކާއި ބަސްތަކާ ހިސާބަށް ދެވޭނެ ފުރުޞަތު އެ މީހުންނަށް ނުލިބުނީ ކަމަށްވެސް އޭއެފްޕީއިން ބުނެފައިވެއެވެ.

ކަނޑައަޅާފައިވާ އުސޫލުން ބޭރުން މުސްލިމުން މައްކާއަށް ގެންގޮސް، ޙައްޖުވުމުގެ ކަންކަން ހަމަޖައްސައި ދެމުން ދިޔަ ޓްރެވެލް އޭޖެންޓުންތަކެއް ހައްޔަރު ކޮށްފައި ވާ ކަމަށް އުރުދުންއިން ވަނީ ހުކުރު ދުވަހު ބުނެފައެވެ. މިޞްރުންވެސް ވަނީ އެފަދަ ތަޙްޤީޤެއް ކުރިއަށް ގެންދާ ކަމަށް ބުނެފައެވެ.

ޙައްޖު މޫސުމަށް ދިމާކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ކުރާ މަސައްކަތްތައްވެސް ވަނީ މި ފަހުގެ އަހަރުތަކުގައި އިތުރު ކޮށްފައެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަށް ސަޢުދީއިން މަސައްކަތް ކުރަމުން ނުދާ ކަމުގެ ފާޑުކިޔުންތައް އެ ޤައުމަށް އަހަން ޖެހިފައި އޮންނަނީ އިންތިހާއަށެވެ. ވަކިން ޚާއްޞަކޮށް، ރަސްމީ ދަފުތަރުން ބޭރުން ޙައްޖުވާން ދާ މީހުންގެ މައްސަލައިގައެވެ. މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިނގި މަރުގެ ކޭސްތަކާ ބެހޭ ގޮތުން ސަޢުދީއިން އަދި ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނެތެވެ.

ކަން މިހެން އޮތް އިރު، ނިމިގެން މިދާ 1445 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ހިނގާ ދިޔަ މަރުގެ ކޭސްތައް ހިނގަން މެދުވެރިވި ކަމަށް ބެލެވޭ ބައެއް ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.

އާދަޔާ ޚިލާފަށް އިންތިހާ ހޫނުވުން

ޙައްޖުގެ އަޅުކަމުގެ ތެރޭގައި ރެކޯޑް މިންވަރަކަށް މަރުގެ ކޭސްތައް ރިޕޯޓް ކޮށްފައި އޮތުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ޤަބޫލު ކުރެވެނީ ސަޢުދީއަށް ކުރިމަތިވި އިންތިހާ ގަދަ ހޫނުކަމުގެ އޮއެވަރެވެ. މިއިން ދުވަހަކު ތަޖުރިބާ ކޮށްފައި ނުވާ މިންވަރަށް ސަޢުދީގެ ފިނިހޫނުމިން އުފުލުނެވެ. ހޫނަށް ހުށަހެޅޭ މިންވަރު ދަށްކޮށް، ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހިފަހައްޓާލުމަށް ސަމާލުވުމަށް ސަޢުދީގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އިންޒާރުތައް ދެމުން ދިޔައެވެ. ނަމަވެސް، ހީޓް ސްޓްރެސް އަދި ހީޓްސްޓްރޯކްގެ ޝިކާރައަކަށް، އެތައް ޙައްޖުވެރިންނެއް ވި މަންޒަރު ފެނިގެން ދިޔައެވެ. ނައިޖީރިއާގެ ޙައްޖުވެރިއެއް ކަމަށްވާ ޢާއިޝާ އިދުރީސް ބުނި ގޮތުގައި ހޫނު އިންތިހާއަށް ގަދަވެގެން ދިޔަ އިރު، އޭނާގެ ފުރާނަ ސަލާމަތްވީ ﷲގެ ތަނަވަސް ރަޙުމަތްފުޅުންނެވެ. އުޅުނީ ކުޑަ ނަގައިގެން ކަމަށާ، ކެނޑިނޭޅި، ޒަމްޒަމް ފެނުން ހަށިގަނޑު ތެތްމަމުން ދިޔަ ކަމަށްވެސް ޢާއިޝާ ވަނީ ބީބީސީއަށް ކިޔައިދީފައެވެ.

ޙައްޖުގެ އަޅުކަމަށް ދަތުރު ކުރި ނަޢީމު ނަމަކަށް ކިޔާ މީހަކު މި ދުނިޔެއާ ވަކިވެ ދިޔައީ ހީޓްސްޓްރޯކެއް ޖެހިގެންނެވެ. އޭނާގެ ޢާއިލާއަށް އެކަން އެނގުނީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ. މީޑިއާއާއި ވާހަކަދައްކަމުން ނަޢީމުގެ ދަރިފުޅު ކިޔައިދިން ގޮތުގައި، މަންމައާ ގުޅުން ކެނޑުނީ ހަމަ ކުއްލި ގޮތަކަށެވެ. އޭގެ ފަހުން، މަންމަގެ ޚަބަރެއް ވޭތޯ އެތައް ދުވަހަކު މަސައްކަތް ކުރި ފަހުން ދެން ލިބުނީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި މަންމަ ނިޔާވި ޚަބަރު ކަމަށް އެ ދަރިފުޅު ކިޔައިދިނެވެ. އަދި މަންމަ ކުރިންވެސް އެދިފައި އޮތް ފަދައިން، މައްކާގައި މަންމަގެ ހަށިގަނޑު ފަސްދާނުލުމުގެ ކަންކަން ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސަޢުދީގެ މާޙައުލަކީ ދުނިޔޭގެ އެކި ހިސާބުތަކުން ޙައްޖުގެ އަޅުކަމަށް ގޮސް ތިބޭ ގިނަ ބަޔަކަށް ފަރިތަ ނުވަތަ އާދަވެފައި އޮންނަ މާޙައުލެއް ނޫނެވެ. އެ ހޫނަކީވެސް އާދަޔާ ޚިލާފު ހޫނެކެވެ. ޖިސްމާނީ ހަރަކާތްތެރިވުން އިތުރު ވުމާއި، ހާމަ ބިންތައް އިންތިހާއަށް ފެތުރިފައި އޮތުމަކީ ކޮންމެ ކޮންމެ މީހަކަށް އުފުލޭ ވަރުގެ ތަކުލީފަކަށް ނުވެއެވެ. ގިނަ މީހުންނަކީ ޢުމުރުން އިންތިހާއަށް ދޮށީ މީހުންނެވެ. ނުވަތަ ޞިއްޙީ ގޮތުން ބަލިކަށިވެފައި ތިބި  މީހުންނެވެ.

ހޫނު ގަދަވުމުގެ ސަބަބުން ޙައްޖުވެރިން މަރުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 1400 ގެ އަހަރުތަކަށް ފެށީއްސުރެވެސް ހޫނުގެ ސަބަބުން ޙައްޖުވެރިން މަރުވި ކަމަށް ރިޕޯޓް ކޮށްފައި އެބަ ހުއްޓެވެ. ސައެންސްވެރިން ވަނީ، ދުނިޔެ ހޫނުވަމުން ދާ ދިއުމުގެ ސަބަބުން، ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. މޫސުމީ ކަންކަމުގައި ރޮއިޓަރޒް ނިއުސް އޭޖެންސީއަށް ލަފާ ދޭ މުޙައްލިލު، ކަރލް-ފްރީދިރިޗް ޝްލިއިޒްނަރ ބުނި ގޮތުގައި، ހޫނު މޫސުމީ ވެއްޓެއްގައި ޙައްޖުގެ އަޅުކަމާ ގުޅުން ހުރި ކަންކަން އޮޕަރޭޓް ކުރަމުން ދާތާ މިހާރު ޤަރުނަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް މޫސުމީ ކާރިޘާތަކުގެ ސަބަބުން، ޙާލަތު ގޯހުން ގޯހަށް ދަނީ ކަން އޭނާ ފާހަގަ ކުރިއެވެ. އޭނާގެ ދިރާސާއިން ދައްކާ ގޮތުގައި، ދުނިޔޭގެ ފިނިހޫނުމިން ސިނާޢީ ތަރައްޤީގެ ދުވަސްވަރުގެ ކުރިން އޮތް މިންވަރަށް ވުރެ ،1.5 ޑިގްރީ ސެލްސިއަސް މައްޗަށް ހިނގައްޖެނަމަ، ޙައްޖު ދުވަސްވަރު ހީޓްސްޓްރޯކް ޖެހުމުގެ ނުރައްކާ، 5 ގުނައަށް އިތުރުވުވުމުގެ ފުރުޞަތު އެބަ އޮތެވެ.

ތޮއްޖެހުމާއި ސާފުތާޚިރުކަން ކުޑަވުމުގެ މައްސަލަތައް

ތަފާތު އެކި މަސްދަރުތަކުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ކޮންޓްރޯލު ގެއްލިފައި އޮތް މަސްރަޙުގެ ކަންކަން ބެލެހެއްޓުމަށް ސަޢުދީގެ ކަމާ ބެހޭ ފަރާތްތަކުން ފެއިލްވުމުގެ ސަބަބުން ޙާލަތު އިތުރަށް ގޯސްވެގެން ދިޔައީއެވެ. އަދި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައިވެސް ކާރިޘީ ދަރަޖައަށް ކަންކަން ގޯސްވީއެވެ.

ޙައްޖުވެރިން ކައިބޮއި ހެދުމާއި އެނޫންވެސް އެފަދަ ކަންކަން ކުރަން ހުރި މަރުކަޒުތަކާއި ފޭލިގެތަކުގެ ކަންކަން ބަލަހައްޓާފައި ވަނީ ދޯދިޔާ ގޮތަކަށް ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. ފޭލިގެތައް ތޮއްޖެހިފައި އޮތް އިރު، ފިނިކުރާ ނިޒާމުތައް އެކަށީގެންވާ ގޮތެއްގައި ޤާއިމު ކޮށްފައި ނެތް ކަމަށާ، ސާފުތާޚިރުވުމުގެ ކަންކަންވެސް ހުރީ އެކަހަލަ ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޢުމުރުން 38 އަހަރުގެ އަމީނާ (އަސްލު ނަމެއް ނޫން) ނިސްބަތް ވަނީ ޕާކިސްތާނުގެ އިސްލާމްއާބާދަށެވެ. އަމީނާ ކިޔައިދިން ގޮތުގައި މައްކާގެ ގަދަ ހޫނުގައި އެ މީހުންނަށް ތިބެން ޖެހުނު ފޭލިގެތަކުގައި އޭސީއެއް ނެތެވެ. ހަރުކޮށްފައިވާ ކޫލަރުތަކުގައި ގިނަ ވަގުތު ފެން ނުހުންނަ ކަމަށްވެސް އަމީނާ ވަނީ ބުނެފައެވެ. ފޭލިގޭ ތެރެވެސް އޮތީ ހާސްކޮށް ކަމަށާ، އެކަމާ ހެދި، ތިބެން ޖެހުނީ ދާހިއްލާ ފޯވެފައި ކަމަށްވެސް އަމީނާ ކިޔައިދިނެވެ. ކުރެވުނީ ބަރުދާސްތުކުރަން ދަތި ތަޖުރިބާއެއް ކަންވެސް އޭނާ ފާހަގަ ކުރިއެވެ.

އިންޑޮނޭޝިއާގެ ޖަކާޓާއިން ޙައްޖަށް ދިޔަ ފައުޒިއްޔާވެސް އެކަމާ އެއްބަސްވިއެވެ. ފޭލިގެތައް ތޮއްޖެހި، އިންތިހާއަށް ހޫނުގަދަވެގެން ދިއުމުގެ ސަބަބުން އެތައް ބަޔަކު އަނބުރައިގަތް ކަމަށް އޭނާ ކިޔައިދިނެވެ. ރަނގަޅު ކުރެވިދާނެ އެތައް ކަމަކަށް އޭނާ މަރްޙަބާ ކިޔާނެ ކަމަށާ، ނަމަވެސް މި ފަހަރުގެ ޙައްޖުގެ ކަންކަމަކީ މިހާތަނަށް އެންމެ އިންތިޒާމުތައް ރަނގަޅު ފަހަރު ކަންވެސް ފައުޒިއްޔާ ވަނީ ފާހަގަ ކޮށްފައެވެ.

ކަން މިހެން އޮތް އިރު، ސަޢުދީ ޢަރަބިއްޔާގެ ޞިއްޙަތާ ބެހޭ ވަޒީރު ވަނީ، ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އެކަށައަޅާފައިވާ ވަޞީލަތްތަކުގެ ވާހަކަ ފާހަގަ ކުރައްވާފައެވެ. ސަޢުދީ ސަރުކާރުގެ ބަޔާނެއްގައި ވާ ގޮތުގައި ޙައްޖުވެރިންނަށް ޚާއްޞަކޮށްފައިވާ 189 ހޮސްޕިޓަލަކާއި، ޞިއްހީ މަރުކަޒުތަކުގެ އިތިރުން މޯބައިލް ކުލިނިކުތަކެއް ވަނީ ޤާއިމު ކޮށްފައެވެ. އެ ހުރިހާ ތަނެއްގެ ބެޑް ކެޕޭސިޓީ، 6500 އަށް ވުރެ މައްޗަށް އަރާއިރު، ޞިއްޙީ، ފަންނީ އަދި އިދާރީ މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ޕޫލްގެ މެންބަރުންގެ ޢަދަދު 40000 އަށް ވުރެ އިތުރު ކަމަށް މައުލޫމާތު ލިބެއެވެ.

ދަތުރުފަތުރު

އިންތިހާ ގަދަ ހޫނުގައި، ދުރު ރާސްތާތަކަށް ފައިމަގުގައި ހިނގުމަށް ޙައްޖުވެރިންނަށް މަޖުބޫރުވި އެތައް ހާލަތެއް އައި ކަމަށް ޚަބަރު ލިބެއެވެ. ބައެއް މީހުން ބުނި ގޮތުގައި އެކަން އެހެން ދިމާވީ މަގުތައް ބެދިގެންނެވެ. އަދި ކަންކަން ބެލެހެއްޓުން ދޯދިޔާވެގެންނެވެ.

މުޙައްމަދު އާޝާއަކީ ޕްރައިވެޓް ގުރޫޕަކަށް ޙައްޖުގެ ކަންކަން ހަމަޖައްސައިދޭ މީހެކެވެ. މުޙައްމަދު ފާހަގަ ކުރި ގޮތުގައި ހޫނު މޫސުމުގެ ދުވަސްވަރުން ދުވަހެއް ޙައްޖުވެރިއަކު ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް ހިނގަން ޖެހޭ ރާސްތާ، 15 ކިލޯމީޓަރަށް އަރައެވެ. އެކަމުގެ ސަބަބުން ހީޓްސްޓްރޯކަށް މީހާ ހުށަހެޅި، އިންތިހާ ވަރުބަލިކަމާ ކުރިމަތި ކުރުވާ އިރު، ފެން ތިބުން ދަތިކަންވެސް މުޙައްމަދު ފާހަގަ ކުރިއެވެ. މިއީ އޭނާ ޙައްޖަށް ދިޔަ 18 ވަނަ ފަހަރު ކަމަށާ، އޭނާގެ ތަޖުރިބާއިން ވާހަކަ ދައްކާނަމަ، ސަޢުދީއަކީ (ނުފޫޒުން/ ގަދަ ބާރުން) ކަންކަން ކޮންޓްރޯލް ކުރާ ޤައުމެއް ކަމަށާ، އެއީ ކަންކަން ފަހިކޮށްދޭ ބައެއް ނޫން ކަމަށްވެސް މުޙައްމަދު ބުންޏެވެ. އެހީވުމުގެ ބަދަލުގައި ސަޢުދީއިން ހިންގަނީ ކޮންޓްރޯލް ކަމަށް މުޙައްމަދު ބުނެއެވެ. މީގެ ކުރީ އަހަރުތަކުގައި، ފޭލިގެތަށް ދިއުމަށް 'ޔޫ-ޓަރން' ނެގުމުގެ ހުއްދަ އޮންނަ ކަމަށާ، ނަމަވެސް މިހާރު އެ ހުރިހާ މަގެއް ބަންދުކޮށްފައި ވާ ކަމަށް މުޙައްމަދު ބުންޏެވެ. އެހެން ކަމުން، ޒޯން 1 ގެ ކެޓަރީ އޭގައި ހުންނަ އާދައިގެ ޙައްޖުވެރިއަކު، ހޫނު މޫސުމުގެ ގަދަ ހޫނުގައި ޓެންޓާ ހިސާބަށް ދިއުމަށް 2.5 ކިލޯމީޓަރަށް ހިނގަން ޖެހޭކަން މުޙައްމަދު ތަފްސީލު ކޮށްދިނެވެ. އެ ރާސްތާ ކުއްލި ހާލަތެއް ދިމާވެގެން އެހީއައިގެން މީހަކަށް ފޯރާވަރު ވާނީވެސް 30 މިނެޓް ފަހުން ކަމަށް މުޙައްމަދު ބުނެއެވެ. ފުރާނަ ސަލާމަތް ކުރުމުގެ މޭރުމުން ކަންކަން އިންތިޒާމު ކޮށްފައި ނުވާ ކަމަށާ، ހިނގަން އޮތް ރާސްތާތަކުގައި ފެން ލިބޭނެ ގޮތެއްވެސް ޤާއިމު ކޮށްފައި ނެތް ކަން، މުޙައްމަދު ވަނީ ފާހަގަ ކޮށްފައެވެ.

ދަފުތަރު ނުވާ ޙައްޖުވެރިން

ޙައްޖުގެ އަޅުކަން އަދާ ކުރަން އެދޭ މީހާ، އެކަމަށް ޚާއްޞަ ކޮށްފައި އޮންނަ ވިސާއެއް ހޯދަން އެދި ހުށަހަޅަން ޖެހެއެވެ. ނަމަވެސް ބައެއް މީހުން ޙައްޖުގެ އަޅުކަމާ ކުރިމަތިލަނީ ހަމަޖައްސާފައިވާ އުސޫލުތަކުން ބޭރުންނެވެ. 5 ދުވަހުގެ ތެރޭގައި ޙައްޖުގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިންމާލަން ގަސްތުކޮށްގެން އެކަމާ ކުރިމަތިލަނީ ޞައްޙަ ލިޔެކިޔުންތަކެއްވެސް ނެތިއެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ސަޢުދީގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރިކަމުގައި ވީ ނަމަވެސްމެއެވެ.

ހަމަޖައްސާފައިވާ އުސޫލުން ބޭރުން ޙައްޖުގެ އަޅުކަން އަދާ ކުރަން އުޅޭ މީހުންނަށް އިންތިހާ އެހީ ބޭނުންވި ކަމުގައި ވީ ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުގެ ގާތަށް ނުގޮސް، އެކަމުން ސަލާމަތް ވެވޭތޯ ބަލައެވެ. ޙައްޖުގެ އަޅުކަމުގެ ތެރޭގައި އިންތިހާއަށް މަރުގެ ކޭސްތައް ރިޕޯޓް ކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީވެސް، މި ދެންނެވިފަދަ "ނުރަސްމީ" ޙައްޖުވެރިންނެވެ. ފޭލިގެތައް ތޮއްޖެހިނީވެސް އެފަދަ މީހުންގެ ސަބަބުން ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ޙައްޖު އެންޑް ޢުމްރާ ކޮމިޝަން (ކޮމްނާސް ޙާޖީ)ގެ ޗެއަރމަން، މުސްޠާލިޙް ސިރާޖު ފާހަގަ ކުރެއްވި ގޮތުގައި، ޙައްޖުވެރިންނަށް ޚާއްޞަކޮށްފައި ވާ ސަރަޙައްދުތަކަށް، ވިސާ ނެތް މީހުން ވަދެގަންނަނީ ކަމަށް ޤަބޫލު ކުރެވެއެވެ. ނޭޝަނަލް ކޮމިޓީ ފޮރ ޙައްޖު އެންޑް ޢުމްރާގެ އެޑްވައިޒަރެއް ކަމަށްވާ ޞާދު އަލް-ޤުރައިޝީ، ބީބީސީއަށް ވިދާޅުވެފައި ވާ ގޮތުގައި، ވިސާ ނެތި ޙައްޖުވުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދެވޭނެއެވެ. އަދި އެމީހަކަށް މަޖުބޫރު ވާނީ، އެ މީހެއްގެ ޤައުމަށް އަނބުރާ ދިއުމަށް ކަމަށްވެސް ޞާދު ވަނީ ވިދާޅުވެފައެވެ.

ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ހަމަޖައްސާފައި އޮތް އުސޫލުން ބޭރުން "ޤަވައިދާ ޚިލާފަށް" އުޅޭ ޙައްޖުވެރިން ދެނެގަންނަނީ ނުސޫކު ކާޑުގެ އެހީގައި ކަމަށް ޞާދު ވިދާޅުވިއެވެ. ނުސޫކު ކާޑަކީ، ރަސްމީ އިމުގެ ތެރެއިން ދަފުތަރުވެގެން ޙައްޖަށް ގޮސް ތިބޭ މީހުންނަށް ދޫކޮށްފައި އޮންނަ ޚާއްޞަ ކާޑެކެވެ. މުޤައްދަސް ސަރަޙައްދުތަކަށް ވަނުމުގެ ހުއްދަ ދޫކުރާ ބާކޯޑް އޮންނަނީ އެ ކާޑުގައެވެ.

އުމުރުން ދުވަސްވީ، ބަލިކަށި ނުވަތަ ބަލި ޙައްޖުވެރިން

ރަސްމީ އިމުގެ ތެރެއިން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް އަތުން ކުރަން ޖެހެނީ ފުދޭ ވަރެއްގެ ބޮޑު ހޭދައެކެވެ. ޙަލާލު ގޮތުގައި ފައިސާ ހޯދައިގެން އުޅޭ އާންމު މީހަކަށް، އެ ޢަދަދަށް ފައިސާ ޖަމާ ކުރެވޭއިރު ގިނަ ފަހަރަށް ޢުމުރުން އޮންނަނީ އެތައް އަހަރެއް ފާއިތުވެފައެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރޭގައި ކޮންމެ އަހަރަކުވެސް މަރުގެ އެތައް ކޭހެއް ރިޕޯޓް ކުރާ އެއް ސަބަބަކީވެސް މިއީ ކަމުގައި ވެދާނެއެވެ. ގިނަ ޙައްޖުވެރިންނަކީ، ޢުމުރު ދުވަހު އެއްކުރި ފައިސާކޮޅުން ވިސާ ގަނެގެން ޙައްޖުވާން ގޮސް ތިބޭ، ޢުމުރުން ދުވަސްވީ ޙައްޖުވެރިންނެވެ.

މުސްލިމުންގެ ގިނަ ބަޔަކު ޙައްޖުގެ އަޅުކަމަށް ފުރަނީވެސް އެ އަޅުކަމުގެ ތެރޭގައި، ނުވަތަ އެ މާތް ބިމުގައި ފަހު ނޭވާ ދޫކޮށް، ފަސްދާނުލެވޭނެ ކަމުގެ އުންމީދުގައެވެ. މައްކާގެ ބިމުގައި މަރުވެ، އެ ބިމުގައި ފަސްދާނުލެވުމުގެ ނަޞީބަށް/ރަޙްމަތަށް އެދިގެންނެވެ. މާތްވެގެންވާ ޙަރަމްފުޅުގައި އެމީހެއްގެ ކަށު ނަމާދު ކުރެވިދިއުމަށް ނޭދޭނީ ކާކު ހެއްޔެވެ؟

ޙައްޖު 1445 - ޙައްޖު މޫސުމަށް ދިމާކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ކުރާ މަސައްކަތްތައްވެސް ވަނީ މި ފަހުގެ އަހަރުތަކުގައި އިތުރު ކޮށްފަ - މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ

ޙައްޖުގެ އަޅުކަމުގެ ތެރޭގައި މީހަކު މަރުވެއްޖެ ނަމަ؟

ޙައްޖުގެ އަޅުކަމަށް ގޮސް ހުރި މީހަކު މަރުވާ ހިސާބުން، މަރުގެ އެ ކޭސް، ޙައްޖު މިޝަންއަށް ރިޕޯޓް ކުރެއެވެ. މަރުވި މީހާގެ ވަނަވަރާއި ޝަޚްސު ކަށަވަރު ކުރުމަށްޓަކައި، އަތުގައި ނުވަތަ ކަރުގައި އޮންނަ ޚާއްޞަ ބޭންޑުން އެއީ ކާކުކަން ދެނެގަނެއެވެ. އެއަށްފަހު، ޑޮކްޓަރުގެ ލިޔުން ހޯދައެވެ. މަރުގެ ސެޓްފިކެޓް ދޫކުރަނީ ސަޢުދީއިންނެވެ.

ޙައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވާ މީހާގެ ކަށު ނަމާދު ކުރުން އޮންނަނީ މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދުލްޙަރަމް ނުވަތަ މަދީނާގައި ހުންނަ އަލްމަސްޖިދުލްނަބަވީގައެވެ. މަރުވި މީހާގެ ހަށިގަނޑު ސާފުޠާހިރުކޮށް، ކަފުންކޮށް، ސަޢުދީގެ ސަރުކާރުން ހަމަޖައްސާފައިވާ ފިނިކުރާ ޔުނިޓުތަކަށް ޤަބުރު ގެންދެވެއެވެ. ހިނގާ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ސަޢުދީ ސަރުކާރުންނެވެ. ޙައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވާ މީހާގެ ޤަބުރު ފަސްދާނުލަނީ އާދައިގެ ގޮތަކަށެވެ. މާހަނަ ގައު ޖަހައިގެން ފާހަގަ ކުރުމެއް ނޯވެއެވެ. ބައެއް ފަހަރު އެއް ތަނެއްގައި އެތައް ހަށިގަނޑެއްވެސް ވަޅުލައެވެ. ސަހަރާތަކުގައި ވަޅުލާ މީހުންގެ ރެކޯޑް ބަލަހައްޓައެވެ. ޢާއިލާތަކުން ބޭނުން ނަމަ، އެ ސަރަޙައްދަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

ކޮންމެ މައްޔިތަކަށްވެސް އެންމެ ފަހުގެ އިޚްތިރާމް އަދާ ކުރުމުގެ ކަންކަން އެންމެ ޤަދަރުވެރި ގޮތުގައި ކުރިއަށް ގެންދިއުމަށް، ރެޑް ކްރެސެންޓް ފަދަ ޖަމިއްޔާތަކާއެކު ސަޢުދީ ސަރުކާރުން މަސައްކަތްތަކެއް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް