ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 11:26
ހިޒްބުﷲއާއި އިޒްރޭލު ހަނގުރާމަ - ހިޒްބުﷲއިންވެސް އޮތީ ހަތިޔާރު ދޫކޮށްލާ ގޮތަކަށް ނޫން، އެ ޖަމާޢަތުގެ އަމިއްލަ އަސްކަރީ ބާރުވެރިކަމުގެ ބޭނުން، އިޒްރޭލާ ދެކޮޅަށް ދަނީ ހިފަމުން
ހިޒްބުﷲއާއި އިޒްރޭލު ހަނގުރާމަ - ހިޒްބުﷲއިންވެސް އޮތީ ހަތިޔާރު ދޫކޮށްލާ ގޮތަކަށް ނޫން، އެ ޖަމާޢަތުގެ އަމިއްލަ އަސްކަރީ ބާރުވެރިކަމުގެ ބޭނުން، އިޒްރޭލާ ދެކޮޅަށް ދަނީ ހިފަމުން
ސީ.އެން.އެން
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
ހިޒްބުﷲއާ ބެހޭ ގޮތުން 2 ފޮތެއް ލިޔެ ޝާޢިއުކޮށްފައިވާ އާމާލް ޞާދު ފާހަގަ ކުރި ގޮތުގައި ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލާހާ ހިނދަކު، ހިޒްބުއްލާގެ ފިކުރު ބަދަލުވުމެއް ނެތެވެ.

ލުބްނާނުގެ ފުރިހަމަ މިނިވަންކަމަށް މަސައްކަތް ކުރާ ހިޒްބުﷲ ޖަމާޢަތުގެ ހަނގުރާމަވެރިން މިހާރުވެސް ދަނީ ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރު ވަމުންނެވެ. އެންމެ އާދައިގެ ކުރިމަތިލުމަކުން ފެށި ކަމުގައި ވީ ނަމަވެސް، ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމަށް ތައްޔާރު ވަމުންނެވެ. މި ދައްކަނީ އިޒްރޭލާ ކުރިމަތިލާ ވާހަކައެވެ. މުޅި ދުނިޔެއަށް ނުފޫޒު ފޯރުވާ، އަތްގަދަ ކުރަމުން ގެންދާ އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ހިމާޔަތުގައި އޮތް ނިރުބަވެރި ޔަހޫދީންނާ ކުރިމަތިލުމަށް، ހިޒްބުﷲއިން ތައްޔާރު ވަމުން ދާ ވާހަކައެވެ.

ފަލަސްޠީނުގެ ނަސްލު ދޮވެލުމަށް ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގެ ބޭރުން، ލުބްނާނަށް އިޒްރޭލުން ކަޅި އަޅަމުން ދާ ކަމީ މިއަދު ދުނިޔެއަށް އޮޅުވާލެވެން އޮތް ކަމެއް ނޫނެވެ. އިޒްރޭލުގެ ޚުދުމުޚުތާރު ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫގެ ވާހަކަތަކަށް ބަލައިލުމުން އެކަނިވެސް އެކަން ސާބިތު ކުރެވެން އެބަ އޮތެވެ. ފަލަސްޠީނުގައި ހުރިހާ ކޮޅަކުން ފިއްތާލެވިފައި އޮތް ޣައްޒާގައި ރައްކާތެރި ސަރަޙައްދެއް ކަމަށް އިޒްރޭލުން ބުނި ރަފަޙުވެސް ހަފުސްކޮށް ނިންމުމަށް ފަހު، ނިރުބަވެރި ނަތަންޔާހޫ ވަނީ އިޒްރޭލުގެ ނަޒަރު ލުބްނާނަށް އަމާޒު ކުރާކަން ހާމަކޮށްފައެވެ.

ބައިނަލްއަޤުވާމީ ހުރިހާ ޤާނޫނުތަކެއްހެން މުގުރަމުންދާ އިޒްރޭލުގެ ޔަހޫދީ އަސްކަރިއްޔާއިން ލުބްނާނުގައި ހަރަކާތް ފެށުން ވެގެން ދާނީ ދޭދޭ ދެބައެއްގެ މެދުގައި އުފެދޭ ހައިޖާނެކޭ ބުނެ، ނިންމާލެވޭކަށް ނެތެވެ. ސަރަޙައްދީ ބާރުތަކުންވެސް އެކަމުގެ ތެރެއަށް ވަންނާނެއެވެ. ބައިނަލްއަޤުވާމީ ބާރުތަކުންވެސް އެކަމުގެ ތެރެއަށް ނުވަދެ ނުދާނެއެވެ.

މިހާރުވެސް ލުބްނާނާއި އިޒްރޭލާއި ދެމެދު ޙަމަލާތައް ބަދަލު ކުރަމުން ދެއެވެ. މިދިޔަ އޮކްޓޯބަރ މަހު ޣައްޒާގައި ގަތުލުއާންމު ފެށިފަހުން އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކުގެ ސަބަބުން، ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކުން އެކަނިވެސް ލައްކައެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފައއެވެ. 435 މީހެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އޭގެ ތެރެއިން 349 މީހުންނަކީ ހިޒްބުﷲގެ މެމްބަރުން ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

ހިޒްބުﷲއިންވެސް އޮތީ ހަތިޔާރު ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެ ޖަމާޢަތުގެ އަމިއްލަ އަސްކަރީ ބާރުވެރިކަމުގެ ބޭނުން، އިޒްރޭލާ ދެކޮޅަށް ދަނީ ހިފަމުންނެވެ. ބޯޑަރު ހުރަސްކޮށް ދޭ ޙަމަލާތައް ދަނީ އިތުރު ކުރަމުންނެވެ. އިޒްރޭލު ސިފައިން 15 މީހަކާއި، އާންމުން 10 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

ޙަމަލާ ހުއްޓާލުން ނުވަތަ ހުޅުގަނޑު ފަޅައިލުން

ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ދެމުންދާ ހަމަލާތައް ހުއްޓާލާނީ، އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމަށް ނިމުން ގެނައުމުން އެކަނި ކަމަށް، ހިޒްބުﷲގެ ލީޑަރު، ޙަސަން ނަޞްރުﷲ ދިން އެތައް ތަޤްރީރެއްގައި ވަނީ ފާހަގަ ކޮށްފައެވެ. އިޒްރޭލު އަސްކަރިއްޔާގެ ބަރު ހަތިޔާރުތަކާއި ބާރުވެރިކަން، ލުބްނާނާ ދެކޮޅަށް އަނބުރާލި ކަމުގައި ވީ ނަމަވެސް، ހިޒްބުﷲގެ ފިކުރު ބަދަލު ކުރުމެއް ނެތި، އެގޮތުގައި ސާބިތުވެ ތިބޭނެ ކަމަށް މުޙައްލިލުން ބުނެއެވެ.

ހިޒްބުﷲއާ ބެހޭ ގޮތުން 2 ފޮތެއް ލިޔެ ޝާޢިއުކޮށްފައިވާ އާމާލް ޞާދު ފާހަގަ ކުރި ގޮތުގައި ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލާހާ ހިނދަކު، ހިޒްބުﷲގެ ފިކުރު ބަދަލުވުމެއް ނެތެވެ. ހަނގުރާމަ ދާނީ ހަމަ ކުރިއަށެވެ. ޙަމާސްއަށް ނަޞްރު ލިބެންދެން ހަނގުރާމަ ކުރަމުން ދާނެ ކަމަށާ، ޙަމާސް ޖަމާޢަތް ބަލިވެ ނިކަމެތިވަމުން ދާ މަންޒަރު ބަލަން، ހިޒްބުﷲއިން ހިމޭނުން ނުއޮންނާނެ ކަމަށް ނަޞްރުﷲ ބުނެފައި ވާ ކަންވެސް އާމާލް ވަނީ ފާހަގަ ކޮށްފައެވެ. މިއީ އިސްތިރާޖީ ހަދަފްއެއް ނުވަތަ ޢަމާޒެއް އޮތް ކަމެއް ކަމަށް ސިފަ ކުރަމުން އާމާލް ވަނީ، އެއީ ޙަމާސް އެކަނިމައިއެކަންޏަށް ހިޒްބުﷲއިން ދޫކޮށްނުލާނެނުލުން ކަން ފާހަގަ ކޮށްފައެވެ.

ޙަމަލާ ބަދަލު ކުރުން ހުއްޓާލުމަކީ ނަތަންޔާހޫގެ ސަރުކާރުގައި ތިބި ނުފޫޒު ގަދަ ބައެއް މީހުންނަށް ޙަޖަމް ކުރެވޭ ކަމަކަށް ނުވެއެވެ. އެމީހުންގެ ޢަމާޒު ހިފައިގެން ތިބީ، ހަނގުރާމަ ހުއްޓާލުމުގެ ކުރިން، ޙަމާސް ޖަމާޢަތުގެ ވަސްވެސް މި ދުނިޔެއިން ފޮހެލުމަށެވެ. ކަން އެހެން އޮތް ނަމަވެސް، އެކީއެކައްޗަކަށް ޙަމާށް ބަލި ކުރެވިދާނެ ކަމާ މެދު އިޒްރޭލުގެ ބައެއް އޮފިޝަލުންގެ ހިތުގައި ވަނީ ޝައްކު އުފެދިފައެވެ. ޙަމާސްއަކީ ފިކުރެއް ކަމަށާއި، ފިކުރަކީ ނައްތާލެވޭނެ އެއްޗެއް ނުން ކަން އެފަދަ އޮފިޝަލުން ފާހަގަ ކުރެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު އިޒްރޭލުން ޣައްޒާއަށް ދެމުން ދާ ޙަމަލާތަކަށް ހިސާބެއްގެ މަޑުޖެހުމެއް ގެނެސްފައި ވާ ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ޣައްޒާގައި ވާ ޙަމާސްގެ "ޢަމާޒުތަކަށް" ޙަމަލާ ދިނުން ހުއްޓާ ނުލާ ކަމަށްވެސް ބުނެއެވެ. ދޮށީ ޢުމުރުގެ 2 ޖިންސުގެ މީހުންނާއި، މައިންނާއި ޅަ ދަރިން ދިރިއުޅެމުންދާ ރަބަރު ކޮތަޅެއް ފަދަ ފޭލިގެތަކާއި، ޞިއްޙީ ފަރުވާގެ ކުޑަނަމަވެސް މިންވަރެއް ދެވެން އޮންނަ މަރުކަޒުތަކަކީވެސް، އިޒްރޭލުން ހިތަށް އަރައިފި ހިނދެއްގައި ޙަމާސްގެ ކިއްލާތަކެވެ.

ޝާނާއި ޝައުކަތުގެ ތަސްވީރު

ލީޑަރުންނޭ ކިޔައިގެން އާންމު ރައްޔިތުންގެ ކުރިއަށް މިއަދު ނުކުމެ ތިބި އެކިއެކި ޝަޚްސިއްޔަތުތަކަށް ބަލާއިރު، ނިރުބަވެރި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމާއި އެ ނޫންވެސް ޖަރީމާތަކާ ދެކޮޅަށް އެންމެ ސާބިތު ކަމާއެކީ ތެދުވެ ހުރީ ނަޞްރުﷲ ކަމާ މެދު ދެބަސް ވާނެ ޖާގައެއް އޭނާ ނުދެއެވެ. ހިޒްބުﷲއަކީ ސާބިތު ޖަމިއްޔާއެއްކަން އަންގައިދެމުން ދަނީ، ފަސްޖެހުމެއް ނެތިއެވެ.

މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން ނަޞްރުﷲ ދެއްކި ވާހަކަތަކަށް ބަލާއިރު، ހިޒްބުﷲގެ ހަނގުރާމަވެރިންގެ ޢަދަދު އެކަނިވެސް ލައްކައަކަށް ވުރެ މައްޗަށް އަރައެވެ. މެދުއިރުމަތީގައި ހަރަކާތްތެރިވާ އެފަދަ އެހެން ޖަމިއްޔާ، ޖަމާޢަތްތަކުންވެސް ވަނީ އެ މީހުންގެ މެންބަރުން، ހިޒްބުއްލާއާއެކު އިޒްރޭލާ ދެކޮޅަށް ތެދުވާނެ ކަން ހާމަކޮށްފައެވެ. ނަމަވެސް އެ ހުށަހެޅުމަށް ނަޞްރުﷲ އިންކާރު ކުރަމުން ދަނީ، ހިޒްބުﷲގައި މިހާރުވެސް ފުދި، އިތުރު ވާ ވަރަށް ހަނގުރާމަވެރިން ތިބި ކަމަށް ބުނެއެވެ.

އިޒްރޭލުން ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ކޮށްފައި ވާ ސަރަޙައްދުތަކަށްވެސް ހިޒްބުﷲގެ އަތް ފޯރާނެކަން އެ ޖަމާޢަތުން އިންޒާރު ދިނީ ވިޑިއޯގެ އެހީގައެވެ. ހިޒްބުﷲގެ އަސްކަރީ ބާރުވެރިކަމާއި ޤާބިލިއްޔާތު ދައްކަމުންނެވެ. ކުރިމަތިލުންތައް އިތުރަށް ފުޅާ ކުރާނަމަ އިޒްރޭލަށް ލިބޭނެ ގެއްލުމުގެ ސީރިއަސް ގެއްލުމުގެ އިންޒާރު ދެމުން ކަމަށް، ލުބްނާނުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައެންޓިސްޓް، ޢިމާދު ސަލާމީ ވަނީ ފާހަގަ ކޮށްފައެވެ.

އުތުރު އެމެރިކާ ޤައުމުތަކުގެ އަސްކަރީ އިއްތިޙާދު (ނޭޓޯ) ގެ މެންބަރެއް ނޫންނެއް ކަމަކު، ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރެއްގެ ގޮތުގައި އޮތް ސައިޕްރަސްއަށްވެސް ނަޞްރުﷲ ވަނީ، ހަނގުރާމައިގެ ތެރޭގައި ސައިޕްރަސްއިން އިޒްރޭލަށް ތާޢީދުކޮށް އެއްބާރުލުން ދޭނަމަ، އެ ޤައުމަށްވެސް ގެއްލުންތަކެއް ވާނެ ކަމުގެ އިންޒާރު ދީފައެވެ. ރައްދުގައި ސައިޕްރަސްއިން ވަނީ، އެއްވެސް ކުރިމަތިލުމެއްގައި، އަސްކަރީ މޭރުމަކުން ދޭދޭ ގުޅުންތައް ބަދަހިކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.

ހިރާސް ކުޑަ ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގްލޯބަލް ގާޑިއަންގައި މިހާރު މަސައްކަތް ކުރަމުންދާ، އަދި މީގެ ކުރިން ސްޕެޝަލް ފޯރސަސް އޮފިސަރެއްގެ ގޮތުގައި ޚިދުމަތް ކުރި ސެތު ކުރުމްރިޗް އަލްޖަޒީރާއަށް ބުނެފައިވާ ގޮތުގައި، ސައިޕްރަސްއަކީ، އިޒްރޭލު އަސްކަރިއްޔާގެ ރިޒަރވް ފައުޖުން އެތަނަކަށް އުދުހި، އަލުން އަނބުރާ އިޒްރޭލަށް އެތެރެވުމަށް ބޭނުން ކުރާ މުހިންމު މަންޒިލެކެވެ. މާޒީއަށް ބަލާއިރުވެސް، ސައިޕްރަސްގެ ސަރަޙައްދީ އިމުގެ މިލްކިއްޔާތުގައި ވާ ބައެއް ހިސާބުތަކުގައި އިޒްރޭލުން ވަނީ އެކި ކަހަލަ ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ.

އެއްވެސް ގޮތަކަށް އިޒްރޭލަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުން ދުރުހެލިވު ތިބުމަށް ވިލާތުގެ އިއްތިޙާދަށް ނަޞްރުﷲ ދިން އިންޒާރަކީ، އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކަށްވެސް ދިން އިންޒާރެއް ކަމަށް ސަލާމީ ވަނީ ސިފަ ކޮށްފައެވެ.

އިޙްތިމާލީ ރޭވުންތައް

އިޙްތިމާލީ ރޭވުން ނުވަތަ ކޮންޓިންޖެންސީ ޕްލޭންއަކީ، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ނަމަވެސް ޔަގީންކަމާއެކު ލަފާ ނުކުރެވޭ ކަމެއް ނުވަތަ ހާލަތަކަށް ތައްޔާރުވުމަށް ރާވާ ރޭވުންތަކެވެ. ވާހަކަ ދައްކަމުން މި ގެންދާ މައުލޫގެ އިމުގެ ތެރެއިން ޙާލަތު އޮތް ގޮތަށް ބަލާއިރު އިޒްރޭލާއި ވީ ފަޅިންވެސް، އަދި ހިޒްބުﷲއާ ވީ ފަޅިންވެސް ޙަމަލާތައް ގަދަ ކުރަމުން ދާ ކަމީ ސިއްރެއް ނޫނެވެ. ދެ ފަރާތުންވެސް ދަނީ ކުޅިބައި ކުރިއަށް ގެންދާނެ ގޮތް ރާވާ، މޭޒަށް ތިލަ ކުރަމުންނެވެ.

ލުބްނާނުގައި ވެރިކަން ކުރާ ބެއިރޫތުގައި ހުންނަ ޔުނިވަރސިޓީ އޮފް ސެއިންޓް ޖޯސެފްގައި މަސައްކަތް ކުރައްވާ އިންޓަރނޭޝަނަލް ރިލޭޝަންސް ޕްރޮފެސަރ، ކަރީމް އަމީލް ބީޠާރު ލަފާ ކުރާ ގޮތުގައި، ލުބްނާނުގެ ދެކުނުގެ ސަރަޙައްދުގައި ހިސާބެއްގެ ހަނގުރާމައެއް ފަށައިފިނަމަ ކަން ކުރާނެ ގޮތުގެ ޕްލޭނެއް ހިޒްބުﷲއިން މިހާރުވެސް ގެންގުޅޭނެއެވެ. އަދި ގަދަ ހަނގުރާމައެއްގެ ހުޅުނުގަނޑު ފަޅައިގެން ދާ ހިސާބުން ކަން ކުރާނެ ގޮތުގެ އިސްތިރާޖުވެސް ހިޒްބުﷲއިން އެކުލަވާލާފައި އޮތުން އެކަށީގެންވާކަން އޭނާ ފާހަގަ ކުރިއެވެ.

ސަލާމީ ސިފަ ކުރި ގޮތުގައި ވަކި ހައްދެއްގެ ތެރެއިން ކުރާ "ލިމިޓަޑް" ހަނގުރާމައަކީ ޚަރަދު ކުޑަ ގޮތަކަށް، އެހެން ނަމަވެސް ނަތީޖާ ނެރެވެނިވި ގޮތަކަށް އިދިކޮޅު ފަރާތްތަކަށް ގެއްލުންތައް ދެމުން ދިއުމެވެ. އެހެން ގޮތަށް ބުނަނީ ނަމަ، މިހާރުވެސް އިޒްރޭލާއި ލުބްނާނާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް ހަމަ އެގޮތުގައި ދަންމާލުމެވެ. ހުޅުގަނޑު ފަޅައިގެން ދަނިވި ވަރުގަދަ، "ފުލް-ސްކޭލް" ހަނގުރާމައެއް ފަށައިފިނަމަ ބޯޑަރު ހުރަސްކޮށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ވާނެއެވެ. 2006 ވަނަ އަހަރު އިޒްރޭލުން ބެއިރޫތުގެ އެއަރޕޯޓް ހިމެނޭހެން ޢުމްރާނީ ބިނާވެއްޓަށް ދިން ފަދަ ޙަމަލާތައްވެސް ފެންނާނެއެވެ.

ބައެއް މުޙައްލިލުން ޤަބޫލު ކުރާ ގޮތުގައި ލުބްނާނުގެ ދެކުނު ކޮޅުން އަސްކަރީ ފައުޖު އަރާ، ކުރިމަތިލުންތަކެއް ހިންގުން އެކަށީގެންވެއެވެ. އެހެން ކަމަށް ވެއްޖެނަމަ 2 ފަރާތުންވެސް އެތައް ބައެއްގެ ފުރާނަ ގެއްލިދާނެއެވެ.

ޕްރޮފެސަރ ބިޠާރު ޤަބޫލުކުރާ ގޮތުގައި، އެއީ ހިޒްބުﷲއިން ރުހޭނެ އިޚްތިޔާރެއް ނޫނެވެ. ހިޒްބުއްލާއަށް އެންމެ ފާޅުގައި އެއްބާރުލުން ދެމުން ގެންދާ އީރާނުންވެސް ޤަބޫލު ކުރާ ގޮތުގައި އެ އިޚްތިޔާރަކީ އިންތިހާއަށް ނުރައްކާ، އަދި ލުބްނާނަށް ގެއްލުން ދެނިވި އިޚްތިޔާރަކަށް ވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ޕްރޮފެސަރ ބިޠާރު ބުނެއެވެ.

ވަރުގަދަވެފައިވާ އިންޒާރުތަކާއި އަސްކަރީ ފިޔަވަޅުތައް އަޅަމުން ދާ ވަރަކަށް، ޑިޕްލޮމެޓިކް މަޝްވަރާތައްވެސް ދަނީ ހަމަ ކުރިއަށެވެ. ބައިނަލްއަޤުވާމީ މައިދާނުގައި އިޒްރޭލުގެ އެންމެ ބޮޑު އެހީތެރިޔާގެ ގޮތުގައި އޮތް އެމެރިކާގެ ޚާއްޞަ މަންދޫބެއް ކަމަށްވާ، އޭމޯސް ހޮކްސްސްޓައިން ދާދި ފަހުން ވަނީ އިޒްރޭލާއި ލުބްނާނަށް ދަތުރު ކުރައްވާފައެވެ. އަދި ހިޒްބުއްލާގެ މެސެޖުތައް އޭނާ ފޯރުކޮށްދެއްވަމުން ގެންދެވެނީ ލުބްނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ހިޒްބުﷲގެ އެކުވެރި ނަބީހް ބިއްރީގެ މެދުވެރިކޮށް ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާއާ ވާހަކަދެއްކެވި ހުޅަނގުގެ ބައެއް ޑިޕްލޮމެޓުން ފާހަގަ ކުރެއްވި ގޮތުގައި، އިޒްރޭލުން ވަރުގަދަ ހަނގުރާމައެއް ކުރަން ފެށުން ހުއްޓުވުމަކީ އެމެރިކާއަށް ކުރެވިދާނެ ކަމެއް ކަމަށް ހީ ކުރުމަކީ ހެދޭނެ ގޯހަކަށް ވާނެ ކަމަށް ހޮކްސްސްޓައިން، ހިޒްބުﷲއަށް ވިދާޅުވިއެވެ.

ބިޠާރު ފާހަގަ ކުރި ގޮތުގައި، ހަމަ މި ދަނޑިވަޅުގައި އިޒްރޭލާއި ހިޒްބުﷲއިން ދަނީ ފަރަންސޭސި ޑިޕްލޮމެޓުން މެދުވެރިކޮށްގެން ދޭދޭ މެސެޖުތައް ބަދަލު ކުރަމުންނެވެ. މަޝްވަރާތައް ކާމިޔާބު ވެއްޖެނަމަ ހޮކްސްސްޓައިންގެ މަސައްކަތުގެ ފޮނި މީރުކަން ފެންނަން ފަށާނެ ކަމަށް ބިޠާރު ބުނެއެވެ.

ކަން މިހެން އޮތް ނަމަވެސް، ހިސާބުޖެހުމުގައި ހެދޭ ކުޑަ ގޯހެއްގެ ސަބަބުން ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެ، ގަދަފަދަ ހަނގުރާމައެއް ފެށުމުގެ ބިރު، ފަހަރެއްގައިވެސް ފިލާ ނުދެއެވެ. އެއްވެސް ފަރާތަކުން އިދިކޮޅަށް، "ރޫޙީ" ކާމިޔާބީއެއް އިޢުލާން ކުރުމުގެ ފުރުޞަތެއް ދޭން ބޭނުމެއް ނުވެއެވެ. މި ބުނިހެން ހިސާބު ޖެހުމުގައި ހެދޭ ގޯސް ހަވާސާ ކޮށްފައި ބަލާނަމަ، ހަނގުރާމައަކަށް ނުގޮސް، ދާޚިލީ މަސްރަޙަށް ބަލައިގެން ސަލާމަތް ވާނެ ފުރުޞަތު އެބަ އޮތެވެ.

ހިޒްބުﷲއިން އަދިވެސް ބުނަމުން އެދަނީ އެއް ވާހަކައެކެވެ. ކުރަމުން ދަނީ އެއް ޑިމާންޑްއެކެވެ. ޙަމަލާ ދިނުން ހުއްޓާލާނެ ކަމުގެ ޝަރުތެއް ކަމުގައި ހިޒްބުﷲއިން ކަނޑައަޅާފައި ވާ ހަމައެކަނި ޝަރުތަކީ، އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމެވެ. ޚުދު ހިޒްބުﷲގެ ގިނަ ޢަދަދެއްގެ މެންބަރުންވެސް ހިމެނޭހެން ލުބްނާނު ރައްޔިތުންގެ ގިނަ ބަޔަކު އިތުރު ހަނގުރާމައެއް އެ ޤައުމުގައި ފަށާކަށް ނޭދެއެވެ. އެހެން ނަމަވެސް، ކަލްކިއުލޭޓަރުގައި ނުބައިކޮށް އެންމެ ފިތަކަށް އޮބާލެވިއްޖެނަމަވެސް، އެ ފެށުނީ އިންތިހާ ވަރުގަދަ، އަދި އެހާމެ ނުރައްކާތެރި ހަނގުރާމައަކަށް ވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް