ބިލެއްދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް، ފ. އަތޮޅު ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ބިލެއްދޫގައި މި މަހު 25 އިން 26 އަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައެވެ.
އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 38 އަަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއް އަދި 36 އަހަރުގެ އަންހެނެކެވެ. އެ އޮޕަރޭޝަންގެ ތެރެއިން ބިލެއްދޫގެ 8 ގެއެއް ކޯޓު އަމުރުގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 36 އަހަރުގެ މީހާއާއި 38 އަހަރުގެ މީހާ އަދި 46 އަހަރުގެ މީހާއަށް 15 ދުވަސް ދީފައިވެއެވެ. އަދި 45 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ތިން ދުވަސް ދީފައިވެއެވެ.
ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.