ކ. މާލެ
|
26 މެއި 2023 | ހުކުރު 07:49
މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި
މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި
ކުނި މެނޭޖްކުރުން
ބިލް ޓައިކުރުމުން އުންމީދަކީ މަގުމައްޗަށް ކުނި ދޫކޮށްލުން ނިމުމަކަަށް އައުން - ވެމްކޯ
މިނިސްޓްރީން އެ ބަދަލުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވޭ
ކުރިއަށް އޮތްތަނުގައި ކުނި މެނޭޖްކުރުމަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ

ބިލް ޓައިކުރުމުން އުންމީދަކީ މަގުމައްޗަށް ކުނި ދޫކޮށްލުން ނިމުމަކަަށް އައުން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބިލް ޓައިކުރުމުން އެންމެ ބޮޑު ލުއިފަސޭހަ އަކީ ވެމްކޯ އަށް ކުނި ނެގޭނެކަން ޔަޤީން ކުރެވުން ކަމަށެވެ. ބިލް ޓައިކުރުމަކީ، އެއް ޔުޓިލިޓީ ހިދުމަތުގެ ބިލު އަނެއް ޔުޓިލިޓީ ހިދުމަތުގެ ބިލުގައި ހިމަނައިގެން ބިލު ކުރުމެވެ. އަންނަ ޖޫން މަހުން ފެށިގެން  ވަކި ގޭބިސީ ނުވަތަ ވަކި އެޕާޓުމަންޓެއްގައި ސްޓެލްކޯއިން ހަރުކޮށްފައިވާ ކަރަންޓު މީޓަރަށް ހަދާ ކަރަންޓު ބިލާއެކު ކުނި އުކާލުމުގެ ހިދުމަތުގެ ފީ ޓައި ކުރެވޭނެ އެވެ.

އިކްރާމް ވިދާޅުވީ އެ ބަދަލާ އެކު ކުނި މެނޭޖްކުރުމަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވަނީ ބިލް ޓައިކުރުމާ އެކު ބިލްކުރާނެ ގޮތުގެ ބައެއް ތަފްސީލްތައް ވެސް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ ގެތަކުގެ ސަރވިސް މީޓަރުތަކުގެ ތެރެއިން ޕަންޕްތައް ބާކީކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ފަރާތްތަކުން ފޯމެއް ފުރުމުން އެ ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބިލްޓައިކުރުމަށް އެ އިދާރާއިން ވަަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އަލީ އިކްރާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެއް ގެއެއްގައި ގިނަ އާއިލާތައް އުޅޭ ތަންތަނުގެ ކުނި ނެގުމުގައި އަަމަލުކުރާ ޝަކުވާ އަދިވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ތަންތަނުގައި ހުންނަނީ ގިނަ މީޓަރުތައް ލާފައިވާ ކަމަށާއި އެފަދަ ތަންތަނުގައި ބިލްކުރާނީ އާއްމުކޮށް ބޭނުން ކުރާ ބަދިގޭގައި ހުންނަ މީޓަރު ނުހިމެނޭހެން ކަމަށް އިކްރާމް ވިދާޅުވިއެވެ. އެހެން މީޓަރތައް އުނި ނުކޮށް ވަނީ އެހެނިހެން ތަންތަނުން ކުނި އިފެދޭނެތީ ކަމަށާއި އެފަދަ ތަންތަނުގައި ވެސް ޑްރައި ވޭސްޓް އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޑީޖޭ އަހުމަދު މުރުތަޟާ ވިދާޅުވީ ބިލްޓައިކުރުމަށްޓަކައި އެކުލަވާލަން ޖެހޭ އެއްބަސްވުން ގާތްގަނޑަކަށް އެކުލަވާލާ ނިމިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށްދާ ކަަމަށެވެ. އެ މަސައްކަތް ފަށައިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި މިނިސްޓްރީން އެ ބަދަލުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ވެސް މުރުތަޟާ ވިދާޅުވިއެވެ.

- ކޮމެންޓް