Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2025 | އާދީއްތަ 12:15
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ފަތުރުވެރިކަން ކުރިއެރުވުން
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
ދިވެހިންގެ މެހެމާންދާރީގެ އަސާސްތަކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެއް
ޑޮލަރު މާރުކުރަން މަޖުބޫރުކުރާ، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒު ކޮށްފައިވަނީ ސިނާއަތުގެ ގިނަ ބޭފުޅުންނާ ދެކޮޅަށް
ސަރުކާރުން މި ސިނާއަތް ކުރިއެރުވުމަށް ކުރި އެއްވެސް މަސައްކަތެއްގެ ތަފްސީލެއް ހިއްސާކޮށްފައިނުވޭ

ދިވެހިރާއްޖޭގައި ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ދިވެހިންގެ މެހެމާންދާރީގެ އަސާސްތަކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެއްކަން ފާހަގަކުރައްވައި، އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ކޮންމެ މުޖުތަމައަކަށް މި ސިނާއަތުގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދެއްވައި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުކޮށައިދިނުންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ "ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޯމޭޝަން" ކަން ފާހަގަކުރައްވައި ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމުކަމާއި، ތަފާތުކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލެއް ބިނާކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމުގައި ވިދާޅުވި އެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްގީއާއި ކުރިމަގަށް، މުހިންމުކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެފައިނުވާ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކޮށް، ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް، ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ތަރައްގީ ކުރެވިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އިންޓަނޭޝަނަލް ޓާމިނަލް ފަދަ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މި ފުރުސަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރައްވައި އެބޭފުޅުންގެ ޚިދުމަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މުސްތަގުބަލުގެ ތަސައްވުރު ބިނާވެފައިވަނީ މިދާއިރާގައި ބުރަކޮށް މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖް ނިންމަވާލައްވާފައިވަނީ ރާއްޖޭގައި ދެމެހެއްޓެނިވި، ބިނާކުރަނިވި އަދި ރައްޔިތުންގެ ޝާމިލުވުން އޮންނަ ފަތުރުވެރިކަމެއް ތަރައްގީކޮށް ބިނާކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ޑޮލަރު މާރުކުރަން މަޖުބޫރުކުރާ، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒު ކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބޭފުޅުންނާ ދެކޮޅަށެވެ. އެކަމުގެ ސަބަބުން ރިސޯޓުތަކަށް ގެއްލުންވެ، ޑޮލަރުން މުވައްޒަފުންނަށް މުސާރަ ދިން ބައެއް ރިސޯޓުތަކުގައި މުސާރަ ރުފިޔާއިން ދޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ވަކި ބްރޭންޑެއްގެ ގޮތުގައި ''ހަލާލު'' ފަތުރުވެރިކަން ނަމުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރާތީ، ގިނަ ރައްޔިތުން ދަނީ އެކަމާ ގުޅިގެން ސުވާލު އުފައްދަމުންނެވެ. އަދި މިހާރު ވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރިތައް ހިންގަމުންދަނީ ހަލާލު ގޮތުގައި ކަމަށް އެމީހުން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުން މި ސިނާއަތް ކުރިއެރުވުމަށް ކުރި އެއްވެސް މަސައްކަތެއްގެ ތަފްސީލެއް ހިއްސާކޮށްފައިނުވެއެވެ. ގެސްޓްހައުސް ވިޔަފާރިއަކީ އާއްމު ރައްޔިތުން ކުރަމުންދާ ވިޔަފާރިއަކަށްވާއިރު، މި ވިޔަފާރީގެ ތެރެއަށް ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ހައްޖު ކޯޕްރޭޝަނާއި، ވެމްކޯ ފަދަ ކުންފުނިތައް ވަނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރަށްރަށުގެ ކައުންސިލްތައް ގެސްޓުހައުސްތައް ހިންގުމުގެ ހުއްދައަށް އެދުނު ނަމަވެސް އެ ހުއްދަ ދޫނުކޮށް ހިފަހައްޓަމުންދާކަމުގެ ޝަކުވާ ބައެއް ރަށްރަށުގެ ކައުންސިލުންތަކުން ކޮށްފައިވެއެވެ.

- ކޮމެންޓް