ރަސްމީ ވަޒީފާ އަކީ ރަށުގައި ހުންނަ ފ.އަތޮޅު މަދަރުސާގެ ސްޕޯޓްސް ސުޕަވައިޒަރުގެ ވަޒީފާ އެވެ. އެހެން ނަމަވެސް ކުޅިވަރަށް އޮންނަ ޚާއްސަ ލޯތްބާއެކު، ވޮލީ ބޯޅައިގެ ރެފްރީ ކަށިގަނޑަށް އޮންނަނީ އަބަދު ވެސް ޚާއްސަ ޝައުޤުވެރިކަމެކެވެ. ރަސްމީކޮށް ވޮލީގެ ރެފްރީ ކޯސް ފުރިހަމަ ކުރުމުގެ ކުރިން ވެސް، މުޙައްމަދު ފަޒީން އަކީ ރަށުގައި ރެފްރީކަން ކުރަމުން އައި މީހެކެވެ.
2007 ވަނަ އަހަރު ސްކޫލް ޙަޔާތް ނިންމުނު ހިސާބުން ފެށިގެން ވެސް، ކުޅިވަރަށް ފަޒީންގެ ހިތުގައި އޮންނަނީ ޚާއްސަ ލޯތްބެކެވެ. އެ ދާއިރާ އަށް ރަސްމީކޮށް ނިކުތުމުގެ ކުރިން 2008 ވަނަ އަހަރު ފަޒީން މާލޭ ބަދަލުވެ، މާލޭގައި ވަޒީފާ އަދާ ކުރި އެވެ. ޓީވީއެމްގައި ނޫސްވެރިޔެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރުމަށްފަހު، 2009 ވަނަ އަހަރު ފިޒިކަލް އެޑިއުކޭޝަންގެ ކޯހެއް ފަޒީން ފެށި އެވެ. ދެ އަހަރު ދުވަހުގެ އެ ކޯސް ފަޒީން ފުރިހަމަ ކުރީ 2011 ވަނަ އަހަރު އެވެ.
އެއަށްފަހު ޖެހިގެން އައި 2012 ވަނަ އަހަރު ރަށަށް ބަދަލުވެ، ރަށުގައި ހުންނަ ފ.އަތޮޅު މަދަރުސާގައި ވަގުތީ މުދައްރިސެއްގެ ވަޒީފާއާ ގުޅުނެވެ. ވަގުތީ އެ ވަޒީފާގައި އެއް އަހަރު ދުވަހުގެ މުއްދަތެއްގައި ހުރުމަށްފަހު، ދެން ފަޒީން ކުރިމަތިލީ މުޅިން ތަފާތު ކަމަކާ އެވެ. 2013 ވަނަ އަހަރު ސްކޫލްގެ ވަޒީފާ އިން ވަކިވި ފަހުން، ރަށުގައި ޒުވާނުންގެ ކަންކަމުގައި އިސްކޮށް މަސައްކަތް ކުރި މީހަކަށްވާތީ، 2014 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފަޒީން ވަނީ ވާދަކޮށްފަ އެވެ. އެ އިންތިޚާބު ކާމިޔާބުކޮށް، ރަށު ކައުންސިލްގެ މެމްބަރު ކަމަށް ފަޒީން އިންތިޚާބުވި އެވެ.
ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން މަގާމުން އިސްތިއުފާ ދޭން ވެސް ފަޒީން ނިންމީ ކުޅިވަރަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. ކައުންސިލް މެމްބަރެއްގެ ދައުރު ފުރިހަމަ ކުރަމުން ދަނިކޮށް، 2016 ވަނަ އަހަރު ފ.އަތޮޅު މަދަރުސާގައި ސްޕޯޓްސް ސުޕަވައިޒަރުގެ މަގާމު އިއުލާން ކުރުމާއެކު، އެ މަގާމަށް ކުރިމަތިލުމަށްޓަކައި ކައުންސިލުން އިސްތިއުފާ ދިނެވެ. އެ ވަޒީފާ ލިބުމާއެކު، 2017 ވަނަ އަހަރުން ފެށިގެން ފަޒީން އަންނަނީ ސްކޫލުގައި ސްޕޯޓްސް ސުޕަވައިޒަރުގެ މަގާމު އަދާ ކުރަމުންނެވެ. ސްކޫލުގައި ދަރިވަރުންގެ ކުޅިވަރު ކަންކަން އިންތިޒާމު ކުރުމުގެ އިތުރުން، ރަށުގައި އޮންނަ ކުޅިވަރު ޖަމިއްޔާގެ ކަންކަމުގައި ވެސް ފަޒީން އިސްކޮށް އުޅެ އެވެ. ޚާއްސަކޮށް ކުޅިވަރު މުބާރާތްތައް ރާވާ ހިންގުމާއި، މުބާރާތްތަކުގެ ރެފްރީކަން ކުރުމުގައި ފަޒީންގެ ވަގުތުތައް ހޭދަ ކުރެ އެވެ.
އެކަމުގެ ތެރެއިން ރަށު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ރެފްރީކަން ކުރަން ފަށައި، އަތޮޅު ފެންވަރުގައި އޮންނަ މުބާރާތްތަކުގައި ވެސް ފަޒީން ރެފްރީކަން ކުރެ އެވެ. އެ މުބާރާތްތަކަކީ ރާއްޖެ އިން ބޭރުން، އެހެން ޤައުމުތަކުގެ ޤައުމީ ޓީމުގައި ކުޅޭ ކުޅުންތެރިން ވެސް ވާދަކުރާ މުބާރާތްތަކެވެ. ޚާއްސަކޮށް އަވަށްޓެރި ސްރީ ލަންކާ، އިންޑިއާ، އަފްޣާނިސްތާން، އަދި ނޭޕާލްގެ ކުޅުންތެރިން ވެސް އެ މުބާރާތްތަކުގައި ވާދަކުރެ އެވެ.
އެ މަސައްކަތުގައި ދެމިހުންނަން އޮތް ޝައުޤުވެރިކަމެއްގެ ތެރެއިން 2019 ވަނަ އަހަރު ފަޒީން ވަނީ ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ރެފްރީ ކޯހެއް ފުރިހަމަ ކޮށްފަ އެވެ. އެއީ ވޮލީގެ ރެފްރީގައި ކުރިއަށްދާން ފަޒީން އެޅި އިތުރު ފިޔަވަޅެކެވެ. އޭގެ ފަހުން ވެސް ފަޒީން ވަނީ ގިނަ މުބާރާތްތަކެއްގައި ރެފްރީކަން ކޮށްފަ އެވެ. އޭގެ ފަހުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަޒީން ވަނީ ޤައުމީ ރެފްރީކަށް ޕްރޮމޯޓުވެފަ އެވެ.
މިހާތަނަށް އައިއިރު، ފަޒީން ވަނީ ރާއްޖޭގެ ނުވަ އަތޮޅެއްގައި ބޭއްވި މުބާރާތްތަކުގައި ރެފްރީކަން ކޮށްފަ އެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައި ބާއްވަމުން އަންނަ މުބާރާތްތަކާއި، ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވެސް ފަޒީން ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން ވީއޭއެމް އިން ބާއްވަމުން އަންނަ އެސޯސިއޭޝަން ކަޕް އަދި އިންޓަ ރިޒޯޓް ވޮލީ ބޯޅަ ޗެމްޕިއަންޝިޕުގައި ވެސް ފަޒީން ވަނީ މަސައްކަތް ކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބޭއްވި ފޯ ނޭޝަންސް ކަޕް އަދި ދުނިޔޭގެ ވޮލީ ބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)ގެ ބީޗު ވޮލީ ޓުއާ މޯލްޑިވްސް ޗެލެންޖުގައި ވެސް ފަޒީން ވަނީ މަސައްކަތް ކޮށްފަ އެވެ.
މީގެ އިތުރުން ފަޒީން އަކީ ސްކޫލް ދަރިވަރުން ކުޅިވަރަށް ލޯބި ޖެއްސުމާއި، އެ ދަރިވަރުން ތަމްރީނު ކުރުމުގައި ވެސް އިސްކޮށް މަސައްކަތް ކުރާ މީހެކެވެ. މިދިޔަ އަހަރު އޮތް އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ތިން ތަށި އަދި މިއަހަރު އޮތް އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ދެ ތަށި ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި އެކަކީ ފަޒީން އެވެ. ދަރިވަރުން ގޮވައިގެން މުބާރާތަށް އައިސް، ދަރިވަރުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައި ދިނުމާއި، ރަށުގައި ދަރިވަރުންގެ ތަމްރީނުތައް ޤަވާއިދުން ކުރިއަށް ގެންގޮސް، އެކަންކަމަށް އަގު ހުރި އެތައް ވަގުތެއް ފަޒީން ހުސްކުރެ އެވެ.