ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ބޮޑުވެ، ސަރުކާރުން އެކަމުގައި ހައްްލެއް ހޯދައިދީފައި ނުވާތީ، ޓެކްސީ ޑްރައިވަރުން ސީދާ ޙަރަކާތަށް ނިކުންނަން ނިންމައިފިއެވެ.
ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުމަށް އަންގާރަ ދުވަހު ތާވަލް ކުރި ބައްދަލުވުން ކެންސަލް ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޑްރައިވަރުން ބުނީ، ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ނަމަވެސް މިހާތަނަށް އެ ކަންތައްތައް ހައްލުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޑްރައިވަރުން މަޝްވަރާ ކުރުމަށްފަހު، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސީދާ ހަރަކާތަށް ނުކުންނަން ނިންމާފައިވާ ކަމަށެވެ. އަދި އެ ހަރަކާތް ބާއްވާނެ ދުވަހަކާއި ތަނެއް ފައިނަލް ކުރުމަށްފަހު އިއުލާން ކުރާނެ ކަމަށެވެ.
އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒާ ބައްދަލު ކުރެއްވުމަށް ތާވަލް ކުރެވުނު ބައްދަލުވުން ކެންސަލް ކުރި ކަމަށް އަންގާ ފޮނުވި މެސެޖްގައި ބުނެފައިވަނީ، "ރައީސް ވަރަށް ބުރަކޮށް އުޅުއްވާތީ މިއަދު އޮތް ބައްދަލުވުން ކެންސަލް ކަމަށާއި، ދުވަހެއް ހަމަ ޖެހުމުން އަންގާނެ" ކަަމަށެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން އެކި ފޯރަމްތަކުގައި އެކި ގޮތަށް ވާހަކަދައްކަވަމުންދާތީ ޑްރައިވަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ޑްރައިވަރުންގެ ޑިމާންޑަކީ މިނިސްޓަރު އަމީން އިސްތިއުފާ ދެއްވުން ކަމަށް ބުނެފައިވެއެވެ.
"ޓްރާންސްޕޯޓް މިނިސްޓަރ ދެ އަނގައިން ދެ ތަނެއްގަ ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން" ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކި މެމްބަރަކު ބުންޏެވެ.
އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެސްއެމްއީ ލޯނުތަކަށް ގެނެސްފައިވާ ކާރުތަކާއި އަދި މިހާރުވެސް މާލެ އެތެރެކުރެވިފައިވާ ކާރުތައް ރީ ރަޖިސްޓްރީ ނުކޮށް އިތުރު ކާރުތައް ގެނެސް ރަޖިސްޓްރީ ކުރުމުގެ މައްސަލައެވެ. އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރީ ސަރުކާރުން "ޓެކްސީ ނަފާގެ" ލޯނުގެ ދަށުން ސްކީމެއް ހުޅުވާލި ކަމަށާއި، ނަމަވެސް މި ސަރުކާރު އިންތިޚާބު ވުމަށްފަހު، މަޖިލިސް އިންތިޚާބާ ދިމާކޮށް އެ ލޯނަށްވާ ފައިސާ ޖަމާކޮށް، މިއަދު އެ ކާރުތައް ގެނެސް އެހުރީ މާލޭގައި ކަަމަށެވެ.
"އެ ލޯނުތައް ލިބުނު ފަރާތްތަކުން އިންޓްރެސްޓް ދައްކަމުންދޭ. ފައިސާ ދައްކަމުން އެ ކާރު ބޭނުން ކުރެވޭނެ ގޮތެއް ނެތް. އޭރުގެ ސަރުކާރުން އެކަން ކުރީ ޓެކްސީ ކުރުމަށް ގެންނަ ކާރު ރަޖިސްޓްރީ ކުރެވޭނެ ގޮތަށް ގަވައިދަށް އިސްލާހެއް ގެނެސް 10000ރ. އެހެންނަމަވެސް މި ސަރުކާރުން އެ ގަވައިދު ބާތިލުކޮށްލާފަ މިބުނަނީ ދެން އެކަމެއް ނުވާނެ އޭ" ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކި އާދަމް ސަލީމް ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެގޮތުން ވެސް މިސަރުކާރުން ވަނީ ޓެކްސީ ޑްރައިވަރުން މަގުމަތިކޮށްލާފައި ކަމަށެވެ. މިއީ ސަރުކާރުގެ ކުންފުންޏަކުން ނުވަތަ އިދާރާއަކުން ހިންގި "ސްކޭމް" އެކޭ ބުނެވިދާނެ ކަމަށާއި، ކާރުތައް ބޭނުން ނުކުރެވި ފައިސާދައްކަންޏާ އެއީ ހަމަ ސްކޭމެއް ކަމަށް ވާނެ ކަމަށެވެ.
މަޖިލީހުގައި އޮތް ބައްދަލުވުމުގައި، ޓެކްސީ ޑްރައިވަރުން ހުށަހެޅި، ކަންތައްތަކަކީ ނުނިންމޭނެ ވަރުގެ ކަންތައްތަކެއް ނޫންކަމަށާއި، އެއީ ކުދި ކުދި މައްސަލަތަކެއް ކަމަށް ބުނެފައިވާއިރު، ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވަން ރައީސް ޖެހިލުންވީ ކީއްވެތޯ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ބައްދަލު ނުކުރެއްވި ސަބަބުން އެނގެން ބޭނުންވާ ކަމަށެވެ.
ސިޔާސީ ޕާޓީއަކުން މިރޭ ޖަލްސާއެއް ބާއްވަން އުޅޭތީ ސަރުކާރު ހޫނުފެނަށް ވެއްޓިގެން އުޅޭ ތަން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.