ކ.ގުރައިދޫގައި މިހާރު ކުރިއަށްދާ ރައްޒާގުބެ މެމޯރިއަލް ކަޕްގައި ޗެލެންޖާސް ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އެ ޓީމު ނުކުތީ ވެޓަރަންސް އެންޑް ރިވޮލިއުޝަން އެފްސީ (ވީއޭއާރު)އާ ދެކޮޅަށެވެ. ޗެލެންޖާސްގެ ފުރަތަމަ މެޗުގައި އެ ޓީމު މޮޅުވެފައިވާއިރު، ވީއޭއާރުގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ބަލިވެފަ އެވެ. ވީއޭއާރުގެ މައްޗަށް ޗެލެންޖާސް އިން ކުރި ހޯދީ 4-0 އިންނެވެ. މެޗުގައި ޗެލެންޖާސްގެ ހަތަރު ލަނޑު ވެސް ޖެހީ އަޙުމަދު ޝަމާލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.
މޮޅާއެކު ގްރޫޕް އޭގެ އެއް ވަނައިގައި މިވަގުތު އޮތީ ވެސް ޗެލެންޖާސް އެވެ. އެއީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދައިގެންނެވެ. އެއީ ފައިދާ ލަނޑުންނެވެ. ދެ ވަނައިގައި އޮތް ކަންމަތި އެފްސީއަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. މި ގްރޫޕްގައި ހިމެނޭ ސިކްސް އެކްސް އަދި ވީއޭއާރަށް ޕޮއިންޓެއް ނުލިބެ އެވެ.
މުބާރާތުގެ ގްރޫޕް ބީ ގައި އާދިއްތަ ދުވަހު އޮންނާނީ ޓިމެލޯ އާއި އޯލް އެޓޭކް ބައްދަލު ކުރާ މެޗެވެ.