ރައްޒާގުބެ މެމޯރިއަލް ކަޕްގެ ގްރޫޕް އޭގައި ޗެލެންޖާސް އާއި ކަންމަތި އެފްސީ ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޗެލެންޖާސްގެ ލަނޑު ޖެހީ މުޙައްމަދު ޞަލާހު އެވެ. ކަންމަތި އެފްސީގެ ލަނޑު ޖެހީ މުޙައްމަދު ފަވާޒު އެވެ. މެެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެލެންޖާސްގެ އަލީ ޒާއިފް އެވެ. މެޗު އެއްވަރުވުމުން ގްރޫޕް އޭގެ އެއް ވަނަ ލިބުނީ ޗެލެންޖާސް އަށެވެ. އެ ޓީމަށް ހަތް ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި ކަންމަތި އެފްސީއަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ. ނަމަވެސް ފައިދާ ލަނޑުން ކުރި ހޯދަނީ ޗެލެންޖާސް އެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ޗެލެންޖާސް ނުކުންނާނީ ގްރޫޕް ބީގެ ދެ ވަނަ އަދި އެންމެ ފަހުގެ ޗެމްޕިއަން އެކްސިޓޯއާ ދެކޮޅަށެވެ. ކަންމަތި އެފްސީ ނުކުންނާނީ ގްރޫޕް ބީގެ އެއް ވަނަ އޯލް އެޓޭކާ ދެކޮޅަށެވެ. މުބާރާތުގައި އަންގާރަ ދުވަހު ބައްްދަލު ކުރާނީ ސިކްސް އެކްސް އަދި ވެޓަރަންސް އެންޑް ރިވޮލިއުޝަން އެފްސީ (ވީއޭއާރު) އެވެ. ނަމަވެސް މި ދެ ޓީމު މިހާރު ވަނީ މުބާރާތުން ކަޓައިފަ އެވެ.