ކ. މާލެ
|
16 މެއި 2023 | އަންގާރަ 09:55
މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޯލް އެޓޭކު
މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޯލް އެޓޭކު
ރާއްޖެ އެމްވީ
ރައްޒާގުބެ މެމޯރިއަލް ކަޕް
އަނީސްގެ ލަނޑުން ޗެލެންޖާސް ބަލިކޮށް އޯލް އެޓޭކުން މުބާރާތް ކާމިޔާބުކޮށްފި
ފައިނަލް މެޗު އޯލް އެޓޭކުން ކާމިޔާބު ކުރީ 1-0 އިން

ކ.ގުރައިދޫގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ރައްޒާގުބެ މެމޯރިއަލް ކަޕްގެ ޗެމްޕިއަންކަން އޯލް އެޓޭކުން ހޯދައިފި އެވެ.

އޯލް އެޓޭކުން ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި ކާމިޔާބު ކުރީ ހޯމަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ދެ އަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޗެލެންޖާސް ބަލިކޮށްގެންނެވެ. ފައިނަލް މެޗު އޯލް އެޓޭކުން ކާމިޔާބު ކުރީ 1-0 އިންނެވެ. ފައިނަލް މެޗުގެ ހަމައެކަނި ލަނޑު ޖެހީ އޯލް އެޓޭޚކުގެ އަނީސް އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ޗެލެންޖާސްގެ އަޙުމަދު ޝަމާލު އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ޗެމްޕިއަން އޯލް އެޓޭކުގެ އަޙުމަދު ސަމީރު އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޗެލެންޖާސްގެ އަލީ ޒާއިފު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ ޝަމާލު އެވެ. މިއަހަރުގެ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ވެޓަރަންސް އެންްޑް ރިވެލިއުޝަން (ވީއޭއާރު) އެވެ.

މި މުބާރާތަކީ އެރަށުގެ ފުޓުބޯޅަ ޗެލެޖެންޑު އަލްމަރުހޫމް އަބްދުއް ރައްޒާގު މޫސާގެ ހަނދާނުގައި 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ "ތުއްތޮންބެ ކަޕް"ގެ ނަމުގަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު މުބާރާތުގެ ނަން ވަނީ ރައްޒާގުބެ މެމޯރިއަލް ކަޕަށް ބަދަލުކޮށްފަ އެވެ.

- ކޮމެންޓް