ކ.ގުރައިދޫގައި ކުރިއަށްދާ ރައްޒާގުބެ މެމޯރިއަލް ކަޕްގައި ސިކްސް އެކްސްއާ ދެކޮޅަށް ކުޅުނު މެޗުން ވެޓަރަންސް އެންޑް ރިވޮލިއުޝަން އެފްސީ (ވީއޭއާރު) މޮޅުވެއްޖެ އެވެ.
ގްރޫޕް އޭގެ ފަހު މެޗަށް ނުކުތްއިރު ދެ ޓީމު ވެސް ވަނީ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. އެހެން ނަމަވެސް މޮޅަކުން މުބާރާތް ނިންމާލުމަށް ދެ ޓީމަށް ވެސް މެޗު މުހިންމުވާނެ އެވެ. އެ މެޗުގައި ވީއޭއާރުން ސިކްސް އެކްސްގެ މައްޗަށް ކުރި ހޯދީ 4-1 އިންނެވެ. މެޗުގައި ވީއޭއާރުގެ ލަނޑުތައް ޖެހީ މުޙައްމަދު ނައީމް، އަޙުމަދު ރިލްވާން އަދި މުޙައްމަދު ޖައިޝަމް އެވެ. މީގެ ތެރެއިން ނައީމް ދެ ލަނޑު ޖެހިއިރު، އޭނާ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާ ވެސް މެއެވެ. މެޗުގައި ސިކްސް އެކްސްގެ ހަމައެކަނި ލަނޑު ޖެހީ އުމަރު ޢަބްދުލް ހަންނާން އެވެ. މޮޅާއެކު ވީއޭއާރުން މުބާރާތް ނިންމާލީ ގްރޫޕް އޭގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުން ފުލަށް ދިޔައީ ސިކްސް އެކްސް އެވެ.
ޖުމުލަ ހަތް ޓީމު ވާދަ ކުރާ މުބާރާތުގައި ދެން އޮންނާނީ ސެމީ ފައިނަލްގެ ކުޅުމެވެ. ބުރާސްފަތި ދުވަހު ކުޅޭ ފުރަތަމަ ސެމީގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއް ވަނަ ޗެލެންޖާސް އަދި ގްރޫޕް ބީގެ ދެ ވަނަ އެންމެ ފަހުގެ ޗެމްޕިއަން އެކްސިޓޯ އެވެ. ހުކުރު ދުވަހު ކުޅޭ ފަހު ސެމީގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ އެއް ވަނަ އޯލް އެޓޭކު އަދި ގްރޫޕް އޭގެ ދެ ވަނަ ކަންމަތި އެފްސީ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާާވަލްކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ.
މި މުބާރާތަކީ އެރަށުގެ ފުޓުބޯޅަ ޗެލެޖެންޑު އަލްމަރުހޫމް އަބްދުއް ރައްޒާގު މޫސާގެ ހަނދާނުގައި 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ "ތުއްތޮންބެ ކަޕް"ގެ ނަމުގަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު މުބާރާތުގެ ނަން ވަނީ ރައްޒާގުބެ މެމޯރިއަލް ކަޕަށް ބަދަލުކޮށްފަ އެވެ.