ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 21:59
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު
ޕޭ ހާމަނައިޒޭޝަންގެ ދަށުން ފުލުހުންނާއި ސިފައިންފެ މުސާރައަށް ހެޔޮ ބަދަލު ގެންނާނަން: ރައީސް
ފުލުހުންގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ފުލުހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން
ސިފައިންނާއި ފުލުހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މިހާރު ދަނީ ދިރާސާ ކުރަމުން
ޕޭ ހާމަނައިޒޭޝަންގެ ދަށުން ޓީޗަރުންނާއި ލެކްޗަރާއިންގެ މުސާރައަށް ވަނީ ބަދަލު ގެނެސްފައި، ސިއްހީ ދާއިރާގެ މުސާރައަށް މެއި މަހުން ފެށިގެން ބަދަލު އަންނާނެ

މިހާރު ކުރިއަށްގެންދާ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށްޓަކައި ފުލުހުންގެ ޚިދުމަތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް އެބަހުރި ކަމަށެވެ. އެގޮތުން، ފުލުހުންގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ފުލުހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ. އެގޮތުން، ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށާއި މަތީ ތަޢުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރާއިންގެ މުސާރައަށް ވެސް، މިދިޔަ މަރޗް މަހުން ފެށިގެން ހެޔޮ ބަދަލެއް ގެނެވިއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ދަށުން އަންނަ މެއި މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރައަށް ވެސް ކުރިއަށް އޮތްތަނުގައި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެ ކަމާ ގުޅޭ ދިރާސާތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލުތަކެއް ގެންނާނަން. އެކަމާ ބެހޭ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ ކުރަމުން. މިދެންނެވި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ވަނީ އާންމު ރައްޔިތުންގެ އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަން ފާހަގަކުރައްވައި ފުލުހުންނާއި ސިފައިންނަށްވެސް އެ ދަތިކަން އެބަ އޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ހާއްސަކޮށް ރަށުން ބޭރުގައި އަދި އާއިލާއާ ދުރުގައި ވަޒީފާ އަދާކުރަންޖެހިފައިވާ ފުލުހުންނަށް އެ ދަތިކަމުގެ އިހުސާސް ވަކިން ބޮޑަށް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިންގ ސްކީމް" ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ހަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް