އީޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަންގެ ތެރެއިން ނުނިމި ހުރީ ދެ އިންސައްތަ އެއްހާ މަސައްކަތްތައް ކަަމަށް ޤަބޫލުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. ހޯމަ ދުވަހުގެ ކޮމިޓީގައި މިނިސްޓަރ ވަނީ ރެޖިސްޓްރޭޝަން މަރުހަލާ އަށް ދިމާވާ މައްސަލަތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން އެ މިނިސްޓްރީ އަށް ވަސީލަތުގެ ދަތިކަން ވަރަށް ބޮޑަށް އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ. ނަހުލާ ވަނީ ރަޖިސްޓްރޭޝަން މަރުހަލާގެ ބައެއް ތަފްސީލްތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ހަތަރުފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ އުޅަނދުތަކުގެ ތެރެއިން ޕެންޑިންގައި ވަނީ 18 އުޅަނދުގެ ރަޖިސްޓްރީގެ މަސައްކަތް ކަމާއި، ފައިސާ ދައްކާފައިވާ 14 އުޅަނދު އަދި ޕްރޮސެސިންގައި 89 އުޅަނދު ހުރި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 2 ފުރޮޅުލީ އުޅަނދުގެ ގޮތުގައި ރަޖިސްޓްރީގެ ގޮތުގައި ޕެންޑިންގައި 55 އުޅަނދު ހުރި އިރު ފައިސާ ދައްކާފައި ވަނީ 50 އުޅަނދަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އީޕޯޓަލްގެ ތެރެއިން ހުށަހެޅި ހުރިހާ އެޕްލިކޭޝަންގެ އަދަދަކީ 195559 އެޕްލިކޭޝަން ކަމަށާއި ނުނިމި ހުރީ 12000 އެއްހާ އެޕްލިކޭޝަންގެ މަސައްކަތް ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.
ގަރާޖު ރެޖިސްޓްރީކުރަން މިނިސްޓްރީ އަށް ހުށަހެޅިތާ 4 މަސް ވީ އިރުވެސް ޚިދުމަތް ފޯރުކޮށްދެވިފައި ނުވާ މައްސަލަ އެއްވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި މިނިސްޓްރީން މައްސަލަ ހުށަހެޅި ފަރާތަށް މީގެ ކުރިން ދިން ޖަވާބުގައި ބުނެފައި ވަނީ ޚިދުމަތަށް އެދި ހުށަހެޅި ޤަރާރު ހުރީ ޤަވާއިދާއި އެއްގޮތަށް ނޫން ކަމަށާއި އެކަންކަން އިސްލާހުކުރަން ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާ ކަަމަށެވެ. އަދި ވެރިފަރާތަށް ނޭނގި ގަރާޖުގައި އުޅަނދު ރަޖިސްޓްރީކޮށްދިން ކަމަށް ވެސް ވަނީ އެ މައްސަލަތަކުގައި ބުނެފައެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ގަރާޖުގެ ހުރިހާ މަސައްކަތެއް ހުރީ ސިޓީ ކައުންސިލާއި ހަވާލުކުރެވިފައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގަރާޖުގެ ހުއްދަތައް ދެމުން ދަނީ ގަރާޖުގެ ކަންކަން އިންސްޕެކްޝަން ހެދުމަށް ފަހު ސިޓީކައުންސިލުން ފޮނުވާ މައުލޫމާތަށް ބެލުމަށް ފަހުގައި ކަމަށެވެ.
މީގެ އިތުރުން އޯވަރއޭޖް ވެހިކަލްތައް ރެޖިސްޓްރީކޮށްދެނީ ވެހިކަލް ގެންނަ ފަރާތަށް ދިމާވާ ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެ މަރުހަލާ ކުރިއަށް ގެންދަނީ ސިއްރުން ނޫން ކަމަށާއި އެ މަރުހަލާގެ ތަފްސީލްތައް އެނގެން ހުންނާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެއްގަމު އުޅަނދުފަހަރުގެ އިތުރުން ކަނޑު ދަތުރުފަތުރާއި ގުޅުން ހުރި މައްސަލަތައް ވެސް ހިމެނެއެވެ. އަދި އޯވަރއޭޖް ވެހިކަލް ރެޖިސްޓްރީ ކުރަނީ ޤަވާއިދާއި ޤާނޫނުގެ ތެރެއިން ކަމަށާއި އެކަމަށް ޚާއްސަ ވަކި އުސޫލެއް ހަދާފައި ނުވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މަޖިލީހަށް ވަނީ ކަނޑު އުޅަނދުގެ ރެޖިސްޓްރޭޝަނާއި ގުޅުން ހުރި މައްސަލަތައް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ލޭންޑް ޓްރާންސްޕޯޓުގެ މައްސަލައިގައި ލަސްވެގެން ޝަކުވާ ހުށަހެޅިފައިވީ ނަމަވެސް ކަނޑު އުޅަނދުގެ ސަރވޭ އާއި މެދު މައްސަލަ އެއް ރަސްމީ ގޮތުން ލިބިފައި ނުވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެކަން ހިނގާފައި ވަނީ ކިހިނެތްތޯ ބައްލަވާނެ ކަަމަށާއި މަޖިލީހުން އެ މައުލޫމާތު މިނިސްޓްރީ އާއި ހިއްސާކޮށްދިނުން އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.