މާލޭގެ މަގުތަކުގައި ޕާކިން ސްލޮޓްތައް ވަކި ފަރުދަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރާންޕޯޓް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއަށް ޢަމަލު ކުރުމަށް ނިންމައި، މާލޭގެ މަގުތަކުގެ ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން، މި ކަމަށް ޢަމަލުކުރުމަށް ނިންމީ، ބުދަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 211 ވަނަ ޖަލްސާގައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް އިތުރަށް ކުއްޔަށް ނުދެވޭނެ ކަމަށް އަންގައި ޓްރާންސްޕޯޓް މިނިސްޓްރީން ކައުންސިލަށް ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ. އެ ސިޓީގައި، ޖުމްލަކޮށް ބުނެފައިވަނީ، މާލޭގެ މަގުތަކުން ތަންތަން ކުއްޔަށް ދިނުމަކީ، ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނަރަލް ލަފާ ދެއްވާފައިވާ ކަމަށެވެ.
މޭޔަރ ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން ޓްރާންޕޯޓް މިނިސްޓްރީއާ މަޝްވަރާކުރައްވާނެކަމަށެވެ. އަދި މަގުތަކުގައި ހުރި ޕާކިންއަށް ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
މިމަހުގެ ފަހު ހަފްތާއިން ފެށިގެން، މާލޭގެ މަގުތަކުގެ ޕާކިންއަކީ ހުރިހާ އެންމެނަށް ޕާކު ކުރެވޭނެ ތަންތަން ކަމަށާއި އެއްވެސް މީހަކަށް ވިއްކާފައެއް އޮތް ތަނެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން، ކައުންސިލަށް ފޮނުވި ސިޓީއާ ގުޅިގެން މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމްގެ އިތުރުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވިދާޅުވީ، ކައުންސިލްގެ ޕާކިން ސްލޮޓްތައް ވަކި ފަރުދަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީއަށް ތާއީދު ކުރައްވާކަމަށާއި އަދި ޕާކިންސްލޮޓްތައް ބާތިލްކުރާ ދުވަހުން ފެށިގެން، އާންމު ރައްޔިތުންގެ އުޅަދުތައް ޕާކުކުރެވޭނެ އިތުރު ގޮތެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި އެކަން އެ ގޮތަށް ކޮށްދިނުމަށް ޓްރާންޕޯޓް މިނިސްޓްރީން ވެސް ކައުންސިލުގައި އެދިފައިވާކަމަށް ޑެޕިއުޓީ ވިދާޅުވި އެވެ.
މީގެ އިތުރުން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިޙު ވިދާޅުވީ، ބަންޑާރަ ނައިބު، މި ކަމަށް ލަފާ ދެއްވާފައި ވާތީ އުފާކުރައްވާ ކަމަށާއި މިކަމަކީ، މި ކަމުން ވަރަށް ބައިވަރު ގޯސްތަކެއް ހިނގާފައި އޮތް ކަމެއް ކަމަށެވެ. އަދި ބަންޑާރަ ނައިބު މިލަފާ ދެއްވުމަކީ، ހިތް ވަރުގަދަ ކަމެއް ގޮތުގައި ވެސް ސައިފް ފާހަގަ ކުރެއްވި އެވެ.
މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފެށީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު، 2022ގަ އެވެ.