Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 19:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ކައުންސިލްތައް
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
2000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ތިން ކައުންސިލަރުން އަދި އެއަށް ވުރެ މަތީގެ އާބާދީތަކަށް ފަސް ކައުންސިލަރުން ހޮވާނެ
މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު 19 އިން 16 އަށް މަދުކުރަން ނިންމާފައިވޭ
އާބާދީގެ ނިސްބަތުން ބަލާ ނަމަ ސިޓީ ކައުންސިލަށް އަލަށް މީހުން ހޮވާ އިރު "އައްޑޫ، ތިނަދޫ އަދި ކުޅުދުއްފުށީ"، މި ސިޓީތަކުގައި މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭނެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އަހަރަކަށް ވެފައި ވަނިކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުރާސްފަތި ދުވަހު އެ އިސްލާހު ފާސްކޮށްފައި ވަނީ މެމްބަރުންނާއި ކައުންސިލަރުންނާއި ލާމަރުކަޒީ ދާއިރާގެ ހައްގުތައް ހޯދުމަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ ކަންބޮޑުވުމަށް ބެލުމެއް ނެތި އެވެ. އެ އިސްލާހު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. 54 މެންބަރުން އެ ބިލު ފާސްކުރަން ވޯޓު ދީފައިވާ އިރު ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީ އަށް ނިސްބަތްވާ 11 މެންބަރުންނެވެ.

މިހާރު ގެނައި އިސްލާހުގައިވާ ބުނެފައި ވަނީ 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް މީގެ ފަހުން ހޮވާނީ ތިން ކައުންސިލަރުން ކަމަށެވެ. އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. އޭގެ ތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް ހޮވާނެ އެވެ. ހަމައެހެންމެ ފަސް ކައުންސިލަރުން ތިބެ ކައުންސިލްތަކަށް ދެ އަންހެން ކައުންސިލަރުން ހޮވާނެ އެވެ.

ކުރިން ގާނޫނު އޮންނަ ގޮތުން ނަމަ 3،000 އަށްވުރެ މަދުގެ އާބާދީތަކަށް ފަސް ކައުންސިލަރުން ތިބެ އެވެ. އަދި އެއަށް ވުރެ ގިނަ އާބާދީތަކަށް ތިބެނީ 6 ކައުންސިލަރުންނެވެ.

އަލަށް ގެނައި އިސްލާހުގައި ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެ އާއި ފުވައްމުލައް ސިޓީ ކައުންސިލްގައި ތިބޭނެ ކައުންސިލަރުންގެ އަދަދު ތަފްސީލްކޮށްދީފައިވެ އެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގައި ތިބޭނީ 16 މެންބަރުން ނެވެ. ކުރިން މާލެ ސިޓީ ކައުންސިލްގައި ތިބެނީ 19 ކައުންސިލަރުންނެވެ.

މީގެ އިތުރުން، ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރު ހިމެނޭހެން 9 މެމްބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އައްޑޫ ސިޓީ ކައުންސިލް، ތިނަދޫ ސިޓީ ކައުންސިލްގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު އިސްލާހުގައި ހިމަނާފަ އެއް ނުވެ އެވެ. ނަމަވެސް އާބާދީގެ ނިސްބަތުން ބަލާނަމަ ސިޓީ ކައުންސިލަށް އަލަށް މީހުން ހޮވާ އިރު އެ ސިޓީތަކުގައި މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭނެ އެވެ.

- ކޮމެންޓް