Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 13:16
ރައީސް ޑރ.މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ރައީސް ޑރ.މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ވިލިމާލެ
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
މޭޔަރަކަށް މުއިއްޒު ހުންނަވައި ގަސް ކެނޑުމުގެ މަސައްކަތް ކޮށްފައިވޭ
ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވިއިރު އެކަން ސަމާލު ކަމަށް ގެނެސްފައިވޭ
މިއީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ކުޅި ވަރަކަށް ހަދާފައިވާ މައްސަލަ އެއް

ވިލިމާލޭގައި ރައްޔިތުންނަށް އުދަނގޫވާ ގޮތަށް ހުރި ދެ ނިކަގަހެއް ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިއިރު، އެމަނިކުފާނު މާލެ ސިޓީ މޭޔަރު ކަމުގައި ހުންނަވައިގެން ގަސް ނެގުމުގެ މަސައްކަތް ކުރިކަން ހާމަވެއްޖެ އެވެ.

ވިލިމާލޭގައި ހުންނަ އެއް ގަސް ހުންނަނީ ފުލުހުންގެ ސްޓޭޝަން ކައިރިއެވެ. އަނެއް ގަސް ހުންނަނީ އެ ރަށުގެ "ވޯޓަރ ސްޕޯޓްސް ބީޗް" ސަރަހައްދުގަ އެވެ. އޭގެ ތެރެއިން އެ ވޯޓަރ ސްޕޯޓްސް ބީޗާ ދިމާލުގައި ހުންނަ ގަހުގެ މުލާއި ގޮފިތަކުގެ ސަބަބުން އެ ސަރަހައްދުގެ ގޭގެ އަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

އެ ސަރަހައްދުގެ ގެއެއްގައި ދިރިއުޅުނު މީހެއް ރާއްޖެއެމްވީ އަށް ބުނީ، މި ގަހުން ގެއަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށާއި، ގެއަށް މޫ ވަދެ، ތިން މަހުން އެއް މަހުން ފާހަނާތައް ވެސް ހަދަން ޖެހޭ ކަމަށެވެ. އަދި ވަރަށް ބޮޑަށް ކަތުރުފަނީގެ އުދަނގޫ ވެސް ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ މި މައްސަލަ ކުރިމަތިވާން ފެށިއިރު، މިސަރަހައްދު ބަލަހައްޓަމުން ދިޔައީ އެންވަޔަރަންމަންޓް މިނިސްޓްރީންކަން ފާހަގަކޮށް އެމީހާ ބުނީ އޭރު މި މައްސަލަ ސަމާލު ކަމަށް ގެނެސް ހައްލު ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.

އޭގެފަހުން ވިލިމާފަންނު ދާއިރާގެ މެންބަރަކަށް އަހުމަދު ނިހާނު ހުސެއިން މަނިކު ހުންނެވި ދުވަސްވަރު ވެސް މި މައްސަލަ ހައްލު ކޮށްދިނުމަށް އެދި ނިހާނުގެ ގާތުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ހައްލެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެކި ގޮތްގޮތުން މި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، މާލެސިޓީ ކައުންސިލަށް ވަރަށް ގިނަ ފަހަރު ޝަކުވާ ހުށަހެޅި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ މާ ބޮޑު ބާރެއް ނެތް ކަމަށާއި، އެ ބިން އޭރު ބަލަހައްޓަމުން ދިޔައީ ހައުސިންގ މިނިސްޓްރީން ކަމަށެވެ. އެހެންކަމުން ހައުސިންގ މިނިސްޓަރަކަށް މުއިއްޒު ހުންނެވިއިރު އެކަން ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭގެފަހުން އެމަނިކުފާނު މާލެސިޓީގެ މޭޔަރަކަށް ހުންނެވިއިރު، މި ނިކަ ގަހުގެ މައްސަލާ ގައި ސިޓީ ކައުންސިލަށް ދިޔަ ކަމަށާއި، އޭރު ބިޑް ކޮށްގެން މި ގަސް ކެނޑުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަވަސް ހައްލެއް ލިބޭނެ ކަމަށް އެންގި ކަމަށް އެމީހާ ބުންޏެވެ. ހަމަ އެދުވަސްވަރު އެކި ދުވަސްތައް މަތިން އެ ގަހުން ގެއާ ދިމާލަށް ހުރި ގޮފިތައް ކެނޑި ކަމަށް އެމީހާ ބުންޏެވެ.

ނަމަވެސް އޭގެފަހުން މި ގަސް ކެނޑުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، ވާނުވާ ނޭނގުނު ކަމަށެވެ. ދެން މިފަހުން އަޑު އިވިގެންދިޔައީ ވިލިމާލޭގެ ރައްޔިތުންގެ ވޯޓާ އެކު މި ގަސް ކަނޑަން ނިންމި ޚަބަރު ކަމަށާއި، މިއީ ހައިރާންވި ކަމެއް ކަމަށެވެ. އަދި ބިޑް ކޮށްގެން މަސައްކަތް ކުރާ ކަމަށް ބުނެ އޭރު ކުރި މަސައްކަތްތަކާ މެދު ސުވާލު އުފެދޭ ކަމަށް އެމީހާ ބުންޏެވެ.

އެއީ ވަރަށް ދުވަސްވީ ގަސްތައްކަން ވިލިމާލޭގެ ރައްޔިތުން ގަބޫލުކުރާކަން ފާހަގަކޮށް އެމީހާ ބުނީ އެ ނިކަ ގަސް ނުނަގާނަމަ އެ ސަރަހައްދުގައި އުޅޭ މީހުންނަށް އެހެން ސަރަހައްދަކުން ބޯހިޔާވަހިކަން ދިނުމަށްފަހު އެސަރަހައްދުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެގަހާ ހެދި އެ ސަރަހައްދުގައި ދިރިއުޅެން އުދަނގޫ ކަމަށާއި، މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މިހާރު ވިލިމާލޭގެ މި ނިކަ ގަސް ނެގުމުގެ މަސައްކަތަކީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ކުޅިވަރަކަށް ހަދާފައިވާ މައްސަލަ އެއް ކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް