Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 12:53
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
މާލެ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުތައް އިތުރުވެ މަގުތަކަށް ނުކަތާވަރަށް އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވޭ
2019 އިން 2023 އަށް މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލްތަކުގެ އަދަދު 118.5 އިންސައްތައިން އިތުރުވެފައިވޭ
މުއިއްޒު ގެ މޭޔަރު ކަމާ ހަމަ އަށް މާލޭ އަށް ވެހިކަލް ރަޖިސްޓަރީ ކުރުމުގައި ކޮންމެވެސް ވަރަކަށް ބެލިފައި އޮތް

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހިފައިވަނީ މާލެ ސިޓީ ކައުންސިލުގެ އިހުމާލުން ކަމަށާ 2019 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް މި ސަރަހައްދަށް ވެހިކަލްތައް ރަޖިސްޓްރީ ކޮށްފައިވަނީ ގާނޫނަކަށް ބެލުމެއް ނެތި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލެ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުތައް އިތުރުވެ، މަގުތައް ތޮއްޖެހި، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާތީ އެކަންކަން ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަނީ ކޮން މަސައްކަތެއްތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުތައް އިތުރުވެ، މަގުތަކަށް ނުކަތާ ވަރަށް އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ސިޓީ ކައުންސިލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި 2019 އިން 2023 އަށް ހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލްތަކުގެ އަދަދު ވަނީ 118.5 އިންސައްތައިން އިތުރުވެފަ އެވެ. 2021 ވަނަ އަހަރުން ފެށިގެން ވެރިކަން ލިބެންދެން މާލެ ސިޓީގެ މޭޔަރަކަށް ހުންނެވީ ޑރ. މުހައްމަދު މުއިއްޒެވެ.

2018 ވަނަ އަހރާ އަޅާބަލާއިރުގަ 2019 އިން 2023 އަށް ހިސާބުތަކުން ދައްކާގޮތުގަ ރަޖިސްޓްރޭޝަންގެ ވެހިކަލް ވެސް 118.5 އިންސައްތަ ވެހިކަލް މާލެ ސަރަހައްދަށް ގިނަވެފަ ވަނީ. ބައެއް ފަރާތްތަކުން ބައެއް ގެތަކުގެ ވެރިންނަށް ނޭނގި ގަރާޖު ހައްދައިގެން ސިޓީ ކައުންސިލާ ހުރިހާ ދިމާލަކުން ގުޅިގެން ހިންގާފަހުރި ގޯސްތަކެއްގެ ސަބަބުން އެހާ ބައިވަރު ވެހިކަލްތައް ގިނަވެފަ އޮތީ. އަދި ކުރިން އަޅުގަނޑު ދެންނެވި ގޮތަށް ގާނޫނާ ޚިލާފަށް އެއީ ގަރާޖެއް ނެތި ޓެކްސީ ވެސް ރަޖިސްޓްރީ ކުރެވޭނެ ގޮތްތައް އަދި އެކަން ނުކުރެވޭ ކަމުގަ ވާނަމަ އެ ބަދަލުތަކާއެކީގަ މާލެ ސަރަހައްދަށް އެހާ ބައިވަރު ވެހިކަލްތައް ޖަމާވެފަ އޮތީ،

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މިނިސްޓަރު ވިދާޅުވީ އެ މަގާމާ ހަވާލުވިއިރު ސިޓީ ކައުންސިލުން ވަނީ މާލެ ސަރަހައްދަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކެރީއިންގް ކެޕޭސިޓީ ކަނޑައެޅުން އޮންނަނީ ސިޓީ ކައުންސިލަށް ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ އުޅަނދުތަކާ ގުޅިގެން އެ ކެޕޭސިޓީ ކަނޑައަޅާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. ނަމަވެސް އެކަން ވެސް އޮތީ ނުކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

2018 އާ ހިސާބަށް ގާނޫނުގަ އޮތް ގޮތަށް ވެހިކަލްތައް ރަޖިސްޓްރީ ކުރެވެމުން ދިޔައީ ކޮންމެވެސް ވަރަކަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުންތަކަކާ އެކީގަ. އެކަމު އޭގެ ފަހުން ވެހިކަލްތައް ރަޖިސްޓްރީ ކުރުމުގަ ގަރާޖުގަ، ގާނޫނުގަ ކަނޑައެޅިފަ އޮތް މިންގަނޑުތަކަށް ބެލުމެއް ނެތި ރަޖިސްޓްރީ ކުރަމުން ގެންދިޔައިމަ އެ އައިސްފަ އޮތް ތޮއްޖެހުން ފެންނާނެ،

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މާލެ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުފަހަރު އިތުރުވެ، މަގުތަކަށް ނުކަތާ ވަރަށް ގިނަފެވައިވާއިރު ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން، މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލައަކީ ވެސް ހައްލެއް ބޭނުންވެފައިވާ ބޮޑު މައްސަލައެކެވެ.

- ކޮމެންޓް