Advertisement
ކ. މާލެ
|
15 ނޮވެންބަރ 2025 | ހޮނިހިރު 12:24
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން - ފައިލް ފޮޓޯ
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން - ފައިލް ފޮޓޯ
އަމްނާ އިމާދު
ގިރާވަރު ފަޅު
ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި މާލެއަށް ވަންނާނެ: ރައީސް މުއިއްޒު
ފްލެޓުތައް ނިމޭވަރަކަށް ދަނީ ދޫ ކުރަމުން، ލިސްޓަށް ވެސް ބަދަލެއް ނުގެންނަން
ހުޅުމާލެ ފޭސް-3 ގެ އިތުރުން ރަސްމާލެ އާއި އުތުރުތިލަފަޅު ހިއްކާނެ
ގިރާވަރު ފަޅުން ގޯތި ލިބިފައިވާ ބައެއް ފަރާތްތަކުގެ ގޯތިތައް ރަސްމާލެ އަށް ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވޭ

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މިމަހުގެ 23 ގައި މާލެއަށް ވަންނާނެ ކަމަށާއި، ވަރަށް އަވަހަށް އެ ސަރަހައްދު ހިއްކާ ނިންމާ ގޯތިތައް ހަވާލު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޚާއްސަ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ގޯއްޗާއި، ފްލެޓުތައް ދޫ ކުރަމުންދާ ކަމަށެވެ.

ގެދޮރުވެރިޔާ ފްލެޓުތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ ފްލެޓުތައް ވެސް ނިމޭވަރަކަށް ދޫ ކުރަމުންދާ ކަމަށާއި، ފްލެޓު ލިސްޓަށް ވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އެސަރަހައްދު ހިއްކާ ޑްރެޖަރު މިމަހުގެ 23 ވަނަ ދުވަހު މާލެއަށް ވަންނާނެ ކަމަށެވެ. އެއާއެކު ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާނެ ކަމަށާއި، ހުޅުމާލެ ފޭސް-3 ގެ އިތުރުން ރަސްމާލެ އާއި އުތުރުތިލަފަޅު ހިއްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑު ވައުދުވީ ގޮތަށް ވައުދު މި ފުއްދަނީ. ހަމަ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މިގޯތިތައް ކަނޑުންދީފައި ބާކީ އޮތްތަންތަން ވެސް ހިއްކަން ފެށޭނެ. އެއީ ގިރާވަރުފަޅު، ގިރާވަރު ފަޅު އެއްކޮށް ހުސްވެ، ކަނޑާއެއްކޮށް ގޯތި ދީފައި. މިއީ ހަގީގީ ވާހަކައެކޭ އެނގޭތޯ. އެތަން ހިއްކުން މިހާރު ސޮއިކޮށް މިހާރު ޑްރެޖަރު އެބަ އާދޭ. މިމަހުގެ 23 ގައި ރާއްޖެއަށް އެތަން ހިއްކާ ޑްރެޖަރު އެބަ ވަދޭ. 23 ގައި ވަދެފައި އިރާދަކުރެއްވިއްޔާ ދެން ހަމަ މޮބަލައިޒް ވެގެން ދެން ހަމަ މަސައްކަތް ފަށާނެ. ގިރާވަރު ފަޅު ހިއްކަން ވެސް. ހިއްކީމަ ގިރާވަރު ފަޅުން ވެސް ގޯތި ލިބުނު މީހުންނަށް ގޯތިތައް ހަވާލުކޮށް ނިންމާނަން. އަޅުގަނޑު ވީ ވައުދު އަޅުގަނޑު ފުއްދާނަން. އަޅުގަނޑު ނޫޅެން އެކަން ނުކުރާކަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ފްލެޓު ލިސްޓު ބަދަލު ނުކުރެވި އެލިސްޓަށް ފްލެޓުތައް ދޫކުރުމަށް މަޖުބޫރު ވެގެން ދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ލިސްޓް ފައިނަލްކޮށް ގެޒެޓްކޮށްފައިވާތީ އެވެ. އެއީ ގާނޫނީ ގޮތުން ކުރެވޭ ކަމަކަށް ނުވާތީ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން އެ ލިސްޓަށް ފްލެޓުތައް ދޫކުރުމަށް މި ސަރުކާރަށް މަޖުބޫރު ވެގެންދިޔައީ ކަމަށް ގިނަ ގާނޫނީ ވަކީލުން ވިދާޅުވެފައިވެ އެވެ.

ގޯތިތަކުގެ މައްސަލަތައް ވެސް ފެންމެތިވެފައިވާއިރު، މިފަހުން ގިރާވަރު ފަޅުން ގޯތި ލިބިފައިވާ ބައެއް ފަރާތްތަކުގެ ގޯތިތައް ފުށިދިއްގަރުފަޅު (ރަސްމާލެ) އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު މާލެ ރަށްވެހިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް، ރައީސް މުއިއްޒަށް ސިޓީ އެއް ފޮނުވާފައިވެ އެވެ. ތިލަމާލެ ބްރިޖާއެކު މުޅި ސަރަހައްދު ތަރައްގީ ކުރުމަށް ކުރީ ސަރުކާރުގެ ބޮޑު މާސްޓަރ ޕްލޭނެއް އޮތް ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އެ ޕްލޭންއާ އެއްގޮތަށް އެ ސަރަހައްދު މަސައްކަތް ކުރުމުގެ ބަދަލުގައި ބޮޑަށް މަސައްކަތް ކުރަނީ މާލެއާ މާ ބޮޑަށް ދުރުގައި އޮތް ރަސްމާލެ ހިއްކައި އެ ސަރަހައްދު ތަރައްގީ ކުރުމަށެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒު ވެފަ އެވެ.

- ކޮމެންޓް