މާލެ ސިޓީ ގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ނުހޯދިގެން އުޅެނީ ބުޅަލު ގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެކަމުގައި ހުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން ހުކުރު ވިލޭރޭ ބޭއްވި ޖަލްސާ ގައި އެމަނިކުފާނު ވިދާޅުވީ ބުޅަލުގެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލަ އެއް ކަމަށެވެ.
މި މައްސަލަ ހައްލު ކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން ބަލަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް މި މައްސަލަ އަށް އެދެވޭ ހައްލެއް ލިބިފައި ނުވާއިރު، މިކަމުގައި ބުޅަލާއި ޖަނަވާރުތަކުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން މައްސަލަ ހައްލު ކުރުމުގައި އެ މީހުންގެ ޝަކުވާތައް އަޑުއަހައި އެކަމަށް ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ކަމަކީ މުޅި ސޮސައިޓީ ގުޅިގެން ހައްލު ކުރެވޭނެ ކަމެއް. މީގަ އުޅޭނެ މިއަށް ވަކާލާތު ކުރާ ފަރާތްތަކުން. އެ ފަރާތްތަކުގެ ވެސް އެއްބާރުލުން ބޭނުންވާނެ ކަމެއް މީ. މި ސަރުކާރުން ބޭނުންވޭ މިކަމަށް ދާއިމީ ހައްލެއް ގެންނަން. އެހެންވީމަ މިކަމުގަ އަޅުގަނޑުމެން ހަމަ ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނަން. ވަރަށް ސީރިއަސް މައްސަލައެއް އެއީ. މީގެ ސަބަބުން ނުކުންނަ ބަލިތައް، އުފެދޭ ބަލިތައް، ޚާއްސަކޮށް ވާރޭ ވެހުނީމަ މަގުމަތީގަ މި ދިމާވާ ދަތިތައް އެއީ ހަގީގަތުގަ ވަރަށް ބޮޑަށް ހައްލު ކުރަން ޖެހިފައިވާ މައްސަލައެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު![]()
ރައީސް މިފަދައިން ވިދާޅުވި އިރު މިކަމަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ހުޅުވާލީ އެ ބާވަތުގެ މަސްވެރިކަމަށް ރައްޔިތުން ދެކޮޅު ކަން ގައުމީ ސާވޭ އަކުން ދައްކާފައި ވަނިކޮށެވެ.
އޭގެ އިތުރުން ފެހިކަން ގަދަ ވިލިމާލެއިން ދެ ނިކަ ގަސް ނެގުމަށް ވެސް ނިންމާފައިވާ ކަން އެމަނިކުފާނު އިއުލާނު ކުރެއްވީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ގިނަ ފަރާތްތަކެއް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
އެހެން ކަމުން ބުޅަލުގެ މައްސަލަ ހައްލު ނުވަނީ ޖަނަވާރުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުންގެ ކަންބޮޑުވުން އެކަމުގައި ހުރެގެން ކަމަށް ބުނުމަކީ ގަބޫލުކުރަން އުނދަގޫ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ބުޅާ ފެސިލިޓީ އަކީ ފަސްހާސް އަކަފޫޓޫ ބޮޑު ފެސިލިޓީ އެކެވެ. އެތަނުގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭން ޖެހޭ ބޭސްތައް ބަހައްޓާނެ ފާމަސީއަކާއި އެ ބުޅާތަށް އުޅޭނެ ރަނގަޅު ފެންވަރެއްގެ ސަރަހައްދެއް ވެސް ކައުންސިލުން ވަނީ ތަރައްގީ ކޮށްފަ އެވެ.
ނަމަވެސް އެ ތަން ސިޓީ ކައުންސިލް އަތުން ސަރުކާރުން އަތުލުމަށްފަހު ބުޅާތައް މަގުމަޗަށް މަރުވެ، މަގުތަށް ނަޖިސްކުރަން ދޫކޮށްލާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.