މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ "ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމެޓީން ހުޅުވާލައިފި އެވެ.
މިއީ، މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން މާލެ ސިޓީގެ ހުރިހާ އަވަށަކަށް އަމާޒުކޮށް، މާލެ ސިޓީގެ ދާއިރާތަކުގައި ތިއްބެވި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ އަންހެނުންނަށް ހާއްސަކޮށް ދޭ އެވޯޑެކެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން އާދީއްތަ ދުވަހު ގެޒެޓްގައި ޝާއިޢުކޮށްފައިވާ އާންމު އިއުލާންގައި މި އެވޯޑަށް ކުރިމަތި ލުމަށް އެދި ހުށަހަޅާ ފޯމާއި، އެވޯޑާ ބެހޭ ގަވައިދު ކަރުދާހުގެ ލިންކެއް ވަނީ އާންމުކޮށްފައެވެ. އަދި މިތަކެތި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އެވެ.
މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރާ (އެމް ޑަބްލިޔު އެސްސީ 4 ވަނަ ފަންގިފިލާ) އިން ވެސް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ އިދާރާއިން ފޯމު ދޫކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މިގޮތުން، ފޯމު ބަލައިގަތުމާއި، ފޯމު ދޫކުރުމާއި، ފޯމް ބަލައިގަތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 1:30 އަށް ކުރިޔަށްދާނެ ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.
މި އެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީހަކީ 25 ނޮވެމްބަރ 2025 އަންގާރަ ދުވަހުގެ 1:30 އެވެ. މި އެވޯޑަކީ މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 2023 ވަނަ އަހަރުން ފެށިގެން ދޭން ފެށި އެވޯޑެކެވެ.