Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 23:48
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަދި އެސްޑީއެފްސީގެ ކުރީގެ ސީއޯއޯ ނާޒިމް ހަބީބު
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަދި އެސްޑީއެފްސީގެ ކުރީގެ ސީއޯއޯ ނާޒިމް ހަބީބު
ރާއްޖެއެމްވީ
ޓެކްސީ ޚިދުމަތް
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
ޓެކްސީ ނަފާ ލޯނު ދޫކުރެވުނު އިރު ގަވާއިދުގައި ޓެކްސީ ރަޖިސްޓަރީ ކުރުމަށް ގަރާޖް ސިޓީ އަކަށް ބޭނުމެއް ނުވޭ
މިހާރު އަމީން ދައްކަވާ ވާހަކަތަކަކީ ސަރުކާރުން ހަދަން މަސައްކަތް ކުރާ ޓެކްސީ ލައިންގެ މަސައްކަތް ވަރުގަދަކުރުމަށް ދައްކާ ވާހަކަތަކެއް

ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދިން ލޯނު ދީފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަަމަށް އެސްޑީއެފްސީގެ ކުރީގެ ސީއޯއޯ ނާޒިމް ހަބީބު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވަނީ އެސްޑީއެފްސީން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދޭން ނިންމާފައި ވަނީ އުސޫލާއި އެއްގޮތަށް ނޫން ކަަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެސްޑީއެފްސީ އިން ލޯނު ދީގެން ޓެކްސީ ގެނައުމަކީ ޤާނޫނާއި ޚިލާފަށް ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތަށް ލޯނު ހޯދައިގެން ޓެކްސީ ގެނައި ކަމުގައި ވީ ނަމަވެސް ރެޖިސްޓްރީ ކުރާނެ ތަނެއް ހަމަ ނުޖެހޭ ނަމަ އެ ލޯނު ލިބުނު ފަރާތްތަކަށް ޓެކްސީ ރަޖިސްޓަރ ކުރެވޭނެ މަގުފަހިކޮށް ނުދެވޭނެ ކަަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ އަށް ހައްލެއް ހޯދާދިނުމަށް ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"އެސްޑީއެފްސީ އަށް ދަންނަވާފައި ވާނީ ލޯނުތަކަށް ލުއިގޮތެއް ހަދަން. އެ ކާރުތައް ޤާނޫނާއި ޚިލާފަށް ރެޖިސްޓަރ އެއް ނުކޮށްދެވޭނެއޭ ބުނިން. އެއީ ރަނގަޅަށް ހިނގާފައި އޮތް ކަމެއް ނޫން." އަމީން ވިދާޅުވިއެވެ.

އަމީންގެ އެ ވާހަކަތަކާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ އަމީން އެ ވާހަކަތައް ދައްކަވާފައި ވަނީ އާއްމުންނަށް ހަގީގަތް އޮޅުވާލާ، ޒިންމާ އިން ރެކިވަޑައިގަތުމަށް ކަމަށެވެ. ޓެކްސީ ދުއްވަން ކާރު ގަންނަން ހާއްސަ 'ޓެކްސީ ނަފާ ލޯނު' އެސްޑީއެފްސީން ތައާރަފްކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ.

ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރާ އިރު ގަރާޖު ސިޓީ އަށް ބޭނުން ނުވާ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އިސްލާހުކޮށްފައިވެއެވެ. ޓެކްސީތަކަށް ގަރާޖު ސިޓީގެ ޝަރުތު އުނިކޮށްފައި ވީ ނަމަވެސް، އެ ގަވާއިދުގައިވާ ގޮތުން ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 10,000ރ. ޓްރާންސްޕޯޓަށް ދައްކަން ޖެހޭނެއެވެ.

އެހެންކަމުން ލޯނުގެ ދަށުން ޓެކްސީ ގެންނަ މީހުންނަށް އެ ޓެކްސީ ރަޖިސްޓްރީ ކުރުމުގައި ހުރަހެއް އޭރު ނެތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން މި ސަރުކާރުން ވަނީ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. އެހެންކަމުން އެސްޑީއެފްސީގެ ލޯނު ދޫކުރަން ނިންމީ އުސޫލާއި ޚިލާފަށް ކަމަށް ބުނެ އަމީން ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭކަމަށާއި ޤަވާއިދަށް ބަދަލެއް ގެނައި ނަމަ ގެނެސްފައިވާނީ ވެސް މި ސަރުކާރުން ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

"އެސްޑީއެފްސީއިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އޮޅުއްވަނީ ޒިންމާ އިން ރެކެން. ޒިންމާ ނަގަން ބޭނުން ނުވާތީ ދައްކާ ވާހަކަ ހައްތަހާވެސް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެސްޑީއެފްސީން ލޯނަށް ހުޅުވާލީ އުސޫލާއި އެއްގޮތަށް ބަލަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން މިހާރު އަމީން ދައްކަވާ ވާހަކަތަކަކީ ސަރުކާރުން ހަދަން މަސައްކަތް ކުރާ ޓެކްސީ ލައިންގެ މަސައްކަތް ވަރުގަދަކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް