އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އާސެނަލް އާއި ލިވަޕޫލް 2-2އިން އެއްވަރުވި މެޗުގައި ލައިންސްމަން، ލިވަޕޫލްގެ އެންޑީ ރޮބަޓްސަން އަށް ހަމަލާދިނުމާ ގުޅިގެން އޭނާގެ މައްސަލަ ބަލަން ނިންމައިފި އެވެ.
އިނގިރޭސި އެފްއޭ އާއި ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލްސް ލިމިޓެޑުން ވަނީ މެޗުގެ ލައިންސްމަން ކޮންސްޓަންޓިން ހަޓްޒިދާކިސްގެ އަމަލުތައް ބަލާނެކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ރޮބަޓްސަންގެ މޫނުމަތީގައި ލައިންސްމަން އުޅަބޮށިން ޖެހީ ފުރަތަމަ ހާފު ނިމި ކުޅުންތެރިންނާއި ރެފްރީން ހިނގައިގަތް ވަގުތު ރެފްރީންގެ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން އެކަމުގެ ޝަކުވާކުރަން ކައިރިވި ވަގުތު އެވެ. ނަމަވެސް މިވަގުތު ލައިންސްމަންގެ އަމަލުތައް ހުރި ގޮތުން ރެފްރީންނަކީ އެމީހުގެ ރުޅި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަންޖެހޭ ބައެއް ކަމަށް ބުނެ އިނގިރޭސި ކުރީގެ ކުޅުންތެރިން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އަނެއްކޮޅުން ރެފްރީންނާ ވާހަކަ ދެއްކުމަށް ނުވަތަ ޝަކުވާ ކުރުމަށް ކުޅުންތެރިން ކައިރިވާ ވަގުތު ރެފްރީންގެ ގައިގައި އަތްލައި ހަދާ މައްސަލަ ވެސް މިއާއެކު ވަނީ ފެންމަތިވެފަ އެވެ. އެއީ ފުޓްބޯޅަ ގަވާއިދުގައި މަނާކަމެކެވެ. ނަމަވެސް ރޭގެ މެޗުގައި ރޮބަޓްސަން ލައިންސްމަން ގައިގައި އަތްލިކަން އަދި ޔަގީނެއްނުވެ އެވެ.
މި މައްސަލަ ސާބިތުވެއްޖެނަމަ ލައިންސަމަނަށް ބޮޑު އަދަބައް އައުން އެކަށީގެންވާ ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ދަނީ ބުނަމުންނެވެ.