ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 10:55
ލިވަޕޫލްގެ ކުޅުންތެރިން ބަހުގައި ދަތުރު ކުރަނީ
ލިވަޕޫލްގެ ކުޅުންތެރިން ބަހުގައި ދަތުރު ކުރަނީ
މެންޗެސްޓަރ ސިޓީ
ލިވަޕޫލްގެ ބަހަކަށް ހަމަލާދިނުން، ސިޓީން އެކަން ކުށްވެރިކޮށްފި
 
ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ސަޕޯޓަރުގެ ތެރެއިން މީހަކު ބަހަށް އަމާޒުކޮށް އެއްލާފައި ވަނީ ގައު ބުރިއެއް

ވާދަވެރި ލިވަޕޫލްގެ ކުޅުންތެރިންނާއި އޮފިޝަލުން ދަތުރު ކުރަމުން ދިޔަ ބަހަކަށް ހަމަލާ ދޭން މަސައްކަތް ކުރުމާއެކު، މެންޗެސްޓަރ ސިޓީން އެކަށް ކުށްވެރިކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. އެ ބައްޔާއެކު މެޗަށްފަހު ލިވަޕޫލްގެ ކުޅުންތެރިންނާއި އޮފިޝަލުން އިއްތިހާދު ސްޓޭޑިއަމް ދޫކޮށް، ދަތުރު ކުރަމުން ދިޔަ ބަހަށް ހަމަލާ ދިނުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމާ ގުޅިގެން ގްރޭޓާ މެންޗެސްޓަރ ސިޓީގެ ފުލުހުން ވެސް ބުނެފައި ވަނީ ޖިނާއީ ގެއްލުމެއް ލިބުނުކަމުގެ މައްސަލަ އެ އިދާރާ އިން ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން މެންޗެސްޓަރ ސިޓީން ނެރުނު ބަޔާނެއްގައި ބުނީ، މެޗަށްފަހު ދަތުރު ކުރުމުގެ ތެރޭގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ގެއްލުން ދިނުމަށް މަސައްކަތްކޮށްފައިވާކަމުގެ މައުލޫމާތު އެ ކުލަބަށް ލިބިފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ މީހުން ތިބި ސަރަހައްދަކުން ބަސް ދަތުރު ކުރަމުން ދަނިކޮށް، ކްލޮޕަށް އަމާޒުވާ ގޮތަށް ބަހާ ދިމާލަށް އެއްޗެއް އެއްލާފައިވާ ކަމަށެވެ. ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ސަޕޯޓަރުގެ ތެރެއިން މީހަކު ބަހަށް އަމާޒުކޮށް އެއްލާފައި ވަނީ ގައު ބުރިއެކެވެ. އެއާއެކު ސިޓީން ބުނީ ހިނގައި ދިޔަ ކަމަކީ އެ ކުލަބުން އެއްވެސް ވަރަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މީގެ އިތުރުން އެ އަމަލު ހިންގި ފަރާތެއް ހޯދައި، އެކަމުގައި ޒިންމާ ކުރުވަން ޖެހޭނެ ކަމަށް ވެސް ސިޓީން ވަނީ ބުނެފަ އެވެ. ހަމައެއާއެކު އެ ސަރަހައްދުގެ ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެކަމުގައި އެ ފަރާތަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ސިޓީން ވަނީ ބުނެފަ އެވެ.

ލިވަޕޫލްގެ ބަހަށް އަމާޒުކޮށް ގައު ބުރިއެއް އެއްލި ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް