ސައޫދީ އަރަބިއްޔާގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ދޫކޮށް ތަޖުރިބާކާރު ކޯޗު ހާވް ރެނާޑް ފްރާންސްގެ އަންހެން ފުޓްބޯޅަ ޓީމާ ހަވާލުވާން ނިންމައިފި އެވެ.
މިކަން ސައޫދީ ފުޓްބޯޅަ ފެޑަރޭޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. މިދިޔަ އަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިކޮށް ދުނިޔޭގެ ސަމާލުކަން ހޯދި ސައޫދީ ޓީމުގެ ކޯޗުކަން ދޫކޮށްލަން ހުށަހެޅީ އޭނާ އަމިއްލަ އަށެވެ. މިހެންވެ ކޮންޓްރެކްޓް ބާތިލް ކުރުމުގެ މަސައްކަތް ދެ ފަރާތުގެ ގާނޫނީ ޓީމުތަކުން ވަނީ ފަށައިފަ އެވެ.
މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ހޯދުމަށްފަހު ފްރާންސްގެ ކޯޗުކަން ސަރީނާ ވިއެގްމަން ދޫކޮށްލުމުން އެ މަގާމަށް ތަޖުރިބާކާރު މީހަކު ހޯދަން ފްރާންސުން ވަނީ މަސައްކަތް ފަށައިފަ އެވެ. މި ގޮތުން ރެނާޑް އެ މަގާމު އަދާކުރަން އެއްބްސްވީ ފްރާންސްގެ ކުރީގެ ފޯވަޑް ތިއާރީ އޮންރީ މި ވަޒީފާ އަށް ނޫނެކޭ ބުނުމުންނެވެ. ފްރާންސަކީ މި އަހަރު އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގައި ބާއްވާ އަންހެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާޑަކުރާ ގައުމެކެވެ.
އުމުރުން މިހާރު 54 އަހަރުގެ ރެނާޑް ސައޫދީގެ ގައުމީ ޓީމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭނާ ވަނީ އެފްރިކާގެ ގިނަ ގައުމުތަކަކަށް ކޯޗުކޮށްދީފަ އެވެ.