ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 13:27
ސައޫދީ އަރަބިއާގެ ކޯޗު ރޮބާޓޯ މަންޗިނީ
ސައޫދީ އަރަބިއާގެ ކޯޗު ރޮބާޓޯ މަންޗިނީ
ގޫގުލް
އޭޝިއަން ކަޕް
ޕެނަލްޓީ ޖަހަނިކޮށް ކޯޗު ޗޭންޖިންރޫމަށް، ފަހުން ބުނީ މައާފްކޮށްދޭން
އޭނާ ބުނަނީ ޗޭންޖިން ރޫމަށް ދިޔައީ މެޗު ނިމުނީކަމަށް ހީވެގެން ކަމަށް

އޭޝިއަން ކަޕުން ރޭ ސައޫދީ އަރަބިއާ ކެޓި މެޗުގައި ޕެނަލްޓީ ޖަހައި ނުނިމެނީސް ޗޭންޖިން ރޫމަށް ދިއުމުން ފާޑުކިއުން އަމާޒުވެފައިވަނިކޮށް ކޯޗު ރޮބާޓޯ މަންޗިނީ މައާފަށް އެދިއްޖެ އެވެ.

ޕެނަލްޓީ ޖަހައިގެން ކޮރެޔާ މޮޅުވީ 4-2އިންނެވެ. އެއީ މެޗުގެ 90 މިނިޓްގައި 1-1އިން އެއްވަރުވުމުންނެވެ. މަންޗިނީ ޗޭންޖިން ރޫމަށް ދިޔައީ 3-2އިން ކޮރެޔާ ކުރީގައި އޮއްވައި އެ ޓީމުގެ ވަންހީޗަން ޕެނަލްޓީ ޖަހަން ދަނިކޮށެވެ.

"އަހަރެން ގަސްތުގައި ދިޔައީއެއްނޫން. އަހަރެން ހީކުރީ މެޗު ނިމުނީ ކަމަށް. އަހަރެންނަށް މައާފްކުރޭ. އަހަރެންގެ ކުޅުންތެރިން ދޫކޮށްފައި އަހަރެން ދާކަށް ބޭނުމެއްނޫން. އެމީހުން ވަރަށް މަސައްކަތްކުރި. އަދި އެމީހުން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަރައި. އެމީހުންގެ މަސައްކަތަކަށް އަހަރެން ޝުކުރު އަދާކުރަން ބޭނުން،"
މަންޗިނީ ބުންޏެވެ.

ޕެނަލްޓީ ޖަހައި ނުނިމެނީސް މަންޗީނީ ޗޭންޖިން ރޫމަށް ދިއުމުން އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. އެއީ އިޓަލީ އަށް 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗުގެ މި އަމަލު ސައޫދީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އާއި އެ ގައުމުގެ އިސް އޮފިޝަލުން ކުށްވެރިކޮށްފައިވާތީ އެވެ.

ސައޫދީގެ ނޫސްތަކުން މިކަމާމެދު ބުނަނީ މިއީ މަންޗީނީ އެ ގައުމާއި ސަޕޯޓަރުންނާއި ކުޅުންތެރިންނަށް އިހްތިރާމް ނުކުރުން ކަމަށެވެ. އަދި މިފަދަ މީހަކު ކޯޗަކަށް ބަހައްޓަން ނުޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ މީހުން ދަނީ ބުނަމުންނެވެ.

ސައޫދީގެ ކޯޗުކަމާ މަންޗިނީ ހަވާލުވީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.

- ކޮމެންޓް