އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށް އެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
އެ ޚިދުމަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ ވުޒާރާއާ ގުޅުން ހުރި އިތުރު ޚިދުމަތްތައް ވެސް ހަރުދަނާ ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ލައިސަންސް ޑިޖިޓަލައިޒް ކުރުމަކީ ހަރުދަނާ ޚިދުމަތެއް ދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން ލައިސަންސް ކާޑު ޕްރިންޓްކޮށް ކާޑު ހަވާލުކުރުން ހުއްޓާލާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ލައިސެންސް ކާޑު ދެއްކުމަށް ފޯނު ބޭނުންކުރަން އުނދަގޫވާނަމަ އަމިއްލަ އަށް ލައިސަންސް ޕްރިންޓު ކުރުމުގެ އިހުތިޔާރު އޮންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ވިދާޅުވީ އަލަށް ތައާރަފްކުރި ޑިޖިޓަލް ލައިސެންސްގެ ހިދުމަތާއެކު، ރައްޔިތުންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި މިނިސްޓްރީއަށް ހާޒިރު ނުވެ ލައިސަންސާ ގުޅޭ ހުރިހާ ހިދުމަތެއް ޕޯޓަލް މެދުވެރިކޮށް ހޯދޭނެކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. އަދި ލައިސެންސް އަތުގައި ނެތުމުން ދިމާވާ މައްސަލަތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލާއެކު މިހާރު އީފާސް ޕޯޓަލް އަދި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ލައިސަންސް ބަލާލެވޭނެއެވެ. މީގެ އިތުރުން ލައިސަންސް ކާޑު ޕޭޖުން ފެންނާނެ ކަމަށާއި އެ ކާޑާއެކު އަރާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ލައިސެންސްގެ ހުރިހާ ތަފްސީލެއް ލިބެން ހުންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެއެވެ. މި ބަދަލާއެކު ލައިސަންސަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު އޮތް އިރު މި ބަދަލުގެ ސަބަބުން ލައިސަންސް ލިބުމުގެ މަރުހަލާ ވަރަށް ބޮޑަށް އަވަސްވާނެކަން އެ މިނިސްޓްރީ އިން ފާހަގަކުރެއެވެ. ހަމައެހެންމެ ލައިސަންސް ކާޑު އަތުގައި ނެތް ނަމަވެސް ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޕޮލިސް ޕޯޓަލް އިން ފެންނަ ލައިސަންސް ބަލައިގަންނާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެއެވެ.