ވާރލްޑް މެރިޓައިމް ޔުނިވާސިޓީއާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއާ ދެމެދުގައި މެރިޓައިމް ސިނާއަތުގައި މީހުން ބިނާކުރުމަށް މަޝްވަރާކޮށްފިއެވެ.
އޮންލައިންކޮށް ކުރިޔަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ އާއި ކަމާބެހޭ އިސް ބޭފުޅުންނާއި ވާރލްޑް މެރިޓައިމް ޔުނިވާސިޓީގެ ރައީސް ޑޮކްޓަރ ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ އަދި ނައިބް ރައީސު ޕްރޮފެސަރ މާ ޝުއޯ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރު ކޯސްތައް ހިންގާނެކަމަށާއި އެގޮތުން އީ-ލާނިން ޕްލެޓްފޯމް ބޭނުންކުރެވޭނެގޮތަށް ކަންކަން ހަމަޖައްސައިދިނުމާއެކު ވާލްޑް މެރިޓައިމް ޔުނިވާސިޓީން ކުރިޔަށްގެންދާ 50 ހަށްވުރެ ގިނަ ކުރު ކޯސްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކުރު ކޯސްތައް ހިންގުމަށް ކަމުގެ ތަޖްރިބާކާރު ބޭފުޅުން ފޮނުވައި ދޭނެކަމަށް އެ ޔުނިވާސިޓީން މިބައްދަލުވުމުގައި ހާމަކުރިއެވެ.
މިހާތަނަށް މީގެކުރިން އެ ޔުނިވާސިޓީއިން ދިވެހިރާއްޖޭގެ 15 މީހަކު ތައުލީމު ހާސިލުކޮށްފައިވާކަމަށާއި އެފަރާތްތަށް ތިބުމާއެކު އެމީހުންގެ ބޭނުން ރާއްޖެއަށް ލިބެމުންދާނެކަން ވެސް ފާހަގަކުރިއެވެ. އަދި މިހާރުވެސް އެ ޔުނިވާސިޓީގައި ދިވެހިރާއްޖޭގެ 2 ދަރިވަރަކު ސްކޮލާޝިޕްގެ ތެރެއިން ކިޔަވަމުންދާކަމަށާއި އެގޮތުން ކުރިޔަށް އޮތްތާގައި ޕޯސްޓް ގްރެޖުއޭޓް ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަންވެސް ވާރލްޑް މެރިޓައިމް ޔުނިވާސިޓީން ފާހަގަކުރިއެވެ.
1980ގެ އަހަރުތަކުގެ ކުރީކޮޅު، ޚާއްޞަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގައި ޤާބިލު، ކަނޑާއިގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާކާރުންގެ ދަތިކަން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ ތެރޭގައި ހުރިކަން ފާހަގަކުރެވުމާ ގުޅިން 1983 ވަނަ އަހަރު އައި.އެމް.އޯ އިން ވޯލްޑް މެރިޓައިމް ޔުނިވާސިޓީ (ޑަބްލިޔު.އެމް.ޔޫ) އުފައްދާފައިވެއެވެ. މި ޔުނިވާސިޓީ އަކީ ސްވިޑެންގައި ގާއިމްކޮށްފައިވާ ޔުނިވާސިޓީއެކެވެ.
މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑަބްލިޔު.އެމް.ޔޫ ނިންމާފައިވާ ދަރިވަރުން ދަނީ ކަނޑުގެ ދާއިރާއާއި ކަނޑުގެ ދާއިރާ ބައްޓަން ކުރަމުންނެވެ. ޑަބްލިޔު.އެމްޔޫ.ގެ ކުރީގެ ދަރިވަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓްރީތަކުގައި، ޝިޕިން ކުންފުނިތަކާއި ބަނދަރުތަކުގެ ޑިރެކްޓަރުންގެ މަގާމުތަކާއި، މެރިޓައިމް އެކަޑަމީތަކާއި ކަނޑުގެ ސިފައިންގެ ޖަމިއްޔާތަކުގެ އިސްވެރިންގެ މަގާމުތައް އަދާކުރައްވާ ބޭފުޅުންނެވެ. ދިވެހިރާއްޖޭގައި ވެސް ގާނޫނީ ދާއިރާގައި ބަނދަރު ހިންގުމުގެ ދާއިރާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އިންޝުއަރަންސްއާއި ގުޅޭ ދާއިރާތަކުގައި އަދި މެރިޓައިމް އިންޑަސްޓްރީގެ އެހެނިހެން ވަޒީފާތަކުގައި އެ ޔުނިވާސިޓީއިން ތައުލީމު ހާސިލުކޮށްފައި ތިބި ފަރާތްތަކުން ދަނީ ގައުމަށް ޚިދުމަތް ކުރަމުންނެވެ.