އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާދިއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއާގެ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި، 29 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން 04 ފެބުރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ލައިސަންސްގެ ޚިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުންކޮށްގެން 14 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަލަށް ތަޢާރަފްކުރެވޭ މި ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތަށް ކުރެވިގެންދާނީ ޑިޖިޓަލްކޮށް ކަމަށެވެ. އަދި ލައިސަންސް ދޫކުރެވޭނީ ވެސް ޑިޖިޓަލްކޮށް ކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.
އަދި މި ބަދަލާއި ގުޅިގެން މިހާރު ޕްރިންޓިންއަށް ކުރަމުންގެންދާ ހޭދަ ކުޑަވެގެން ދާނެ ކަމަށާއި ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރިނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅޭ ފަރާތްތަކަށް އެފުރުޞަތު ވެސް ފަހިކޮށް ދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އުޅަނދު ފަހަރުގެ ފީ ލިބެންޖެހެނީ އެ އުޅަނދެއް ބޭނުންކުރާ ސިޓީއެއްގެ ސިޓީ ކައުންސިލް ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށް ވުމާއެކު، 01 ޖެނުއަރީ 2023 އިން ފެށިގެން "ސަވާރީޕޭ" ނަމުގައި މިނިސްޓްރީން ވަނީ ޕޯޓަލްއެއް ތަޢާރަފްކޮށް ޚިދުމަތް ދޭން ފަށާފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި މި ސިސްޓަމް ތައްޔާރުކުރެވިފައިވަނީ ކަސްޓަމަރު އުޅަނދުގެ އަހަރީ ފީ ދެއްކުމާއެކު، ވަގުތުން އެ އުޅަނދެއް ދުއްވާރަށެއްގެ ކައުންސިލަށް ފައިސާ ލިބެމުންދާ ގޮތަށެވެ.
މީގެއިތުރުން މިހާރު ތައްޔާރު ކުރަމުންގެންދާ ސޮފްޓްވެއާގައި މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ހިމެނިފައިވާނެކަމަށާއި މިހާރު ޚިދުމަތް ދިނުމުގައި ބޭނުންކުރާ 7 ސޮފްޓްވެއާއެއް ސޮފްޓްވެއާއަކަށް ބަދަލު ކުރެވި ޚިދުމަތްތައް ޒަމާނީ ކުރެވިގެން ދާނެކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.