ގއ. ވިލިނގިލީގައި ކާޑުގެ ބާވަތްތައް ހުސްވެފައިވާ ކަމަށާއި ކާޑު ނުލިބެނީ އެސްޓީއޯއިން އެ ރަށުގެ އެޖެންޓުންނަށް ކާޑު ވިއްކާލުން ހުއްޓާލުމުގެ ސަބަބުން ކަމަށް ބުނެ ދައްކާ ވާހަތަކައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
އެސްޓީއޯއިން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ބުނީ ވިލިނގިލީގައި ކާޑުގެ ޝޯޓޭޖެއް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް އެ ރަށުގައި ކާޑު އެބަހުރި ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންނަށް ދަތިވާނެތީ ގދ. ތިނަދޫއިން އެ ރަށަށް ކާޑުގެ ބާވަތްތައް ގެންދަން މަސައްކަތް ފަށާފައިވާ ކަމަށާއި އެ ތަކެތި ބުދަ ދުވަހުގެ ހަވީރަށް ލިބޭނެ ކަަމަށެވެ.
ރަށުގެ އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތަކަށް ރައްދުދީ އެސްޓީއޯއިން ބުނީ އެއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އެ ކުންފުނިން ކުރިންވެސް ވިއްކަމުން އައި ގޮތަށް ކާޑު އެޖެންޓުންނަށް ވިއްކާ ކަމަށާއި ނަމަވެސް ރަށްރަށަށް ކާޑުގެ ބާވަތްތައް ގެންދިއުމުގައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ކުރިން މާލެއިން އެޖެންޓުންނަށް ކާޑު ދޫކޮށް، އެޖެންޓުން ލައްވައި އެތަކެތި ރަށަށް ގެންދިޔަ ނަމަވެސް މިހާރު ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން އެސްޓީއޯއިން އަމިއްލައަށް ރަށްރަށުގެ ބަނދަރާ ހަމައަށް ކާޑުގެ ބާވަތްތައް ގެންދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕައިލެޓް ޕްރޮޖެކްޓް ހިންގަން އެސްޓީއޯއިން ނިންމާފައިވަނީ ބައެއް އެޖެންޓުން މާލެއިން ކާޑުގެ ބާވަތްތައް ގަނެގެން ބޯޓުގައި ގެންދާއިރު ބޯޓު ދަތުރުކުރާ އެހެނިހެން ބައެއް ރަށްތަކަށް ކާޑު ވިއްކާ ކަމުގެ ޝަކުވާ ލިބެމުންދާތީއެވެ. އެސްޓީއޯއިން ބުނިގޮތުގައި އަމިއްލައަށް ރަށު ބަނދަރާ ހަމައަށް ކާޑު ގެންދިއުމަށް ނިންމީ އެ ރަށެއްގެ ކޯޓާއަށްވާ ކާޑު އެ ރަށަކަށް ޔަގީންކަމާއެކު ފޯރުކޮށްދިނުމަށެވެ.
އެސްޓީއޯގެ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ގއ. ވިލިނގިއްޔަށް ފޮނުވާ ކާޑުގެ ބާވަތްތައް އަންނަ ހޮނިިހިރު ދުވަހު އެ ރަށަށް ގެންދެވޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. ބަނދަރަށް ގެންދިއުމަށްފަހު އެ ތަކެތި އެޖެންޓުންނާ ހަވާލު ކުރުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.