Advertisement
ކ. މާލެ
|
15 ނޮވެންބަރ 2025 | ހޮނިހިރު 13:52
ވިލިގިލި ހޮސްޕިޓަލް
ވިލިގިލި ހޮސްޕިޓަލް
ގއ. ވިލިނގިލި
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
އެ ކޭސް ހޭންޑަލް ކުރެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރު ދީފައިވާ ކަމަށް
މާލެ ގެންދިއުމަށް ރިފަރ ކުރަން ދެމަފިރިން އެދުނު ނަމަވެސް ޑޮކްޓަރު އެކަން ނުކޮށްދީ އަމިއްލަ އަށް ކުރަން ބުނި ކަމަށް
ހޮސްޕިޓަލުން އެކަން ތަހުގީގު ކުރާނެ ކަމަށާ ޑޮކްޓަރުގެ އިހުމާލެއް އޮތް ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މެނޭޖަރު ވިދާޅުވި

ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ހުންނަ ގައިނަކޮލޮޖިސްޓުގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވެފައިވާ ކަމަށް އެ ކުއްޖާގެ އާއިލާ އިން ތުހުމަތު ކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެ އާއިލާ އިން ބުނީ މީގެ ނުވަ ދުވަސް ކުރިން މާބަނޑު މީހާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ލޭ ފޭބުުން ކޮންޓްރޯލް ނުވެގެން ކަމަށެވެ. އޭނާ މާނބަޑުވީ 17 އަހަރު ފަހުން ކަމަށާ އެ ހުރިހާ މައުލޫމާތެއް ވެސް ޑޮކްޓަރާ ހިއްސާ ކުރި ކަމަށް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ބުނީ އޭރު ޑޮކްޓަރު ތަކުރާރު ކޮށް ބުނަމުން ދިޔައީ އޭނާ އަށް އެ ކޭސް "ހޭންޑަލް" ކުރެވޭނެ ކަމަށް ކަމަށާ މާލެ ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ޑޮކްޓަރު ބުނި ކަމަށެވެ. އަދި އޭގެ ފަހުން ދެ ދުވަސް ފާއިތުވިއިރު ވެސް މާބަނޑު މީހާގެ ހާލު ރަނގަޅު ނުވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔައިދެމުން އާއިލާ އިން ބުނީ ކޮންމެ ދުވަހަކު ވެސް ޑޮކްޓަރު މާބަނޑު މީހާ އަށް ދެމުން ދިޔައީ ޕެރެސެޓުމޯލް ގެ އިތުރުން ބާރުގަދަ އިންޖެކްޝަން ކަމަށެވެ.

ޑޮކްޓަރު ގާތު އެ ދެމައިން މާލެ ގެންދެވޭނެ ގޮތެއް ހަމަޖައްސާދިނުމަށް އެދުނު ނަމަވެސް އެކަން ނުކޮށްދިން ކަމަށާ މާލެ ގެންދަން ބޭނުން ނަމަ އެކަން ކުރަންޖެހޭނީ އަމިއްލަ އަށް ކަމަށް ޑޮކްޓަރު ބުނި ކަމަށް ވެސް އާއިލާ އިން ބުނެފައި ވެއެވެ. އަދި ހޮނިހިރު ދުވަހު ތުއްތު ކުއްޖާ ނިޔާވި އިރު ދަރިފުޅުގެ މަސް (ޕްލެސެންޓާ) ވެސް އޮތީ މުޅިން ހެން ގިރިފައި ކަމަށް އާއިލާ އިން ކިޔާދިނެވެ.

މިހާތަނަށް އައި އިރު ވެސް ޑޮކްޓަރުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ އާއިލާ އިން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރު އަލީ ޝަމީމް ވިދާޅުވީ އެ އާއިލާ އިން މައްސަލަ ހުށަހެޅުމުން ހޮސްޕިޓަލުން އެކަން ތަހުގީގު ކުރާނެ ކަމަށެވެ. އަދި ބަލި މީހަކު މާލެ ގެންދިއުމަށް ރިފަރ ކުރެވޭނީ ޑޮކްޓަރުންނަށް ކަމަށާ އެކަމުގައި ހޮސްޕިޓަލަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބެލުމަށްފަހު، ޑޮކްޓަރުގެ އިހުމާލެއް އެ ކަމުގައި އޮތް ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލިނގިލީ ހޮސްޕިޓަލުން ރަނގަޅު ފަރުވާއެއް ނުދެވި، ދުވަސް ނުފުރައި ވިހެއި ހާލު ބޮޑު މާބަނޑު އަންހެނަކާއި ދަރިފުޅު ނިޔާވި މައްސަލައެއް މި އަހަރުގެ ފެބްރުއަރީ މަހު ވެސް ފެންމަތިވި އެވެ. އެ ދެމައިން ނިޔާވީ އިތުރު ފަރުވާ އަށް މާލެ ގެންނައުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްޑޫ އެއާޕޯޓުގަ އެވެ.

އެ ދެމައިން ނިޔާވި ހިތާމަވެރި ހާދިސާގައި ވިލިނގިލީ ހޮސްޕިޓަލާއި އެއަރ އެމްބިއުލޭންސުގެ އިހުމާލު އެކަމުގައި އޮތް ކަމަށް އާއިލާއިން ތުހުމަތު ކޮށްފައި ވެއެވެ. އޭރު ހެލްތު މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އިން ވެސް އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

- ކޮމެންޓް