ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ބަލަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ހޯމަ ދުވަހު ރާއްޖެއެމްވީއަށް ހެލްތް މިނިސްޓްރީގެ މީޑީއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި އިހުމާލުވެފައިވާ ނަމަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވިލިނގިލީ ހޮސްޕިޓަލުގައި މިމަހުގެ 15 ވަނަ ދުވަހު ވިހެއި އެ ދަރިފުޅު މަރުވީ، މަންމައަށް ލިބެންޖެހޭ ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުން ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި މަރުވީ ގއ. ދާންދުއަށް ނިސްބަތްވާ އަންހެނަކު ވިހެއި އަންހެން ކުއްޖެކެވެ. މިއީ ކުއްޖަކު ހޯދަން އެ އަންހެން މީހާ މަސައްކަތް ކުރާތާ 17 އަހަރުފަހުން ލިބުނު ކުއްޖާ ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. އަދި އަންހެން މީހާ އަށް ވެސް އެކަށީގެންވާ ފަރުވާ ލިބިފައިނުވާ ކަމަށް އާއިލާއިން ބުނެ އެވެ.
މީގެ އިތުރުން ވިލިނގިލީ ހޮސްޕިޓލުން ރަނގަޅު ފަރުވާއެއް ނުދެވި، ދުވަސް ނުފުރައި ވިހެއި ހާލު ބޮޑު މާބަނޑު އަންހެނަކާއި ދަރިފުޅު ނިޔާވި މައްސަލައެއް މި އަހަރުގެ ފެބްރުއަރީ މަހު ވެސް ފެންމަތިވި އެވެ. އެ ދެމައިން ނިޔާވީ އިތުރު ފަރުވާ އަށް މާލެ ގެންނައުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްޑޫ އެއާޕޯޓުގަ އެވެ.
އެ ދެމައިން ނިޔާވި ހިތާމަވެރި ހާދިސާގައި ވިލިނގިލީ ހޮސްޕިޓަލާއި އެއަރ އެމްބިއުލޭންސުގެ އިހުމާލު އެކަމުގައި އޮތް ކަމަށް އާއިލާއިން ތުހުމަތު ކޮށްފައި ވެއެވެ. އޭރު ހެލްތު މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އިން ވެސް އެ މައްސަލަ ބަލަމުންދާ ކަމަށެވެ.