މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ސާބިތުވުމާ ގުޅިގެން, ގއ. ވިލިނގިލި، ލައިޓްހައުސް, ޝަހީބު އިބްރާހީމް, އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ޝަހީބު ހިމެނޭހެން ހަތް މީހަކު ހައްޔަރުކުރީ އޮކްޓޯބަރު، 2020 ގަ އެވެ. އެއަށްފަހު، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި އެވެ. އަދި މި މައްސަލައިގައި ޝަހީބު އިބްރާހިމާއެކު ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
އެކަމަކު، އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލިއެވެ. ބަންދުން ދޫކޮށްލުމުން، ޝަހީބު ފިލައިގެން ވެސް އުޅުނެވެ. ޝަހީބު ފިލައިގެން އުޅެނިކޮށް އަލުން އޭނާ ހައްޔަރު ކުރީ، އޭނާގެ އަންހެނުން ހައްޔަރު ކުރުމުން، އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ފުލުހުންނާ ހަވާލުވުމުން މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޝަހީބުއަކީ ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލްގެ ކުރީގެ މެމްބަރެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި, ކޯޑިނޭޓަރުކަން ޝަހީބު ކުރިއެވެ. ފަހުން ވަނީ ޕީއެންސީގެ ކައުންސިލް މެމްބަރު ކަމުން އޭނާ ސަސްޕެންޑު ކޮށްފައެވެ. ޝަހީބަކީ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކުރި މީހެކެވެ.
ކޯޓުން ކުރިން ޝަހީބު ދޫކޮށްލީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފަހު، ތަހުގީގަށް އިތުރަށް ލިބިފައިވާ ހެކިތަކާއެކު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.