ވަކިއަތަކަށް ބުރަވެހުރެ، އެކަށިގެންވާ ހެކި ނެތި އާދައިގެ ހީއަކަށް ބިނާކޮށް މީހުން ހައްޔަރުކުރަން ފެށުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މި ކަންބޮޑުވުން ފާޅުކުރެއްވީ ދާދި ފަހުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތެއްކަމަށްވާ ގއ. ވިލިނގިލި، ލައިޓް ހައުސް، ޝަހީބު އިބްރާހީމް ކޯޓަށް ހާޒިރުނުވެގެން ހޯދަމުންދަނިކޮށް، އޭނާގެ އަނބިމީހާ ހައްޔަރުކުރުމާ ގުޅިގެން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައި ވަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންތި ފާހަގަކުރެއްވި ގޮތުގައި، ޝަހީބުގެ އަނބިމީހާ ހައްޔަރު ކުރުމުގައި އެކަށީގެންވާ ހެކި ހުރިތޯ ޤާނޫނީ ދާއިރާގެ އެންމެން ވަރަށް ފަރުވާތެރިކަމާއެކު ބަލަންޖެހެއެވެ.
މިއީ ޕްރެޖުޑިސްޑްކޮށް ނުވަތަ އާދައިގެ ހީއަކަށް ކުރަންފަށައިފި ކަމަކަށް ވެއްޖެނަމަ ވަރަށް ބިރުބޮޑު ކަމެއް!
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) September 19, 2025
އަންހެން މީހާ ހައްޔަރުކުރީ ހަމަ ހަގީގަތުގައި ވެސް އެކަމުގައި ވަރުގަދަ ހެކި ހުރެގެންތޯ ގާނޫނީ ދާއިރާގެ އެންމެން ފަރުވާތެެރިކަމާ އެކު ބަލަންތިބެންޖެހޭ ވަރުގެ ކަމެއް.
.
ެ https://t.co/BSGM5C8Be9
ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ޝަހީބުގެ އަނބިމީހާ ހައްޔަރުކުރަން އަމުރުކުރީ 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ޝަހީބު ފިލުވުމަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ނައްތާލުން އަދި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމުގެ ތުހުމަތު ވެސް ފުލުހުން ޝަހީބުގެ އަނބިމީހާގެ މައްޗަށް ކުރި އެވެ.
ނަމަވެސް ފުލުހުންގެ ފަރާތުން މި ތުހުމަތު ސާބިތުކުރުމަށް ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓެއް އެކަނިކަން ފާހަގަކުރެވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި، ފުލުހުންގެ އިންޓެލިޖެންސް މަސައްކަތް ނާކާމިޔާބުވެ، މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ޝަހީބު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން، އޭނާގެ އަނބިމީހާ ހައްޔަރުކުރުމަށް ނިންމީކަމަށް ބެލެވެއެވެ.
މިފަދަ ހައްޔަރުކުރުންތައް ކުށްވެރިކުރުމަކީ ކުށްވެރިން ދިފާއުކުރުން ނޫންކަމުގައި ގިނަބަޔަކު ފާހަގަކުރެއެވެ. އަދި މިފަދަ ކަންކަމާމެދު އަޑު އުފުލުމަކީ ދުސްތޫރީ އަދި ޤާނޫނީ ނިޒާމު ދިފާއުކުރުން ކަމުގައި ގާނޫނީ ފަރާތްތަކުން ބުނެއެވެ. މިއަދު ކުށްވެރިޔާ ހައްޔަރުކުރަން އަނބިމީހާ ހައްޔަރުކުރާ އުސޫލުން، މާދަމާ ސިޔާސީ މީހުންނާއި ނޫސްވެރިން މައިތިރިކުރުމަށް އެ މީހުންގެ އަނބިދަރިން ހައްޔަރުކުރަން ފަށައިފާނެ ކަމުގެ ބިރު އެބައޮތްކަމަށް އިދިކޮޅުފަރާތްތަކުން ފާހަގަކުރެއެވެ.