ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވަން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކުރިއަށްދާކަމަށާއި، މިހާރު ކުރަމުންދަނީ އެކަމާގުޅޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގެ މަސައްކަތްކަމަށެވެ. އެހެންނަމަވެސް ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވާނެ ވަކި ދުވަހެއް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް ވާއިރު، އޭނާގެ ހަށިގަނޑު އެރޭގެ ވަގުތެއްގައި ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ. އަދި ހަށިގަނޑު މާލެ ގެނެސްފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަން ފުލުހުން ހާމަކުރީ އާއިލާއާއެކު ފުލުހުން ކުރި މަޝްވަރާތަކަށް ފަހުގައެވެ.
ނިޝާމާގެ މަރާގުޅިގެން އޭނާގެ ފިރިމީހާއަށް ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ. ނިޝާމާގެ މަރާގުޅިގެން އޭނާގެ ފިރިމީހާ، އދ. ފެންފުށީ ރޯޒީ ވިލާ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ. ނިޝާމާގެ މަރާ ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ރަށުތެރޭގައި ވާހަކަދެކެވޭއިރު ނިޝާމާއާއި އޭނާގެ ފިރިމީހާ ޒުވާބުކުރާ ކަމަށާއި، ބައެއް ފަހަރު ވަރަށް އިހުތިރާމް ކުޑަކޮށް މުއާމަލާތުކުރާކަމަށް އެ ރަށުން "ރާއްޖެ އެމްވީ"އާ ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ވަނީ، ނިޝާމާގެ ގައިން މީގެ ކުރިންވެސް ޒަޚާމްތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ޒަޚަމްތަކަކީ ކިހިނެތް ލިބުނު ޒަޚަމްތަކެއްތޯ ސުވާލުކޮށްފައި ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.
ނިޝާމާގެ ހަށިގަނޑު ދުށްމީހަކާ ހަވާލާދީ "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދިން މީހަކު ބުނީ، މަރުވެފައި އޮތްއިރު ނިޝާމާގެ ހަށިގަނޑުން ޒަޚަމްތަކުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރާއި އަތާއި މޫނުން ޒަޚަމްގެ ނިޝާންތައް ފެންނަން ހުރިކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ކުރިންވެސް ނިޝާމާއަށް އޭނާގެ ފިރިމީހާ އަނިޔާކުރާ ކަމަށާއި، އެކަން އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުންނަށްވެސް އެނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.
ނިޝާމާގެ ފިރިމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހެން މަސައްކަތްކޮށްފައެވެ. އެއާއެކު އޭނާގެ ހާލު ސީރިއަސްވެ މިހާރު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ދަނީ ފަރުވާދެމުންނެވެ.