ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް ފޮނުވަން މަސައްކަތްކުަރަމުންދާ ކަމަށް "ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފުލުހުން ވަނީ މާލެއަށް ގެނެސްފައެވެ. އަދި އޭނާގެ ހަށިގަނޑު ރާއްޖެ އިން ބޭރަށް ފޮނުވުމަށް އާއިލާ އާއި އެކު މަޝްވަރާކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ކުރަމުންންނެވެ.
މި މައްސަލަ އާއި ގުޅޭ ގޮތުން ނޮޅިވަރަމް ކައުންސިލް މެމްބަރު އަދި އިންފޮމޭޝަން އޮފިސަރ މުހައްމަދު މުސްތަފާ ވިދާޅުވީ، 28 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނުނު ކަން ކައުންސިލަށް އެނގިފައިވަނީ ހޮނިހިރު ދުވަހުގެ 01:30 އެހާއިރު ކަމަށެވެ. ނިޝާމާ މުހައްމަދު ނަމަކަށް ކިޔާ އެ އަންހެން މީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މެންދުރު 12:30 އެހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކޮޓަރީގެ އެނދުމަތީގައި އޮއްވާ ކަަމަށް ނިޝާމާގެ އާއިލާ އާއި ހަވާލާދީ މުސްތަފާ ވަނީ ވިދާޅުވެފައެވެ.
އަދި އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ބެލި ބެލުމުން އޭނާ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ މުސްތަފާ ވިދާޅުވިއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. މަރުވި އަންހެން މީހާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރުމާއި އެހެން ބައެއް ސަބަބުތަކާއި ހުރެ އޭނާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ އަށް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށް އޭނާ ކުށުދުއްފުށްޓަށް ގޮސްފައިވާ ކަމަށް މަރުވި އަންހެން މިހާގެ އާއިލާ އާއި ހަވާލާދީ އިތުބާރު ހުރި ގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާގެ ހަށިގަނޑުގައި ނޫފައިގެން ގޮސްފައި ހުރި ތަންތަން ހުރުމުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ.
ނިޝާމާގެ ފިރިމީހާ ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް އަމިއްލަ އަށް ހާޒިރުވެފައި ކަމަށް "ރާއްޖެ އެމްވީ" އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވާ ކަމަށާއި އޭނާ އާއި ނިޝާމާގެ މަރާއި ގުޅޭގޮތުން ސުވާލުކޮށްފައިވާ ކަަމަށާއި އޭނާ 4 ގަޑި އިރު ޕޮލިސް ސްޓޭޝަނުގައި ބަހައްޓާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.