ސްރީލަންކަން އެއާލައިންސްގެ ބޯޓުތަކެއް އަލުން ކުއްޔަށް ދޭން ނިންމައިފިއެވެ.
ލަންކާގެ ދައުލަތުގެ ޚަރަދުގައި ހިންގަމުންދާ ސްރީލަންކަން އެއާލައިންސް އިން، 11 ވަރަކަށް މަތިންދާބޯޓު ލީސްކުރަން ނުވަތަ ކުއްޔަށް ދޭން މަގުފަހިވެފައިވާ ކަމަށާ މިކަމަށް ޕްރޮޕޯޒަލް އަށް ހުޅުވާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޗެއަރމަން އަޝޯކް ޕަތިރާޖް އާއި ހަވާލާދީ މީޑިއާ ރިޕޯޓް ބުނާގޮތުން އަންނަ އަހަރު ލީސް ކޮންޓްރެކްޓް ހަމަވާ އެއާކްރާފްޓްތައް އަލުން ލީސްކުރަން ޕްރޮޕޯޒަލް އަށް ހުޅުވާލަން ހަމަޖެހިފައިވެއެވެ. އަދި ލީސް ކުރާ އެއަރކްރާފްޓްތަކުގެ ބަދަލުގައި އެހެން ބޯޓުތައް ނެގުމަށް ކެބިނެޓުން ހުއްދަ ދީފައިވާ ކަމަށް ޕަތިރާޖް ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން 4 އެއާކްރާފްޓަށް ވުރެ ގިނަ އެއާކްރާފްޓުގެ ލީސް ކޮންޓްރެކްޓުގެ މުއްދަތު އަންނަ އަހަރު ހަމަވާނެއެވެ.
ދަތުރުފަތުރުކުރުމަށް އޮތް ޑިމާންޑު މިވަގުތު ބޮޑުވެފައިވާ ކަމަށާއި އެއާކްރާފްޓްތައް ލީސްނުކޮށް ގިނަ ދުވަސް ވާވަރަކަށް އަގު މައްޗަށް ދާ ކަމަށް ޕަތިރާޖް ވަނީ ވިދާޅުވެފައެވެ. އެެހެންކަމުން އެއާކްރާފްޓްތައް ހޯދުމަކީ މިވަގުތު އެންމެ އިސްކަމެއް ދޭ ކަންތައް ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއާލައިނާއި ގައުމަށް އެންމެ ރަނގަޅުގޮތަށް އަމަލުކުރަން އިސްކަން ދެއްވާނެ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސްރީލަންކަން އެއާލައިންސް މިވަގުތު 25 ގައުމެއްގެ 40 ޑެސްޓިނޭޝަން އަކަށް އޮޕަރޭޓް ކުރާއިރު އެއާލައިންގައި ހިމެނެނީ 24 ބޯޓް ކަމަށް ވެއެވެ. ޕެންޑަމިކްގެ ކުރިން މިއަށް ވުރެގިނަ ބޯޓު އޮތްނަމަވެސް ދަތުރު ފަތުރު މަދުވުމުން ބައެއް ބޯޓުތައް ކުއްޔަށް ދޭން އޭރު ނިންމި އެވެ.