ކ. މާލެ
|
16 މެއި 2022 | ހޯމަ 21:56
ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއް
ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއް
މޯލްޑިވްސް އިންސައިޑަރ
ސްރީލަންކަން އެއަރލައިންސް ޕްރައިވަޓައިޒްކުރުން
ސްރީލަންކަން އެއަރލައިންސް ޕްރައިވަޓައިޒްކުރުމަށް ބޮޑުވަޒީރު ހުށަހަޅުއްވައިފި
31 މާޗު 2021ގެ ނިޔަލަށް ލިބުނު ގެއްލުމުގެ އަދަދު 371 ބިލިއަނަށް އަރާ
2020ން 2021ށް އެކަނިވެސް އެ އެއަރލައިނަށް 45 ބިލިއަން ސްރީލަންކާ ރުޕީސްގެ ގެއްލުންވެފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވި
ސްރީލަންކަން އެއަރލައިންސް ޕްރައިވަޓައިޒްކުރުމުގެ ގެއްލުން، މީގެ ކުރިން ފްލައިޓަކަށް އަރާފައި ނުވާ މީހުންވެސް އުފުލަންޖެހޭނެ

ސްރީލަންކަން އެއަރލައިންސް ޕްރައިވަޓައިޒްކުރަން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ހުށަހަޅުއްވައިފިއެވެ.

ހޯމަ ދުވަހު ގައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ، ސްރީލަންކަން އެއަރލައިންސަށް ވަރަށް ބޮޑަށް ގެއްލުންވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން 2020ން 2021ށް އެކަނިވެސް އެ އެއަރލައިނަށް 45 ބިލިއަން ސްރީލަންކާ ރުޕީސްގެ ގެއްލުން ލިބިފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި 31 މާޗު 2021ގެ ނިޔަލަށް، ލިބުނު ގެއްލުމުގެ އަދަދު 371 ބިލިއަނަށް އަރާކަން ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކަން އެއަރލައިންސް ޕްރައިވަޓައިޒްކުރުމަކީ މިހާރު ކުރިމަތިލާން ޖެހިފައިވާ ގެއްލުމެއް ކަމަށާއި، މީގެ ގެއްލުން މީގެ ކުރިން ފްލައިޓަކަށް އަރާފައި ނުވާ މީހުންވެސް އުފުލަންޖެހޭނެ ކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

ކުރިއަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި ގައުމުގެ އިންފްލޭޝަން އިތުރަށް އުފުލޭނެކަމަށާއި، މިއާއެކު އިތުރު އުނދަގޫތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މިހާރު ލަންކާގެ އިގުތިސާދު މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި، މީގެ ކުރިން، މިއަހަރު އާމްދަނީގެ ގޮތުގައި 2.3 ޓްރިލިއަން ސްރީލަންކާ ރުޕީސް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައި އޮތްނަމަވެސް މިހާރު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 1.6 ޓްރިލިއަން ސްރީލަންކާ ރުޕީސް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރު ދައުލަތުން ޚަރަދުކުރާނެކަމަށް ލަފާކޮށްފައި ވަނީ 3.3 ޓްރިލިއަން ސްރީލަންކާ ރުޕީސް ކަމަށާއި، އެހެން ނަމަވެސް އިންޓަރެސްޓް ރޭޓް އުފުލުމާއި ސަރުކާރުން ކޮށްފައިވާ ޚަރަދުތަކާއެކު މިހާރުގެ އަންދާޒާއަކީ ދައުލަތުގެ ޚަރަދު 4 ޓްރިލިއަން ސްރީލަންކާ ރުޕީސްއަށް އަރާނެކަމަށް، ކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

ވިކްރަމަސިންގހަ ވިދާޅުވީ، މިއަހަރު ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ 2.4 ޓްރިލިއަން ސްރީލަންކާ ރުޕީސްގައި ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 13 އިންސައްތަކަން ފާހަގަކުރައްވާފައެވެ.

ފާސްކޮށްފައިވާ ދަރަނީގެ ސީލިންގަކީ 3200 ބިލިއަން ސްރީލަންކާ ރުޕީސް ކަމަށާއި، މެއި މަހުގެ ދެ ވަނަ ހަފުތާއާ ހަމައަށް 1950 ބިލިއަން ސްރީލަންކާ ރުޕީސް ޚަރަދުކުރެވިއްޖެކަން ފާހަގަކުރައްވައި ވިކްރަމަސިންގހަ ވަނީ، ބާކީ ހުރީ 1250 ބިލިއަން ސްރީލަންކާ ރުޕީސް ކަމަށް ވިދާޅުވެފައެވެ. އަދި ޓްރެޝަރީ ބިލް އިޝޫކުރެވޭ އަދަދު 3000 ބިލިއަން ސްރީލަންކާ ރުޕީސްއިން 4000 ބިލިއަން ސްރީލަންކާ ރުޕީސްއަށް އިތުރުކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އާދިއްތަ ދުވަހު ކެބިނެޓުން ނިންމާފައިވާކަމަށް ވިކްރަމަސިންގހަ ވިދާޅިވިއެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލަންކާގެ ފޮރިން އެކްސްޗޭން ރިޒަރވްގައި 7.5 ބިލިއަން އެމެރިކާ ޑޮލަރު ހުރި އިރު، މިއަދު 1 މިލިއަން ޑޮލަރުވެސް ހޯދަން މިވަނީ ވަރަށް ބޮޑަށް ދަތިވެފައިކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އެގޮތުން ގޭސް އިމްޕޯޓުކުރަން ބޭނުންވާ ފަސް މިލިއަން ޑޮލަރުވެސް ފިނޭންސް މިނިސްޓްރީއަށް ނުހޯދިގެން އުޅޭކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

އިތުރުގޮތެއް ނެތުމުން، ސަރުކާރުގެ މުވައްޒަފުންނާއި މުދަލާއި ޚިދުމަތްތަކަށް ފައިސާ ދިނުމަށް އިތުރު ފައިސާ ޕްރިންޓުކުރަން ހުއްދަ ދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ފައިސާ ޕްރިންޓް ކުރުމަކީ ފައިސާގެ އަގު ދަށްވާނެ ކަމެއް ކަމަށާއި، މިހާރު ގައުމު މިއޮތް ހާލަތުގެ ސަބަބުން ޕެޓްރޯލިއަމް ކޯޕަރޭޝަނަށާއި އިލެކްޓްރިސިޓީ ބޯޑަށްވެސް ރުޕީސް ހޯދުމަށް ދަތިކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

- ކޮމެންޓް