ސްރީލަންކަން އެއާލައިނުން 2025 ގެ ނިޔަލަށް 21 މަތިންދާ ބޯޓު ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.
އެ އެއާލައިންސުން ދިގު މުއްދަތަކަށް ވިޔަފާރިކުރުމަށް ގެންގުޅޭ ސިޔާސަތާއި އެއްގޮތަށް މަސައްކަތްކުރުމަށް 21 މަތިންދާބޯޓު ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ. އެ އެއާލައިނުން ވަނީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި ވިޔަފާރި އިތުރަށް ފުޅާކުރުމަށް އަމާޒު ހިފާފައެވެ.
ސްރީލަންކަން އެއާލައިންގެ ފްލީޓުގައި މިވަގުތު އޮތީ 24 މަތިންދާބޯޓެވެ. އެ އެއާލައިންގެ އަމާޒަކީ 2025 ގެ ކުރިން އެ ފްލީޓު 24 އިން 35 އަށް އިތުރުކުރުމެވެ. މިވަގުތު ސްރީލަންކަން އެއާލައިންގައި އޮތް 24 މަތިންދާ ބޯޓުން ގެންދަނީ 25 ގައުމެއްގެ 40 މަންޒިލަކަށް ދަތުރުކުރަމުންނެވެ. 2025 ގެ ކުރިން 35 މަތިންދާ ބޯޓުގެ ފްލީޓަކަށް އަމާޒު ހިފާފައިވާއިރު އޭގެ ތެރޭގައި ކުއްޔަށް ދޫކުރާ ބޯޓުތައްވެސް ހިމެނޭނެ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާ މަތިންދާ ބޯޓުތަކުގެ ތެރޭގައި A320 އަދި A330 މަރުކާގެ ދެ ބޯޓުވެސް ހިމެނެއެވެ. މީގެ ތެރެއިން 60 އިންސައްތަ ބޯޓަކީ ފްލީޓާއި ގުޅޭނެ ބޯޓުތައް ކަމަށް ސްރީލަންކަން އެއާލައިނުން ބުނެފައިވެއެވެ. ބާކީ ބޯޓުތަކަކީ ސްރީލަންކާއާއި އެހެން ގައުމުތަކާއި ދެމެދު ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓަރ ކުރުމަށް ބާއްވާނެ ބޯޓުތަކެއް ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
ސްރީލަންކަން އެއާލައިނުން ނެރެފައިވާ ބަޔާނެއްގައި ވަނީ ކޮވިޑް-19ގެ ހާލަތުގެ ކުރިން އެ އެއާލައިންގެ ފްލީޓުގައި 27 މަތިންދާ ބޯޓު އޮތް ކަމަށެވެ. އެހެންނަމަވެސް ފްލީޓާއި ވަކިވި 3 އެއާކްރާފްޓުގެ ބަދަލުގައި އިތުރު ބޯޓުތަކެއް ހޯދާފައި ނުވާކަމަށް ބުނެފައިވެއެވެ.