ސްރީލަންކާ ސަރުކާރުގެ ހިއްސާ އޮންނަ ސްރީލަންކަން އެއާރލައިންސްގެ ތިން މަތިންދާ ބޯޓެއްގެ އިންޖީނު ހަލާކުވެ އިންޖީނު މަރާމާތު ކުރާނެ ފައިސާ ނެތިގެން ނުދުއްވާ އޮންނާތާ އެތައް މަހެއްވެފައިވާކަމަށް އެގައުމުގެ އޭވިއޭޝަން މިނިސްޓަރ ނިމާލު ސިރިޕާލާ ޑި ސިލްވިއާ ވިދާޅުވެއްޖެއެވެ.
ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިން މަތިންދާ ބޯޓެއް ގްރައުންޑްގައި އޮންނަތާ އެތައް މަހެއްވެފައިވާކަމަށާއި އިންޖީނު މަރާމާތު ކުރާނެ ފައިސާ ނެތްކަމަށެވެ. ނަމަވެސް ބޯޓުތައް ގްރައުންޑްކޮށްފައި ބޭއްވުމަށް ވެސް ލީސް ރެންޓް ދައްކަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފައިސާއަކީ ބޯޓުތައް ބޭއްވުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާއެވެ.
މިއެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ނިމާލު ވިދާޅުވީ މަތިންދާ ބޯޓުތައް އުދުހުނަސް ނުއުދުހުނަސް މިފީ ދައްކަންޖެހޭކަމަށެވެ. އަދި އިންޓަރެސްޓް ދައްކަންޖެހުމުން ފައިދާ ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން ވިޔަފާރިތައް ހިންގައިގެން ނުވާނެކަމަށްވެސް އޭވިއޭޝަން މިނިސްޓަރ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ސްރީލަންކަން އެއަރލައިންސް ވަނީ ރައީސް ޗަންދަރިކާ ކުމާރުތުންގާގެ ވެރިކަމުގައި ޕްރައިވަޓައިޒްކޮށްފައެވެ. ނަމަވެސް ފަހުން އައި ރައީސް ކަމުގައިވާ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ވަނީ އެ އެއަރލައިން ސަރުކާރުން ހިންގާ ގޮތަށް ބަދަލުކޮށްފައެވެ.
ސްރީލަންކާގެ ދަރަނީގެ އަދަދު ވަނީ 1.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުން ދަނީ ވަރަށް ދަތި ދުވަސް ތަކަކާ ކުރިމަތިލަމުންނެވެ.