ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 20:25
ޖަޕާނާއި ޖަރުމަނު ބައްދަލުކުރި މެޗުގެ ތެރެއިން
ޖަޕާނާއި ޖަރުމަނު ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ތާރީޚީ މޮޅަކާއެކު ޖަޕާނުން ޖަރުމަނު ލަދުގަންނަވާލައިފި
 
ޖަޕާނު މޮޅުވީ 2-1ން
 
މިއީ ޖަޕާނުން ޖަރުމަނުގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރު

ތާރީޚީ މޮޅަކާއެކު ފީފާ ވޯލްްޑް ކަޕްގައި ޖަޕާނުން ޖަރުމަނު ބަލިކޮށްފިއެވެ.

ގްރޫޕް އީގައި ކުޅުނު ފުރަތަމަ މެޗު ޖަޕާނުން ކާމިޔާބުކުރީ ޖަރުމަނުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެލަނޑު ޖަހައިގެންނެވެ. 2-1ން ޖަޕާނު މޮޅުވި މި މެޗުގައި ޖަރުމަނުން ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިނީ އިކާއީ ގުންޑޯގަންއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައި ހަވާޓްޒްވެސް ޖަރުމަނަށް ލަނޑެއް ޖަހައިދިނެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމައި، ލަނޑު ބަލައިނުގެންފައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ޖަޕާނުން ވަނީ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކައި މެޗުގެ އޮއިވަރު ބަދަލުކޮށްލާފައެވެ. ޖަޕާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ރިޓްސޫ ޑޯންއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޖަޕާނަށް ލީޑު ނަގައިދިނީ ޓަކޫމާ އަސާނޯއެވެ. މިއީ ކޯ އިޓަކޫރާ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ޖަޕާން ކާމިޔާބުކުރި ލަނޑެކެވެ.

ބައިކޮޅަށް ދެލަނޑު ވަދެ ނަތީޖާ އެނބުރުނު ހިސާބުން ޖަރުމަނު ޓީމު ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައެވެ. ޖަޕާނުން ދެލަނޑު ޖެހީވެސް ޖަރުމަނު އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރުމަށްފަހުއެވެ. ޖަރުމަނުގެ ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖަޕާނުގެ ކީޕަރެވެ.

މިއީ ޖަޕާނުން ޖަރުމަނުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. ތާރީޚީ މޮޅަކާއެކު މުބާރާތުގެ ތަށި ހަތަރު އަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނު ބަލިކުރެވުމަކީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ޖަޕާނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އޭޝިޔާގެ ގައުމުތަކުން އަންނަނީ ގިނަ ބަޔަކު ހައިރާންކުރުވާފަދަ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން މި ޓީމުތައް ވަނީ ބޮޑެތި ޓީމުތަކުގެ މައްޗަށް ކުރިހޯދާފައެވެ. ޖަޕާނުން ޖަރުމަނު ބަލިކުރިއިރު, ސައޫދީ އަރަބިއްޔާއިން ވަނީ އާޖެންޓީނާ ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
63%
13%
0%
0%
13%
ކޮމެންޓް