ކ. މާލެ
|
4 ފެބްރުއަރީ 2024 | އާދީއްތަ 06:45
މެޗުގައި ލަނޑު ޖެހުމަށްފަހު އިރާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިރާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އޭއެފްސީ އޭޝިއަން ކަޕް
ފަހަތުން އަރައި މޮޅުވެ، އިރާން ސެމީ ފައިނަލަށް
އިރާން އަކީ މީގެ ކުރިން މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ޤައުމެއް

މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލްގަައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިރާން އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އިރާނުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ޖަޕާނުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ހިދެމާސާ މޮރިޓާ އެވެ. މެޗުގައި އިރާނުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި އިރާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުޙައްމަދު މުހެބީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ސަރްދާރް އަޒްމޫން އެވެ. މެޗުން އިރާން މޮޅުވީ، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހި ލަނޑުންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ލަނޑު ޖެހީ އަލީ ރިޒާ ޖަހަންބަކްޝް އެވެ.

އިރާން އަކީ މީގެ ކުރިން މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ޤައުމެކެވެ. އެ ޤައުމުން ވަނީ 1968، 1988 އަދި 1996 ގައި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އިރާން އަތުން ބަލިވެ މުބާރާތުން ކެޓި ޖަޕާން ވަނީ، މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެއީ 1992، 2000، 2004 އަދި 2011 ވަަނަ އަހަރު އެވެ.

- ކޮމެންޓް