ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 06:51
ގަތަރުގެ އަކްރަމް އަފީފް މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިގަންނަނީ
ގަތަރުގެ އަކްރަމް އަފީފް މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިގަންނަނީ
އޭއެފްސީ
އޭޝިއަން ކަޕް
މޮޅު ކީޕަރުކަން ބަރްޝާމަށް، މޮޅު ކުޅުންތެރިއަކަށް އަކްރަމް
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހީ ވެސް އަކްރަމް

އޭޝިއަން ކަޕުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ގަތަރުގެ މިޝާލް ބަރުޝާމް އަދި އެންމެ މޮޅ ކުޅުންތެރިއަކަށް އެ ގައުމުގެ އަކްރަމް އަފީފް ހޮވައިފި އެވެ.

ގަތަރުގެ އަލް ސާދަށް ކުޅެމުން އަންނަ ބަރުޝާމް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ މުބާރާތުގައި ގަތަރު ކުޅުނު ހަތް މެޗުގެ ތެރެއިން ހަމެޗުގައި ކުޅެފަ އެވެ. އަދި ރޭ 26 ވަނަ އުފަންދުވަސް ފާހަގަ ކުރި ބަރްޝާމް ވަނ ތިން މެޗުގައި ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާފަ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަކްރަމް އަކީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ. އޭނާ ވަނީ ފައިނަލް މެޗުގައި ހެދި ހެޓްރިކާއެކު މުޅި މުބާރާތުގައި އަށް ގޯލު ޖަހައިފަ އެވެ.

"އަހަރެން ގަތަރުގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރަން. ސަޕޯޓަރުންނާއި ކޯޗަށް މަރުހަބާ ކިޔަން. އަހަރެންގެ އިހުސާސްތައް ބުނެދޭކަށް ނޭނގެ. އެކަމަކު ކޯޗު ވަނީ އަހަރުމެންނަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކޮށްދީފައި،"
އަފީފް ބުންޏެވެ.

2019 ވަނަ އަހަރު މި މުބާރާތް ގަތަރަށް ކާމިޔާބުކޮށްދީ މި ފަހަރު ތަށި ދިފާއުކޮށްދިނުމުން އޭނާ ބުނީ މިއީ ހަޔާތުގައި ވެސް އެންމެ އުފާވި އެއް ދުވަސް ކަމަށެވެ.

"ސަޕޯޓަރުންނަށް ބުނަން ބޭނުންވަނީ އަދި ކާމިޔާބީގެ ދުވަސްތައް އޮތީ ކަމަށް. އަހަރެންގެ ޓީމް މޭޓުންނަށް ޝުކުރު އަދާކުރަން އިތުބާރުކޮށްފައި ޕެނަލްޓީޖަހަން އަހަރެންނަށް ދިނީތީވެ. މިއީ އަހަރުމެންނަށް ހައްގު ކާމިޔާބީއެއް،"
އަފީފް ބުންޏެވެ.

ފައިނަލް މެޗުގައި ޖޯޑަން ކޮޅަށް ގަތަރުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ލިބުނު ޕެނަލްޓީން އިންނެވެ.

- ކޮމެންޓް