ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 06:49
މެޗުގެ ފަހު ވަގުތުގެ ތެރޭގައި ލަނޑު ޖެހުމަށްަފަހު ޤަތަރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގެ ފަހު ވަގުތުގެ ތެރޭގައި ލަނޑު ޖެހުމަށްަފަހު ޤަތަރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އޭއެފްސީ އޭޝިއަން ކަޕް
ފަހު ވަގުތު ވަރުގަދަ އިރާން އަތުން މޮޅުވެ، ޤަތަރު ފައިނަލަށް
މި މަހުގެ 10 ވަނަ ދުވަހު އޮންނަ ފައިނަލްގައި ޤަތަރު ނިކުންނާނީ ޖޯޑަންއާ ދެކޮޅަށް

މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އިރާން ބަލިކޮށް، މުބާރާތް ބާއްވާ ޤައުމު ޤަތަރުން ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ޤަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. އިރާން އަކީ މިއަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އެންމެ ވަރުގަދަ އެއް ޓީމެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އިރާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ސަރްދާރް އަޒްމޫން އެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ޤަތަރުން ލަނޑު ޖަހައި ނަތީޖާ ހަމަހަަމަ ކުރި އެވެ. އަކްރަމް އަފީފް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖަސެމް ގަބާ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޤަތަރުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ވެސް ނަގައިފަ އެވެ. އަޙުމަދު ފާތީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ އަފީފް އެވެ.

ދެ ވަނަ ހާާފުގައި އިރާނުން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް، އަލީ ރިޒާ ޖަހަންބަކްޝް ނަތީޖާ ހަމަހަމަ ކުރީ 51 ވަނަ މިނެޓުގަ އެވެ. އޭގެ ފަހުން މެޗުން ޤަތަރު މޮޅުވީ 82 ވަނަ މިނެޓުގަައި ލަނޑު ޖަހައިގެންނެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލްމޯޒް އަލީ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އަބްދުލް އަޒީމް ހާާތިމް އެވެ.

މި މަހުގެ 10 ވަނަ ދުވަހު އޮންނަ ފައިނަލްގައި ޤަތަރު ނިކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ. މިއީ ޖޯޑަން އިން އޭއެފްސީ ކަޕްގެ ފައިނަލެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. މިއީ ޤަތަރުން މުބާރާތުގެ ފައިނަލްގައި ކުޅޭނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުގެ ފައިނަލްގައި އެ ޓީމު ކުޅުނުއިރު، އެ އަހަރު ވަނީ މުބާރާތް ކާމިޔާބު ވެސް ކޮށްފަ އެވެ.

- ކޮމެންޓް